ނިއުރޭޑިއަންޓު ސްޕޯޓް ކުލަބުގެ ކުރީގެ ކޯޗު ދެން އަދާކުރާނީ އެކުލަބުގެ ޓެކްނިކަލް ޑައިރެކްޓަރެއްގެ މަޤާމު ކަމަށް އެ ކުލަބުން ބުނެފިއެވެ.
ނިއުރޭޑިއަންޓުގެ ކޯޗުގެ މަގާމުން ސުޒެއިން ވަކިވީ އޭނާގެ އާއިލީ ކަމަކާއި ގުޅިގެން ކަމަށް އެކުލަބުން ބުނެއެވެ. ކުލަބުން ބުނީ އެހެންނަމަވެސް ސުޒެއިންގެ ހިދުމަތް އެކުލަބަށް މެދުނުކެނޑި ލިބޭނެ ކަމަށެވެ.
ކުރު މުއްދަތެއްގެ ތެރޭގައި 2025/2026 ގެ ސީޒަނަށް ނިއުރޭޑިއަންޓް ތައްޔާރުކޮށްދީ 37 ޕޮއިންޓާއެކު ދިވެހި ޕްރިމިއާލީގު 3 ވަނައިގައި ނިންމާލުމުގެ ފުރުސަތު ނިއުއަށް ހޯދައިދިނީ ކޯޗު ސުޒެއިންއެވެ.
އޭނާގެ އިރުޝާދުގެ ދަށުން ރަނގަޅު ހިސާބަކަށް ކުލަބު ގެނެސްދީފައިވާއިރު ކުރިޔަށް އޮތް އެފްއޭކަޕާއި އެ ކުލަބުން ކުރިމަތިލާނީ އައު ކޯޗު، ސްފެއިންގެ އަންދްރޭ ފްރާންސެސްކޯ މެނުއެލް އާއި އެކުގައެވެ.
އެހެންނަމަވެސް ކުރީގެ ކޯޗު ސުޒެއިން، އެ ޓީމުގެ މެނޭޖްމެންޓާއެކު ވަރަށް ގާތުން މަސައްކަތް ކުރާނެ ކަމަށް ނިއުރޭޑިއަޓުން ބުނެއެވެ. އަދި ފާއިތުވި ދުވަސްތަކުގައި ހެޑް ކޯޗުގެ ހައިސިއްޔަތުން ކުލަބަށް ކޮށްދިން މަސައްކަތްތަކަށް ނިއުރޭޑިއަންޓުން ވަނީ ޝުކުރުއަދާކޮށްފައެވެ.
"ހެޑް ކޯޗުގެ ހައިސިއްޔަތުން ކުލަބަށް ކޮށްދީފައިވަނީ އަގުނުކުރެވޭފަދަ މަސައްކަތްތަކެއް. ކުލަބު އިތުރަށް ކުރިއަރުވާ ކާމިޔާބީއާއި ހަމައަށް ގެންގޮސްދިނުމަށް ކޮށްދިން އެންމެހާ ކަމަކަށް ޝުކުރު އަދާކުރަން" ނިއުރޭޑިއަންޓުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓުގައި ބުނެފައިވެއެވެ.
ސުޒެއިން ބުނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުލަބެއް ބިނާ ކުރެވުން އެއީ ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ. އެހެންނަމަވެސް ލީގުގައި އޮތް މަގާމަކީ އެންމެ ހިތްހަމަޖެހޭ މަގާމު ނޫން ކަމަށާއި އޭނާ ކުލަބާއި ހަވާލުވެ މަސައްކަތް ކުރީ ލީގުގެ 2 ވަނަ އަށް ނިއުރޭޑިއަންޓް ގެންގޮސްދިނުމަށް ކަމަށެވެ. އަދި ޕޮއިންޓްގެ ގޮތުން މާޒިޔާ އާއި ގާތަށް ޖެހިލުމަށްކަމަށެވެ.