ދުނިޔެ

މަހުޖަނެއްގެ ދަރިއަކު ކުއްތާއަކަށް 8 އައިފޯނު ގަނެދީފި


ޗައިނާގެ މަހުޖަނެއްގެ ފިރިހެން ދަރިއަކު، އޭނާ ގެންގުޅޭ ކުއްތާއަކަށް އައިފޯން ސެވަންގެ 8 ފޯނު ގަނެދީފިއެވެ. 

ޗައިނާގެ ބިލިއަނަރު ވަންގ ޖިއަންލިންގެ ދަރިއެއްކަމަށްވާ ވަންގ ސިކޮންގ އޭނާ ގެންގުޅޭ ކޮކޯ ނަމަކަށް ކިޔާ ކުއްތާއަށް އައިފޯނު ސެވަންގެ 8 ފޯނު ގަނެދީފައިވަނީ އެފޯނު ބާޒާރަށް ނެރުނު ދުވަހުއެވެ. އައިފޯނުގެ އެންމެފަހުގެ މޮޑެލް ބާޒާރަށް ނެރުނު ދުވަހު ކުއްތާއަކަށް އެހާ ފަޞޭޙައިން ލިބުނުއިރު، ޗައިނާގައި ތިބި އައިފޯނުގެ ސަޕޯޓަރުން ދިޔައީ އެޤައުމުގެ އެކި ކަންކޮޅުތަކުގައި ދިގު ކިޔޫތައް ހަދަމުންނެވެ. އަދި އެއް ބަޔަކު ދިޔައީ ހޮންގކޮންގުން އައިފޯނު ހޯދުމަށް މަސައްކަތްކުރަމުންނެވެ.  

ޗައިނާގައި އައިފޯނު ސެވަން އެއްހާސް ސާޅީސް ހަތް ޑޮލަރަށް ލިބޭއިރު، އައިފޯން ސެވަން ޕްލަސް ލިބެނީ އެއްހާސް އެއްސަތޭކަ ނުވަދިހަ ހަތް ޑޮލަރަށެވެ.

img:http://s1.psmnews.mv/images/660x400/14743729623891.jpg|ބޭކާރު ޚަރަދުކުރުމުގައި މަޝްހޫރު ވެފައިވާ ވަންގ ސިކޮންގ، އަންހެންކުއްޖަކާއެކު ސެލްފީއެއް ނަގަނީ

މީގެ ކުރިން ވަންގ ވަނީ އޭނާގެ ކުއްތާއަށް އެތައްހާސް ޑޮލަރެއްގެ އަގުހުރި އެޕަލް 2 ގަޑިވެސް ހޯދަދީފައެވެ. މިފަދަ ބޭކާރު ޚަރަދުތައް ކުރާތީ އޭނާއަށް ވަނީ ޗައިނާގެ މީޑިއާގައި ވަރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައެވެ. މި ފާޑުކިޔުންތަކަށް ރައްދުދެމުން އޭނާގެ ބައްޕަ ބުނެފައިވަނީ، އޭނާގެ ދަރިފުޅުގެ އަޚުލާޤް ގޯސްވެފައިވަނީ އޭނާއަށް ލިބިފައިވާ ހުޅަނގުގެ ތަޢުލީމުގެ ސަބަބުންކަމަށެވެ.