ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބެއް ކަމުގައިވާ އަލްމޭރިއާގެ ހިއްސާ ގަނެފި އެވެ.
ސައުދި އަރަބިއްޔާގެ އިންވެސްޓްމެންޓް ކޮންސޯޓިއަމްގެ ދަށުން ހިންގަމުންދާ އަލްމޭރިޔާގެ 25 އިން ސައްތ ހިއްސާ ރޮނާލްޑޯ ގަނެފައިވާއިރު މި މުއާމަލާތުގެ އަދަދެއް އެއްވެސް ފަރާތަކުން ރަސްމީކޮށް އާންމުކޮށްފައެއް ނުވެއެވެ.
ރޮނާލްޑޯ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފުޓްބޯޅަ ކުޅުންތެރިއެއްގެ އިތުރުން ފުޓްބޯޅައަށް ހިދުމަތް ކުރުމަކީ އޭނާ ކުރިންވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ.
"ކުޅުންތެރިއެއް ނޫން ގޮތަކަށް ފުޓްބޯޅަ އަށް ހިދުމަތް ކުރުމަކީ އަހަރެން ދެކެމުން އައި ހުވަފެނެއް. އަލްމޭރިއާ އަކީ ވަރުގަދަ ފައުންޑޭޝަނަކާއިއެކު އިތުރަށް ކުރިއެރުވުމަށް ފުރުސަތު އޮތް ޓީމެއް." ރޮނާލްޑޯ ބުނެފައިވެއެވެ.
ސްޕެއިންގެ ރެއާލް މެޑްރިޑް އާއިއެކު ހަތް އަހަރު އެ ގައުމުގައި ކުޅެފައިވާ ރޮނާލްޑޯ އަށް ސްޕެއިންގެ ފުޓްބޯޅަ އާއި އެ ގައުމުގެ ކްލަބްތައް ރަގަޅަށް އެނގޭއިރު މި ނިންމުމާއިއެކު އަލްމޭރިއާގެ މުސްތަގުބަލަށް ބޮޑެއް ބަދަލުތަކެއް އަންނާނެކަމަށް ގަބޫލުކުރެވެއެވެ.
ރެއާލް މެޑްރިޑް އާއިއެކު ރޮނާލްޑޯ ވަނީ ލަލީގާ ދެ ފަހަރު އަދި ޔޫއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ކާމިޔާބުކޮށްފަ އެވެ. ސައުދި އަރަބިއްޔާގެ އަލް ނަސްރާއި ރޮނާލްޑޯ ގުޅިފައިވަނީ 2022 ވަނަ އަހަރު ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި އަހަރަކު 177 މިލިއަން ޕައުންޑުގެ މުސާރައަކަށެވެ. އެއީ މަހަކަށް ބަލާނަމަ 14.75 މިލިއަން ޕައުންޑެވެ.