ޚަބަރު

ޗައިނާ ފަތުރުވެރިންގެ އަދަދަށް %27 ކުރިއެރުމެއް!


  • ޗައިނާއަކީ އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމު

  • ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ރަޝިއާއިން

ޗައިނާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ. ޗައިނާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް ވަނީ 72,212 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެޤައުމުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 56,765 ފަތުރުވެރިންނާ އަޅާ ބަލާއިރު %27 އިތުރު އަދަދެކެވެ.

މިދިޔަ އަހަރު ނިމުނުއިރު ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ. އެހެންނަމަވެސް މިއަހަރުގެ ފުރަތަމަ 3 ހަފުތާތެރޭގައި އެޤައުމުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުތަށް މަޑުޖެހުނެވެ. ލިސްޓުގެ 6 ވަނަ ޗައިނާ ޖެހިލުމަށްފަހު، މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން އެޤައުމަކީ އަނެއްކާވެސް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ޤައުމެވެ.

އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތައް

ޗައިނާ: 72,212 ފަތުރުވެރިން
ރަޝިއާ: 49,744 ފަތުރުވެރިން
އިޓަލީވިލާތް: 43,497 ފަތުރުވެރިން

ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 444,403 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 405,878 ފަތުރުވެރިންނާއަޅާ ބަލާއިރު %9.5 އިތުރު އަދަދެކެވެ. އަދި ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 8,080 ފަތުރުވެރިން އާދެއެވެ. މި މަހުގެ 14 ވަނަ ދުވަހު ރާއްޖެއަށް ވަނީ 11,136 ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ. މިއީ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކޮށްފައިވާ ދުވަހެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، މިދިޔަ އަހަރު ރާއްޖެއަށް ވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުތެރޭ ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި މިއަހަރު ރާއްޖެއަށް 2.5 މިލިޔަން ފަތުރުވެރިން ގަނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.