ކުޅިވަރު

ކުނަހަންދޫ ކުރިކެޓް ކާނިވާ: ފަސްވަނަ ދުވަސް ޓީމު ވިޔަޒޯރަށް


  • ކުނަހަންދޫ ކުރިކެޓް ކާނިވަލުގައި އަންހެން ޓީމެއްވެސް ދަނީ ފިރިހެން ޓީމުތަކާއި ވާދަކުރަމުން

  • މުބާރާތުގެ ފައިނަލް އޮންނާނީ މިމަހުގެ 15 ގައި

  • މިވަގުތު ޕޮއިންޓު ތާވަލުގެ އެއްވަނައިގައި ވަނީ ޓީމް ޑީއެކްސްއާއި ކުނަހަންދޫ ބޯއިޒްރިޔަ

ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ލ. ކުނަހަންދޫގައި ކުރިއަށްދާ ރަމަޟާން ކުރިކެޓު ކާނިވަލުގެ ފަސްވަނަ ދުވަހުގެ މެޗް ޓީމް ވިޔަޒޯރުން ކާމިޔާބުކޮށްފިއެވެ.

އެޓީމުން މެޗު ކާމިޔާބުކޮށްފައިވަނީ ކަދުރު އެސްސީއާއި ވާދަކޮށްގެންނެވެ.

މެޗުގެ ގުރު ދިމާވެގެން ކަދުރު އެސްސީއިން ގަސްދުކުރީ ހޮވަން އަރާށެވެ. ޓީމު ވިޔަޒޯރުން ކުޅެން އަރާ 8 އޯވަރު ތެރޭ 4 ވިކެޓަށްވަނީ 127 ލަނޑު ހަމަކޮށްފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައި ނުވެ، 44 ލަނޑު ހެދި ފުވާދު ނަފީސްއެވެ. އަދި ކަދުރު އެސްސީއިން އެންމެ ރަނގަޅަށް އުކީ 22 ލަނޑަށް 2 ވިކެޓް ނެގި، މުހަންމަދު ޝަރަފުއެވެ.

ޖަވާބުގައި ކަދުރު އެސްސީއިން ކުޅެން އަރާ، 8 އޯވަރު 3 ވިކެޓް ހެދިފައިވަނީ 89 ލަނޑެވެ. އެޓީމުން އެންމް ރަނގަޅަށް ކުޅުނީ 30 ލަނޑު ހެދި މުހަންމަދު ޒިޔާދުއެވެ. ވިޔަޒޯރު ޓީމުން އެންމެ ރަނގަޅަށް އުކީ 19 ލަނޑަށް 1 ވިކެޓް ނެގި އަހުމަދު ހަނީފްއެވެ.

މުބާރާތުގެ ފަސްވަނަ ދުވަހުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައިވަނީ މެޗުގައި ނުބައި ނުވެ، 44 ލަނޑު ހެދި ފުވާދު ނަފީސްއެވެ. ލ. ކުނަހަންދޫގައި ކުރިއަށްދާ ރަމަޟާން ކުރިކެޓު ކާނިވަލުގެ ހަވަނަ ދުވަހު ބައްދަލުކުރާނީ ކުރުނބާ އެސްސީ އަދި ކުނަހަންދޫ ގާލްސް ޓީމެވެ.

މިމުބާރާތުގައި ވާދަކުރަމުންދާ ހަމައެކަނީ އަންހެން ޓީމަކީ ކުނަހަންދޫ ގާލްސްއެވެ. ފިރިހެން ޓީމުތަކާއި ދެކޮޅަށް ކުނަހަންދޫ ގާލްޒް ވާދަކުރަމުންދާއިރު، އޭގެ ބޭނުމަކީ ދާދި އަވަހަށް ފަށާ ބައިނަލްއަގްވާމީ ކުރިކެޓް މުބާރާތެއްގައި ރާއްޖެ ތަމްސީލުކުރުމަށްދާ ގައުމީ އަންހެން ޓީމުގެ ސްކޮޑަށް ކުޅުންތެރިން ހޮވުންކަމަށް ލ. އަތޮޅު ކްރިކެޓް ޑިވެލޮޕްމަންޓް ކޯޗު ލިރުގާމް ސައީދު ވަނީ ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ބުނެފައެވެ.

އަދި މިފަދަ މުބާރާތެއްގައި ވާދަކޮށްލުމުގެ ފުރުސަތު އަންހެން ޓީމަށް ދެވުމުން އެކުޅުންތެރިންނަށް މެޗު ތަޖުރިބާތަކެއް ލިބި، ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ލިރުގާމް ކޯޗު ބުނެފައިވެއެވެ.

ފެބްރުވަރީ މަހުގެ 23 އިން މިމަހުގެ 15 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި 7 ޓީމަކުންދަނީ ފޯރިއާއި އެކު ވާދަކުރަމުންނެވެ. ކުނަހަންދޫ ކުރިކެޓް ދަނޑުގައި ހަވީރު މެޗުތައް ކުޅެމުން އަންނަ މިމުބާރާތުގެ ޕޮއިންޓު ތާވަލަށް ބަލާއިރު، 2 މެޗުން ހޯދި 6 ޕޮއިންޓާއިއެކު އެއްވަނައިގައި އޮތީ ޓީމް ޑީއެކްސްއާއި ކުނަހަންދޫ ބޯއިޒް ޓީމެވެ.

އަދި ދެމެޗުން ހޯދި 3 ޕޮއިންޓާއިއެކު، ދެވަނައިގައި ޓީމް ވިޔަޒޯރާއި ކަދުރު އެސްސީ އޮތްއިރު، މިހާތަނަށް ޕޮއިންޓެއް ހޯދިފައިނުވަނީ ކުރުނބާ އެސްސީ، ޓެން ސްޓާޒް އަދި ކުނަހަންދޫ ގާލްޒްއަށެވެ.