ޚަބަރު

ސައިކަލާއި ބައިސްކަލް ދުއްވާއިރު ހެލްމެޓްއަޅަން މަޖުބޫރުކުރަނީ


ދެ ފުރޮޅުލީ އެއްގަމު އުޅަނދު ދުއްވާއިރު ހެލްމެޓްއެޅުން މަޖުބޫރުކުރެއްވުމަށް ކަމާގުޅޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަން ފަށްޓަވައިފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވީ، އެ އޮތޯރިތީން އިސް ނަންގަވައިގެން ކަމާބެހޭ އިދާރާތަކާއެކު މި މަސައްކަތް ކުރައްވަމުން ގެންވަނީ ރާއްޖޭގައި ހިނގާ އެކްސިޑެންޓްތަކުގައި ލިބޭ ގެއްލުންތަކަށް ބަލާއިރު މިކަން މުހިންމުވެފައިވާތީ ކަމަށެވެ. އަދި  

މިހާރު ހެލްމެޓް އެޅުން މަޖުބޫރުކަމެއްގެ ގޮތުގައި ނެތްނަމަވެސް ބޮޑެތި މަގުތަކުގައި ދެފުރޮޅުލީ އުޅަންދު ދުއްވާއިރު ހެލްމެޓު އަޅުމަށް އެ އޮތޯރިޓީން އިލްތިމާސްކުރައްވައެވެ.

މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި އެއްގަމު އުޅަނދު ދުއްވާ ގިނަ ފަރާތްތަކަކަކީ، އެކަމަށް ނަގަންޖެހޭ ޚާއްޞަ ލައިސަންސް ނަގައިގެން ދުއްވާ މީހުންނެވެ. އެއްގަމު  އުޅަނދުފަހަރު  ދުއްވުމުގެ ލައިސަންސް ދެވެނީ ޚާއްޞަ ތިއަރީ ޓެސްޓަކާއި، ދުއްވުމުގެ ޕްރެކްޓިކަލް ޓެސްޓެއް ނިންމުމަށްފަހުގައި ނަމަވެސް އުޅަންދުފަހަރު ދުއްވުމާ ގުޅޭގޮތުން ހެދިފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކަށް ބޯނުލެނބުމުގެ ސަބަބުން ހިނގާ އެކްސިޑެންޓްތައް އެއްދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ. މިފަދަ އެކްސިޑެންޓްތަކުގައި ދުއްވާ މީހާއަށާއި، އުޅަނދުގެ ފަހަތުގައި އިންނަ މީހާއަށް ލިބޭ އަނިޔާގެ ސަބަބުން ފުރާނައަށް ނުރާއްކާވުން ފަހަކަށް އައިސް ދަނީ، އިތުރުވަމުންނެވެ.

img:http://s3.psmnews.mv/images/660x400/3005.jpg|އައްޑޫ ސިޓީ ހިތަދޫގައި ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގެ މަންޒަރެއް -ފައިލް ފޮޓޯ: ޕޮލިސް

ދިރާސާތަކާއި ތަފާސް ހިސާބުތަށް ދައްކާގޮތުން އެއްގަމު އުޅަނދުފަހަރު ދުއްވާއިރު ހިނގާ އެކްސިޑެންޓްތަކުގައި، އެންމެ ގިނަ ބަޔެއްގެ ފުރާނައަށް ގެއްލުންވަނީ، އެކްސިޑެންޓްވާ މީހާގެ ބޮލަށް ލިބޭ ގެއްލުމުގެ ސަބަބުންނެވެ. ދުނިޔޭގެ އެތައް ޤައުމެއްގައި މަގުތަކުގައި އުޅަނދުފަހަރު ދުއްވާއިރު، ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހެލްމެޓް އަޅައިގެން ދުއްވުން މަޖުބޫރުކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މިކަމުގައި އަވައްޓެރި އިންޑިއާއަކީ، ފާހަގަކުރެވޭ ޤައުމެކެވެ. ދިވެހިރާއްޖެއަކީ، އެހެން ޤައުމުތަކާ ޚިލާފަށް ބިމުގެ ސަރަޙައްދުކުޑަ ޤައުމެކެވެ. ހައިވޭތައް ގިނަ ގައުމަކަށް ނުވިނަމަވެސް، ރާއްޖެއަށް ގެނެވޭ އުމްރާނީ ތަރައްޤީއާއެކު ބޮޑެތި ދިގުމަގުތަށް އަންނަނީ ހެދެމުންނެވެ. އަދި އެކި ރަށްރަށުގައި ދުއްވާ އެއްގަމު އުޅަންދުފަހަރުގެ ނިސްބަތްވެސް އިތުރުވުމުގެ ސަބަބެއް ކަމުގައި މަގުމަތީގެ އެކްސިޑެންޓްތައް އިތުރުވުން ހިމެނެއެވެ.

ދަތުރުފަތުރާ ގުޅޭ އޮތޯރިޓީން ބުނީ، ދެފުރޮޅުލީ އުޅަނދުފަހަރު ދުއްވާއިރު، ހެލްމެޓް އަޅައިގެން ދުއްވުމަކީ، އެ އޮތޯރިޓީން އެދިވަޑައިގަންނަވާ ގޮތްކަމަށެވެ.

ޕީ.އެސް.އެމްއާ ވާހަކަދައްކަވަމުން، ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއަރމަން ޢަބްދުއްރަޝީދު ނާފިޒް ވިދާޅުވީ، އެއްގަމު އުޅަނދު ދުއްވާއިރު، ހެލްމެޓް އަޅައިގެން ދުއްވުމަކީ، ރާއްޖޭގައި މީގެ ކުރިން ޤަވާޢިދުތަކެއް ހެދި މަޖުބޫރުކަމެއްގެ ގޮތުގައި އޮތްކަމަށާއި، ނަމަވެސް ޢާންމު ފަރާތްތަކުން ފާޅުކުރި ކަންބޮޑުވުންތަކަކާއެކު މިހާރު އެއީ މަޖުބޫރުކަމެއް ނޫންކަމަށް ނިންމަވާފައި އޮތީކަމަށެވެ. ނާފިޒް ވިދާޅުވީ، އެއީ އެއޮތޯރިޓީން ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމަށާއި، ހެލްމެޓް އެޅުމަށް ޤާނޫނަކުން ކަނޑައެޅުމަކީ މުހިންމު ކަމެއްކަމަށެވެ.

img:http://s2.psmnews.mv/images/660x400/3509.jpg|އައްޑޫ ލިންކްރޯޑުގައި ދެ ސައިކަލް ޖެހި އެކްސިޑެންޓުވެފައި- ފައިލް ފޮޓޯ: ޕޮލިސް މީޑިއާ

ހެލްމެޓް އެޅުމަކީ މުހިންމު ކަމެއްކަމަށް ދެކެވަޑައިގަންނަވާތީ، ޓްރާންސްޕޯޓް އޮތީރިޓީގެ ތާއީދާއެކު، ރައްޔިތުޔިތުންގެ މަޖިލީހަށް އިޞްލާޙެއްވެސް ހުށައަޅާފައިވެއެވެ. ނަމަވެސް އެއިޞްލާޙް އޭރު ފާސްވެފައެއް ނުވެއެވެ. ނާފިޒް ވިދާޅުވީ، މިކަން މުރާޖާކުރަން ދެވަނަ ފަހަރަށްވެސް ހުށަހަޅަންޖެހިފައިވާކަމަށެވެ. އަދި އެކަމުގެ މަޝްވަރާތައް ޓްރާންސް ޕޯޓް އޮތޯރިޓީން، ކަމާގުޅުހުން ހުރި މުއައްސަސާތަކާއެކު ކުރައްވަމުން ގެންދަވާކަމަށްވެސް ނާފިޒް ވިދާޅުވިއެވެ.

މަގުތަށް ދިގު ނޫންނަމަވެސް ވެރިރަށް މާލޭގައިވެސް އެކްސިޑެންޓްތައް ހިނގާ މިންވަރު މަދެއް ނޫނެވެ. އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުގެ މަގުތަކާއި، ޚާއްޞަކޮށް ލިންކްރޯޑުގައި ހިނގާ އެކްސިޑެންޓްތަކަކީ، އޭގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާ އެކްސިޑެންޓްތަކެކެވެ.

އެންމެ ފަހުން މިފަދަ ހިތާމަވެރި ޙާދިސާއެއް ހިނގާފައިވަނީ އައްޑޫ ސިޓީ ފޭދޫގައެވެ. މި މަހުގެ 8 ވަނަ ދުވަހު އައްޑޫ ފޭދޫގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި އެ ރަށު ސްކޫލްގެ ލީޑިން ޓީޗަރެއް ވަނީ ނިޔާވެފައެވެ. އަދި މިމަހުގެ 4 ވަނަ ދުވަހު، ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް ޒަޚަމްތަކެއް ލިބުނު 28 އަހަރުގެ އަންހެނަކު ވަނީ ނިޔާވެފައެވެ. ދާދިފަހުން ހައްދުންމަތީގައި ހަދައިނިމުނު 17 ކިލޯމީޓަރުގެ ލިންކްރޯޑުގައިވެސް ތަފާތު އެކްސިޑެންޓްތައް ދަނީ ހިނގަމުންނެވެ.

މިއަހަރުގެ މިހާތަނަށް 1600އަށްވުރެ ގިނަ އެކްސިޑެންޓް ރާއްޖޭގެ މަގުތަކުގައި ހިނގައިގެން ރެކޯޑް ކުރެވިފައިވެއެވެ.

މަގުމަތީގެ އެކްސިޑެންޓްތަށް ހިނގުމް މަދުކުރުމަށް ހެދިފައިވާ ޤަވާޢިދުތަކަށް ބޯލެނބުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. ހަމައެހެންމެ ތިމާގެ ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި ހެލްމެޓް އެޅުންފަދަ ކަންކަމަކީ، ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.