ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ޖާގައެއް އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ނޮޓިންހަމް ފޮރެސްޓް އިން ހޯދައިފި އެވެ.
ނޮޓިންހަމް ފޮރެސްޓަށް މި މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ލިބިފައިވަނީ ޕްލޭއޮފް ގައި ތުރުކީގެ ފެނަބާޗޭ އާއި ދެކޮޅަށް ކުޅުނު ދެ ލެގުގައި 4-2 ގެ އެގްރިގޭޓް ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ.
ފުރަތަމަ ލެގުގައި ރަށުން ބޭރުގައި ނޮޓިންހަމް ފޮރެސްޓް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވާއިރު ރޭ ފޮރެސްޓްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު ވަނީ 2-1 ގެ ނަތީޖާއަކުން ބަލިވެފަ އެވެ.
ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 22 ވަނަ މިނިޓުގައި ފެނަބާޗޭ އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކެރެމް އަކްތޫރުކޮގްލޫ އެވެ.
ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 1-0 ގެ ނަތީޖާއަކުން ފެނަބާޗޭ ކުރީގައި އޮތްއިރު މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި އެ ޓީމުން ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މި ލަނޑަކީ ފެނަބާޗޭ އަށް ލިބުނު ޕެނަލްޓީއަކުން އަކްތޫރްކޮގްލޫ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މި މެޗުގައި ނޮޓިންހަމް ފޮރެސްޓް އިން ޖެހި ލަނޑަކީ މެޗުގެ 68 ވަނަ މިނިޓުގައި ކަލަމް ހަޑްސަން އޮޑޮއި ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ޕްރިމިއާ ލީގުގެ ރެލިގޭޝަން ޒޯނުން މަތީގައި އެންމެ ދެ ޕޮއިންޓުގެ ތަފާތަކުން އޮތް ނޮޓިންހަމް ފޮރެސްޓް އިން ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ޖާގައެއް ލިބިފައިވާއިރު މިއީ އެ ޓީމުގެ ކޯޗު ކަމާއި ދާދި ފަހުން ހަވާލުވި ވިޓޯ ޕެރޭރާ އަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެކެވެ.