ނިމުނު ހަފުތާގައިވެސް ތަފާތު އެކި ދާއިރާތަކުން މުހިއްމު ކަންތައްތައްކަމެއް ހިނގާދިޔައެވެ. (26 ފެބުރުވަރީ) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އައްޑޫ ސިޓީ އާއި އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫގެ އިދާރީ ދާއިރާތަކުގެ އިޚްތިޞާޞަށް ބަދަލުގެންނަވައި، އެ ބަދަލުތައް ރަސްމީކޮށް އިޢުލާންކުރައްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އައްޑޫ ސިޓީ އާއި އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫގެ އިދާރީ ދާއިރާތަކުގެ އިޚްތިޞާޞަށް ބަދަލުގެންނަވާފައިވަނީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށް ޓަކައި އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ، އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ނަތީޖާއާ ގުޅިގެން، އައްޑޫ ސިޓީ އަލުން ކަނޑައަޅުއްވައި، އައްޑޫގެ އިޚްތިޞާޞްގެ ބައެއްގެ ގޮތުގައި ކުރިން އޮތް ހުޅުދޫ އާއި މީދޫ އަކީ، މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅުއްވާފައިވާތީއެވެ.
(22 ފެބުރުވަރީ) ތެލަސީމިއާ ސެންޓަރުން ޚިދުމަތްދޭން ފެށިތާ 31 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ހުކުރު ދުވަހު އެ ސެންޓަރުން ޚިދުމަތްދޭން ފަށާފައިވަނީ ނިމުނު ހަފުތާގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭތުވެދިޔަ 31 އަހަރުގެ ތެރޭގައި ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަހު ޚިދުމަތް ދީފައިނުވާކަމަށެވެ. މިކަން ބަދަލުކޮށް މިދިޔަ ހުކުރު ދުވަހުން ފެށިގެން ތެލަސީމިއާ ސެންޓަރުން ޚިދުމަތް ދޭން ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ހުކުރު ދުވަހު އެކަނިވެސް ޖުމްލަ 14 ޓްރާންސްފިއުޝަން ހަދާފައިވާކަމަށާއި 5 މީހަކު ލޭ ހަދިޔާކޮށްފައިވާކަމަށެވެ.
ނިމުނު ހަފުތާގައިވަނީ ޖޭއެސްސީގެ މެންބަރުކަމަށާއި އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް (23 ފެބުރުވަރީ) ބޭފުޅުން އައްޔަންކޮށްފައެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގެ މެންބަރުކަމަށް، އައްޔަންކޮށްފައިވަނީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޝަފީޢުއެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށްވަނީ އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ ޢައްޔަންކުރައްވާފައެވެ.
(26 ފެބުރުވަރީ) ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިން ގޭގައިތިބެގެން މަސައްކަތްކުރުމަށް އެދޭ ޙާލަތްތަކުގައި އެފުރުޞަތު ދޭގޮތަށް ކަނޑައަޅާ ސިވިލް ސަރވިސްގެ ޤަވާއިދަށް އިސްލާޙު ގެނެސްފައިވަނީ ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ ތެރެއިން ސިވިލް ސަރވިސް ވަޒީފާއަށްދާ ބެލެނިވެރިންނަށް، ވަޒީފާ އަދާކުރުން ވަރކް ފްރޮމް ހޯމްއަށް ބަދަލުކުރުމުގެ ފުރުޞަތު މިއަހަރު ހަމަޖައްސަވާދެއްވާނެކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.
(24 ފެބުރުވަރީ) ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާން އެކަށީގެންވާ ވަރަށް މީހުން ރީ-ރަޖިސްޓްރީކޮށްފައި ނުވާތީ ސިނާއީ ސަރަހައްދާއި ރާއްޖެއިން ބޭރު އެއްވެސް ގައުމެއްގައި ވޯޓުފޮށި ނުބަަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުދިނުމަށް 26454 މީހަކު ރީ ރަޖިސްޓްރީވެފައިވާކަމަށެވެ.
(26 ފެބުރުވަރީ) ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުށަހެޅުމަށް ހުޅުވާލީ މިދިޔަ މަހުގައެވެ. ފުރަތަމަ ހުޅުވާލިއިރު މި ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާން އޮތީ މާރިޗު މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފެލްޓަށް އެދި ހުށަހެޅޭނީ އޭޕްރީލް މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުން ފުލެޓަށް އަދި ބިމަށް އެދި ހުށަހެޅުމުގެ މުއްދަތު 30 އެޕްރީލް 2026ވަނަ ދުވަހުގެ 23:59 އާ ހަމައަށް އިތުރުކޮށްފައިވާކަމަށެވެ.
(21 ފެބުރުވަރީ) މިއަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް، ދައުލަތުގެ ބޭނުންކުރެވޭ ރިޒާވް 300 މިލިޔަން ޑޮލަރުން މައްޗަށް އަރާފައިވާ ކަމަށް މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދެއްކި ޚަބަރަކީވެސް ނިމުނު ހަފުތާގައި ފާހަގަކޮށްލެވޭ ޚަބަރެކެވެ. ބޭނުންކުރެވޭ ރިޒާވާއާއެކު ރަސްމީ ރިޒާވްވެސް ވަނީ މަތިވެފައެވެ. އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޖަނަވަރީ މަހުގެ ނިޔަލަށް ރަސްމީ ރިޒާވް ހުރީ 1.03 ބިލިޔަން ޑޮލަރެވެ. މިދިިޔަ އަހަރު ނިންމާލިއިރު މިއަދަދު ހުރީ 983.04 މިލިޔަން ޑޮލަރުގައެވެ. މިއީ 4 އިންސައްތައިގެ ކުރިއެރުމެކެވެ. މިއީ ރާއްޖޭގެ ރަސްމީ ރިޒާވު މިފަހުން ބިލިޔަނަކަށް އެރި ފުރަތަމަ ފަހަރެކެވެ.
(22 ފެބުރުވަރީ) ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް އެޕް މެދުވެރިކޮށް ޑޮލަރަށް އެދި ހުށަހެޅޭނެ ގޮތް ހަދާފައިވަނީ ނިމުނު ހަފުތާގެ އާދީއްތަ ދުވަހުއެވެ. ބޭންކް އޮފް މޯލްޑިވްސް އިން ވިދާޅުވީ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތަކަށް މިހާރު ބީއެމްއެލް އެޕް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. މިކަމަށް ބޭނުންވާނެ ލިއެކިއުންތަކާއި މައުލޫމާތު އެޕް މެދުވެރިކޮށް ހުށަހަޅައި އަދާހަމަތައްވެސް އެޕްމެދުވެރިކޮށް ބަލާލެވޭނެ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.
ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން އާސަންދަ އާއި އެންސްޕާ މެދުވެރިކޮށް ދަތުރުކުރާނަމަ އެފަރާތަކަށް 2000 ޑޮލަރާއި ހަމައަށް ބޭންކުން ޑޮލަރު ވިއްކާނެއެވެ. އަދި އަމިއްލައަށް ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތަކަށް 1000 ޑޮލަރު ވިއްކާނެއެވެ.
(23 ފެބުރުވަރީ) އެއާޕޯޓް ތަރައްޤީކުރުމަށް ކުރިއަށް ގެންދިޔަ ހއ.ދިއްދޫ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ނިމިފައިވަނީ މިދިޔަ ހޯމަ ދުވަހެވެ. ދިއްދޫ ބިން ހިއްކާ، ހއ.އަތޮޅުގައި އިތުރު އެއާޕޯޓެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިއްދޫ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށިތާ 50 ދުވަހުގެ ތެރޭގައި މިމަސައްކަތް ނިމިފައިވާކަމަށެވެ. ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ ޖަނަވަރީ މަހުގެ 4 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން ދިއްދޫން 112 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ.
(25 ފެބުރުވަރީ) އެމްބިއުލާންސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ހުރިހައި ރަށަކަށް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން 56 ރަށަަކަށް ގެނައި އެމްބިއުލާންސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން އެ ރަށްތަކަށް ފޮނުވާފައިވާކަމަށް އެމްޕީއެލުން ވިދާޅުވީ ނިމުނު ހަފުތާގެތެރޭގައެވެ. ރަށްތަކަށް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ.
(25 ފެބުރުވަރީ) ނިމުނު ހަފުތާގައި ހިތާވެރި ޚަބަރުތަކެއް ލިބިގެން ދިޔައެވެ. ބްރިޖު ލައިޓްކައިރީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުއްޖަކު ނިޔާވި ޚަބަރު ލިބުނީ މިދިޔަ ބުދަ ދުވަހުއެވެ. ފުލުހުން ވިދާޅުވީ މާލޭ ބޮޑު ތަކުރުފާނު މަގު ބްރިޖުގެ ލައިޓް ކައިރިން ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލްނުވެ ޕޭމަންޓް މައްޗަށް އަރައި އެކްސިޑެންޑް ވެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ރޭ ދަންވަރު 1:30 ހާއިރުގައެވެ. މިއެކްސިޑެންޓު ހިނގި އިރު ސައިކަލު ދުއްވަން އިން 19 އަހަރުގެ ފިރިހެން މީހާއާއި، ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖާއަށް އަނިޔާވެ ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. މީގެ ތެރެއިން ސައިލަކުގެ ފަހަތުގައި އިން ކުއްޖާއަށް ފަރުވާ ދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ.
(26 ފެބުރުވަރީ) ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ރާއްޖޭގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު އަޙްމަދު ނިމާލް ނިޔާވި ޚަބަރު ލިބުނީ ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. ނިމާލް ނިޔާވެފައިވަނީ ސްޓްރޯކް ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާދެމުންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ނިމާލަށް ސްޓްރޯކެއްޖެހި އައިޖީއެމްއެޗްގައި ފަރުވާދޭން ފެށީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުއެވެ.