ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކޯޗުކަން ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އަށް ދީފި އެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުލަބުން ބުނީ މޯހަން ކޯޗުކަމަށް ގެނައީ އަންނަ ސީޒަނުގެ ނިޔަލަށް ކަމަށެވެ. މިހެންވެ ކުރިއަށް އޮތް އެފްއޭކަޕުގައި ކޯޗުކަން ކުރާނީ ވެސް އޭނާ ކަމަށެވެ.
ފަސް އަހަރަށް ފަހު މި އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ވިކްޓަރީގެ ކޯޗަކަށް މި އަހަރު މިހާތަނަށް ހުރީ ހަންގޭރީގެ ކޯޗެއް ކަމަށްވާ ގެލާ އެވެ. އޭނާގެ ކޮންޓްރެކްޓް މިހާރު ވަނީ ހަމަވެފަ އެވެ.
މޯހަން އަކީ ވިކްޓަރީގެ އެންމެ ބޮޑު ވާދަވެރިޔާ ނިއުރޭޑިއަންޓްގެ ބާނީ ކުއީން އަހުމަދު ވަހީދުގެ ބޭފުޅެކެވެ. އަދި އޭނާ ވަނީ ނިއު އާއި އީގަލްސް އަށް ގިނަ ކާމިޔާބުތަކެއް ހޯދައިދީފަ އެވެ.
އޭނާ އަކީ ރާއްޖޭގައި މިވަގުތު ތިބި ކޯޗުންގެ ތެރެއިން އެންމެ ކާމިޔާބު އަދި އެންމެ ތަޖުރިބާ ބޮޑު އެއް ކޯޗެވެ. އމި ގޮތުން އޭނާ ވަނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމާއި މިދިޔަ އަހަރު ބޭއްވި ސައުތު އޭޝިއަން ސުޕަކަޕް ކާމިޔާބު ގައުމީ ޓީމުގެ ހެޑް ކޯޗުކަން ކޮށްފަ އެވެ.