ނޯވޭގެ ކުޑަކުޑަ އަވަށަކުން އައި ޓީމަކުން، ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ ބާރެއް ބަލިކޮށް ކުރިއަށް ދިއުމަކީ ލިބޭ ބޮޑު ޝަރަފެއްކަމަށް، ބޯޑޯ ގްލިމްޓުގެ ކޯޗު ޖެޓިލް ކްނުޓްސެން ބުނެފިއެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ޕްލޭއޮފްގައި އިޓަލީ ލީގުގެ ލީޑަރުން، އިންޓަރ މިލާން ކަޓުވާލައި ގަދަ 16 ގެ ފުރުސަތު ހޯދީ ނޯވޭގެ ބޯޑޯއިންނެވެ. މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ކްނުޓްސެން ބުނީ، މިއީ ބޯޑޯގެ އިތުރުން، މުޅި ނޯވޭއަށް ވެސް ތާރީޚީ ކާމިޔާބީއެއް ކަމަށެވެ.
މި ކާމިޔާބީ ހޯދައިދިނުމުގައި ހިއްސާއެއް އަދާކުރެވުނީތީ ނުހަނު އުފާކުރާ ކަމަށާއި، ކުޑަކުޑަ އަވަށަކަށް ނިސްބަތްވާ ކުޑަކުޑަ ކުލަބަކުން، އިންޓަރ މިލާން ފަދަ ފުޓުބޯޅައިގެ ބޮޑު ލެގަސީއެއް އޮތް ޓީމެއް ބަލިކޮށް ޔޫއެފާ ޗެމްޕިއަންސް ލީގުގައި ކުރިއަށް ދިއުމަކީ ލިބޭ ބޮޑު ޝަރަފެއް ކަމަށް އޭނާ ބުންޏެވެ.
ބޯޑޯގެ މި މޮޅުން ހާމަކޮށްދެނީ، އެއްވެސް ކަމަކީ ނުވާނެކަމެއް ނޫން ކަމަށާއި، ބޯޑޯއަށް އިންޓަރ މިލާން ބަލިކުރެވޭނަމަ، އެހެން ކުޑަ ޓީމުތަކަށް ވެސް ފުޓުބޯޅައިގެ ބޮޑެތި ނަންތައް ފަހަތަށް ޖެއްސޭނެކަމަށް ގަބޫލުކުރާކަމަށް ކްނުޓްސަން ބުންޏެވެ.
މި މޮޅާއެކު ގަދަ 16 ގެ ޖާގައެއް ހޯދުނު ނަމަވެސް، އަދިވެސް ވަކި ކަމެއް ހާސިލްކޮށްގެން ވަކި މަގާމެއް މުބާރާތުގައި ހޯދަން ކަނޑައަޅާފައި ނުވާނެ ކަމަށާއި ބޭނުންވަނީ ކުޅޭ ކޮންމެ މެޗެއްގައި ވެސް މީހުން ތައުރީފުކުރާފަދަ ކުޅުމެއް ޓީމުގެ ކުޅުންތެރިން ދެއްކުމަށް ކަމަށް ވެސް އޭނާ ބުންޏެވެ.
ކްނުޓްސަލް އިތުރަށް ބުނީ، މެޗުގައި އިންޓަރ އިން މޮޅު ކުޅުމެއް ދެއްކި ނަމަވެސް، މެޗުގައި ބޯޑޯއަށް ނަސީބު ވަރަށް ބޮޑަށް އެހީތެރިވެދިން ކަމަށެވެ. މި ކާމިޔާބީގެ ފަހަތުގައި ނަސީބު އަދާކުރި ދައުރުވެސް ބޮޑުކަމަށް އޭނާ ބުންޏެވެ.
ޔޫރަޕުގެ އެންމެ ޝަރަފުވެރި ކުލަބު ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ގެ ޕްލޭ އޮފްގައި ބޯޑޯއިން އިންޓަރ އާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގައި ވަނީ 1-3 އިން މޮޅުވެފައެވެ. އަދި ދެވަނަ ލެގުގައި ބޯޑޯ މޮޅުވީ 1-2 އިންނެވެ.
ޕްލޭއޮފްގެ ޖާގައެއް ހޯދުމުގެ ކުރިންވެސް، ލީގު ބުރުގައި ވެސް ބޯޑޯ އިން ވަނީ ހައިރާންކުރަނިވި ނަތީޖާތަކެއް ނެރެފައެވެ. އެގޮތުން، ސްޕެއިންގެ ގަދަބާރު އެތުލެޓިކޯ މެޑްރިޑާއި އިނގިރޭސި ޕްރިމިއަރ ލީގުގެ މެންޗަސްޓަރ ސިޓީގެ މައްޗަށް ވެސް ލީގު ބުރުގައި އެންމެ ފަހުން ކުޅުނު މެޗުތަކުގައި ބޯޑޯއިން ވަނީ ކުރިހޯދާފައެވެ.
ގަދަ 16 ގައި ބޯޑޯ ނުކުންނާނީ ޕޯޗުގަލްގެ ސްޕޯޓިންއާ ދެކޮޅަށެވެ.