ޔަހޫދީންނާއި އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއިން ގުޅިގެން އިސްލާމީ ދައުލަތް، އީރާނަށް ދިން ނިރުބަވެރި ޙަމަލާތަކުގައި އެ ޤައުމުގެ ރޫހީ އެންމެ މަތީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަނާޢީ ވަނީ ޝަހީދުކޮށްލާފައެވެ. އޭނާގެ އުމުރުފުޅަކީ 86 އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޔަހޫދީންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ ހީލަތްތެރި ރޭވުމެއްގެ ދަށުން ދީފައިވާ ޙަމަލާތަކުގައި ޚާމަނާޢީ ޝަހީދު ކޮށްލާފައިވާ ކަން އީރާނުން ވެސް ވަނީ ކަަށަވަރު ކޮށްދީފައެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނީ، ޙަމަލާތަކުގައި ޚާމަނާޢީގެ އިތުރުން އެ މަނިކުފާނުގެ ދަރިކަނބަލުންނާއި، ދަނބިދަރިކަލުންގެ އިތުރުން ކާފަދަރިކަލުން ވެސް ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އެ އެންމެންގެ އިތުރުން އީރާންގެ އެތަކެއް ސަތޭކަ ޢާންމު ރައްޔިތުން ޝަހީދު ކޮށްލަން އެމެރިކާގެ އަސްކަރިއްޔާއިން ޔަހޫދީންނާ ގުޅިގެން ދީފައިވާ ޙަމަަލާތަކަކީ އެމެރިކާގެ ތާރީޚުގައި ވެސް އެ ޤައުމުން ދީފައިވާ މި ފަދަ އެންމެ ކާމިޔާބު ޙަމަލާތަކުގެ ގޮތުގައި ޓްރަމްޕް ވަނީ ސިފަ ކުރައްވާފައެވެ.
1939 ވަނަ އަހަރު އީރާނުގެ މަޝްހަދަށް އުފަންވެވަޑައިގަތް ޚާމަނާޢީއަކީ އަޒަރުބައިޖާން ނަސްލުގެ، ދީނީ ގޮތުން ނުފޫޒުގަދަ ޢާއިލާއަކަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. އުމުރުފުޅުން އެންމެ ހަތަރު އަހަރުގައި ކީރިތި ޤުރުއާން އުގެނިވަޑައިގަންނަވަން ފެށްޓެވި ޚާމަނާޢީ މަތީ ތަޢުލީމު ހާސިލު ކުރައްވާފައި ވަނީ ނަޖަފާއި ޤޫމްގެ ޝިޔަޢީ ދީނީ ޢިލްމުގެ މަރުކަޒުތަކުގައެވެ.
އެ މަނިކުފާނުގެ އިންޤިލާބީ ފަލްސަފާ ބައްޓަންވެގެން ދިޔައީ ޤޫމްގެ ދީނީ މަދަރަސާތަކުގެ ތެރެއިން، އާޔަތުالله އަލް-ޚުމައިނީގެ ހިޔަލުގައި ތަރުބިއްޔަތު ވެވަޑައިގެންނެވި ދުވަސްވަރުއެވެ. ޚާމަނާޢީގެ ކުރިން އީރާންގެ ރޫހީ އެންމެ މަތީ ވެރިޔާގެ މަޤާމު ފުރުއްވާފައި ވަނީ ޚުމައިނީއެވެ. ޕަހްލަވީ ރަސްކަމާ ދެކޮޅަށް ޒުވާން ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އުފައްދައި، އިންޤިލާބީ ރޫހެއް އާލާކުރުމުގެ މައިގަނޑު އަޑަކީ ޚުމައިނީއެވެ.
1980 ގެ އަހަރުތަކުގައި އީރާން-ޢިރާޤު ހަނގުރާމަ ހިނގަމުން ދިޔަ ދުވަސްވަރު، އީރާންގެ ރައީސް ކަމުގެ މަޤާމު ފުރުއްވާފައި ވަނީ ޚާމަނާޢީއެވެ. މި ނުރައްކާތެރި ހަނގުރާމައިގެ ތަޖުރިބާއަކީ އެ މަނިކުފާނުގެ ސިޔާސީ ވިސްނުން ބައްޓަންކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި އަސާސެވެ. އީރާންގެ މަސްރަޙް ދިރާސާ ކުރައްވާ ލިޔުންތެރިޔާ ވަލީ ނަޞްރު ސިފަ ކުރައްވާ ގޮތުގައި ޚާމަނާޢީއަކީ އެ ހަނގުރާމައިގެ ތެރެއިން އުފެދިގެން ދިޔަ އިސްވާރެކެވެ. ޚާމަނާޢީ ޤަބޫލު ކުރައްވާ ގޮތުގައި އީރާނަކީ އަބަދުވެސް ބޭރުގެ ނުރައްކަލަށް ހުށަހެޅިފައި އޮތް ޤައުމެކެވެ. އަދި، ހަނގުރާމައިގައި ހުޅަނގުގެ ޤައުމުތަކުން ޢިރާޤުގެ ކުރީގެ ރައީސް ސައްދާމް ޙުސައިނަށް ވާގިވެރިވުމުގެ ސަބަބުން، އެމެރިކާއާއި ހުޅަނގުގެ ނިޔަތާމެދު އެ މަނިކުފާނުގެ ހިތްޕުޅުގައި އޮތް އިތުބާރު މުޅިން ކެނޑިގެން ދިޔައެވެ.
1989 ވަނަ އަހަރު އީރާންގެ ރޫހީ އެންމެ މަތީ ވެރިޔާގެ މަޤާމާ ޙަވާލުވެ ވަޑައިގެންނެވުމަށް ފަހު، ޚާމަނާޢީ ވަނީ އެ ޤައުމުގެ ދިފާޢީ އަދި އިޤުތިޞާދީ މުއައްސަސާތައް އައު ހަރުފަތަކަށް ގެންދަވާފައެވެ. އެ މަނިކުފާނުގެ އިސްތިރާތީޖީ ކާމިޔާބީތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ ބައެއް ކަންކަމުގެ ތެރޭގައި އީރާންގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)އަކީ ހަމައެކަނި އަސްކަރީ ބާރެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި، އެއީ ސިޔާސީ އަދި އިޤުތިޞާދީ ގޮތުން ބާރާއި ނުފޫޒު ގަދަ ލަޝްކަރަކަށް ބަދަލު ކުރެއްވުން ހިމެނެއެވެ.
'ރެސިސްޓެންސް އިކޮނޮމީ'އެއް ނުވަތަ ދެކޮޅުވެރިކަމާ އެކު ވެސް އިޤުތިޞާދީ ކުރިއެރުން ހޯދުމުގެ ސިޔާސަތެއް ކުރިއެރުވުމެއް ޚާމަނާޢީ ކުރައްވާފައިވާ ގިނަގުނަ ޚިދުމަތްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ. އޭނާގެ ސިޔާސަތުގެ ބޭނުމަކީ، ބޭރުގެ، ޚާއްޞަކޮށް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނަށް ކުރިމަތިވަމުން ދިޔަ ގޮންޖެހުންތަކުން ޤައުމު ސަލާމަތް ކުރުމެވެ. އަދި، އަމިއްލަ ފައިމައްޗަށް ތެދުވުމެވެ.
މީގެ އިތުރުން، އީރާންގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅޭ ގޮތުން 2015 ވަނަ އެމެރިކާއާއި ހުޅަނގުގެ ބާރުތަކާ އެކު އެއްބަސްވުމެއް އެކުލަވައިލާފައި ވަނީ ވެސް އޭނާގެ ރުހުމާ އެކުގައެވެ. ނަމަވެސް، ޚާމަނާޢީ އިސްކުރައްވާފައި ވަނީ "ސުލްޙައެއް ވެސް ނޫން، އަދި ހަނގުރާމައެއް ވެސް ނޫން" ހާލަތެއްގައި ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ދަމަހައްޓަވައި، ތަރައްޤީ ހޯއްދަވައިދެއްވުމުގެ ސިޔާސަތެކެވެ. 1981 ވަނަ އަހަރު ޚާމަނާޢީގެ ވެރިކަމާ ދެކޮޅު ޖަމާޢަތަކުން ވަނީ އޭނާ ޝަހީދު ކޮށްލުމަށް މަސައްކަތް ކޮށްފައެވެ. އެ ޙަމަލާގައި އޭނާގެ ކަނާއަތްޕުޅުގެ ވާގިނެތުނެވެ. ނަމަވެސް، އެ މަނިކުފާނުގެ ޙަޔާތާއި ޒަޢާމަތުގައި ދައްކަވާފައި ވަނީ ސާބިތުމާއި ޖެހިލުންކުޑަކަމެވެ.
2009 އާއި 2022 ވަނަ އަހަރު ޚާމަނާޢީގެ ވެރިކަމާ ދެކޮޅަށް ބިޔަ މުޒާހަރާތެއް ކުރިއެވެ. ޢާންމުންގެ ގިނަ އަދަދެއްގެ ބަޔަކު ވެރިރަށް ތަހްރާނާއި ބޮޑެތި ރަށްތަކުގެ މަގުތަކަށް ނިކުމެ ކުރި މުޒާހަރާތަކާ ގުޅިގެން ޚާމަނާޢީގެ ވެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. އަދި، އެ ދަނޑިވަޅުގެ ބޭނުން ހިފައި، ޔަހޫދީންނާއި އެމެރިކާއިން ވަނީ ޚާމަނާޢީ ވެރިކަމުން ދުރުކުރުމަށް އީރާނުގެ ރައްޔިތުންނަށް ގޮވައިލައި، ބާރުއަޅާފައެވެ. އަދި، އެ ކަން ކުރެވޭނެ ގޮތްތަކާއި، އޭނާ ޝަހީދު ކޮށްލެވޭނެ ގޮތްތަކުގެ ހީލަތްތެރި ރޭވުންތައް ރާވާފައެވެ.
2025 ގެ ފަހުކޮޅު އަދި މި އަހަރުގެ ކުރީކޮޅު ވެސް އީރާންގެ ސަރުކާރާއި ޚާމަނާޢީއާ ދެކޮޅަށް ބިޔަ މުޒާހަރާތަކެއް ކުރިއެވެ. މި ފަހަރު އެތަކެއް ހާސް ބަޔަކު ސަރުކާރާ ދެކޮޅަށް އަޑުއުފުލަން ތެދުވެފައި ވަނީ ކުރިމަތިވި އިޤުތިޞާދީ ތަދިކަމާ މެދު ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ.
ހުސްވި އަހަރުގެ ޖޫން މަހު ޔަހޫދީން އެމެރިކާއާ ގުޅިގެން އީރާނަށް ދިން ނިރުބަވެރި ޙަމަލާތަކުގެ ތެރެއިން ވެސް ޚާމަނާޢީ ޝަހީދު ކޮށްލުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އަދި، "ޝަރުޠެއް ނެތި އަމާންދިނުމަށް" ޓްރަމްޕާއި ނަތަންޔާހޫ ގޮވަމުން ދިޔައެވެ. ނަމަވެސް، ޚާމަނާޢީ އެ މީހުންނަށް ދެއްވީ ވަރުގަދަ ރައްދެކެވެ. އަދި، 12 ދުވަހަށް ދެމިގެން ދިޔަ ހަނގުރާމައިގައި ޚާމަނާޢީ ދައްކަވާފައި ވަނީ ސާބިތުކަމެވެ. އޭނާ ވިދާޅުވީ، އީރާންގެ ރައްޔިތުންނަކީ ދޭހާ އިންޒާރުތަކަށް ފަސްޖެހޭނެ ބަޔެއް ނޫން ކަމުގައެވެ. މިއާއެކު، އީރާންގެ ރައްޔިތުންގެ ގިނަ ބަޔެއްގެ ތާޢީދު އެ މަނިކުފާނަށް އައުވެގެން ދިޔައެވެ.
30 އަހަރަށްވުރެ ގިނަ ދުވަހަށް ދެމިގެން ދިޔަ ޚާމަނާޢީގެ ޒަޢާމަތުން ފާހަގަ ކުރެވިގެން ދިޔައީ، ދީނީ އައިޑެންޓިޓީއާއި ޤައުމިއްޔަތު ކުރިއެރުވުމަށް އެ މަނިކުފާނު ކުރެއްވި ބުރަ މަސައްކަތްތަކެވެ. ޔަހޫދީންނާއި އެމެރިކާގެ ޙަމަލާއެއްގައި ޚާމަނާޢީ ޝަހީދުކޮށްލުމާ އެކު، އީރާންގެ މުސްތަޤުބަލާ މެދު މި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. ޓްރަމްޕް އަނެއްކާ ވެސް ގެންދަވަނީ ދަނޑިވަޅުގެ ބޭނުން ހިއްޕެވުމަށް މަސައްކަތް ކުރައްވަމުންނެވެ. އަދި، އީރާންގެ ވެރިކަން ބަދަލުކުރުމަށް އެ ޤައުމުގެ ރައްޔިތުންނަށް ގޮވައިލަމުންނެވެ. މީގެ ފަހަތުގައި އޮތީ ހަމަ އެންމެ ސަބަބެކެވެ. އެއީ، ޓްރަމްޕަކީ ހައްދުފަހަނަ އެޅި ޔަހޫދީންގެ ގޮނޑިކޮއްކޮއެއް ކަމެވެ. ޔަހޫދީން ޖަހާހައި ބެރަކަށް އޭނާ ނަށްޓަވާނެ ކަމެވެ.