ރެއާލް މެޑްރިޑްގެ ފްރާންސް ފޯވަޑް ކީލިއަން އެމްބާޕޭ އަށް ނަސްލީ ގޮތުން ދިމާކުރި އިދިކޮޅު ސަޕޯޓަރު އެއް އަހަރަށް ޖަލަށް ލުމަށް ސްޕޭނުގެ ޕްރޮސިކުޓަރުން އެދެފި އެވެ.
މީގެ އިތުރުން މި ސަޕޯޓަރުނ 2880 ޔޫރޯއިން ޖޫރިމަނާ ކުރުމަށް ވެސް ވަނީ އެދިފަ އެވެ.
މިއީ މިދިޔަ އޮގަސްޓް މަހު ރެއާލް އޮވިއެޑޯ އަތުން ރެއާލް މޮޅުވި މެޗުގައި ހިނގި ހާދިސާއެކެވެ. އޮވިއެޑޯގެ މި ސަޕޯޓަރު ވަނީ އެމްބާޕޭ އަކީ ރާމާމަކުނެއް ކަމަށް ބުނެފަ އެވެ. ސީސީޓީވީ އާއި ޑްރޯން ފުޓޭޖްތަކުގެ އެހީގައި މި ސަޕޯޓަރުން ފާހަގަކޮށް އޭނާ އަށް އަދަބުދޭން ހުށަހެޅިއިރު ސްޕޭނުގައި ނަސްލީ ގޮތުން ދިމާކުރުމަކީ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމެކެވެ. އަދި މިއީ ރެއާލް މެޑްރިޑަށް ބަދަލުވި ފަހުން އެމްބާޕޭ އަށް ކުރިމަތިވި މިފަދަ ފުރަތަމަ މައްސަލަ އެވެ.
ރެއާލް މެޑްރިޑް މިހާރު ވެސް އޮތީ މިފަދަ މައްސަލަތަކެއްގެ ތެރޭގަ އެވެ. އެއީ ޗެމްޕިއަންސް ލީގުގައި ޕޯޗުގަލްގެ ބެންފީކާގެ ކުޅުންތެރިއަކި ރެއާލްގެ ބްރެޒިލް ފޯވަޑް ވިނީޝިއުސް ޖޫނިއާއާ ދިމާކުރި މައްސަލަ އެވެ. މިކަމަށްޓަކައި އޭނާ އަށް ޔޫއޭފާއިން އަދަބު ދީފައިވާއިރު މައްސަލަ އަދިވެސް ދަނީ އިތުރަށް ބަލަމުންނެވެ.
އެމްބާޕޭ އަކީ މި ސީޒަނުގައި ހުސްވި ސީޒަނާއި މި ސީޒަނުގައި ވެސް ރެއާލް މެޑްރިޑަށް އެންމެ ގިނަ ގޯލު ޖަހާދީފައިވާ ކުޅުންތެރިޔާ އެވެ. އޭނާ އަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގާތްގާތުގައި ކަކުލަށް ތަދުވުމުގެ މައްސަލަ އެވެ. މިކަން ހައްލު ކުރުމަށް އޮޕަރޭޝަން ކުރަން އެމްބާޕޭ ދެކޮޅު ހަދާ ކަމަށް ސްޕޭނުގެ މީޑިއާތަކުން ބުނެ އެވެ. ސަބަބަކީ އޮޕަރޭޝަން ކޮށްފިނަމަ ޖޫން މަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް މުޅިން ފިޓް ނުވެދާނެ ކަމަށް ބަލައިފަ އެވެ.