ޚަބަރު

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ޒުވާން ޓީމު ސިންގަޕޫރުގައި ކޭމްޕުކުރަނީ


  • މި ކޭމްޕުގައި އެގައުމުގެ 19 އަހަރުން ދަށުގެ ގައުމީ ޓީމާއެކު އެކުވެރިކަމުގެ 2 މެޗު ކުޅޭނެ

  • 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އޮންނާނީ މާޗް 23 ން 3 އޭޕްރީލަށް މާލޭގައި

ރާއްޖޭގައި ބާއްވާ 20 އަަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ޒުވާން ޓީމު ސިންގަޕޫރުގައި ކޭމްޕް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޠާރިޤް ވިދާޅުވީ ޒުވާން ޓީމުގެ ފަރިތަކުރުންތަަކަށް ސަރުކާރުން ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެއްވާ ކަމަށާއި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ.

"ޓްރޭނިން ކޭމްޕެއް ސިންގަޕޯއަށް ހަމަޖެހިފައި އެއޮތީ، އެހެންވީމަ އޭގެ ހަރަދުތައްވެސް ސަރުކާރުން ވެދެއްވާނެ. އެހެންވީމަ އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ދިވެހި ސަރުކާރަށް ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ހާއްސަކޮށް ފުޓްބޯޅަ ވަރަށް ދަށު ދަރަޖައިގައި އޮއްވާ ކުރިޔަށް ނެގުމަށްޓަކައި ސަރުކާރުން ވެދެއްވާ އެހީތަކަށް" ޠާރިޤް ވިދާޅުވިއެވެ.

ސިންގަޕޫރުގައި ރާއްޖެއިން ކޭމްޕް ކުރުމަށް ހަމަޖެހިފައިވާ މުއްދަތުގެތެރޭގައި އެގައުމުގެ 19 އަހަރުން ދަށުގެ ގައުމީ ޓީމާއެކު އެކުވެރިކަމުގެ 2 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމާއި ސިންގަޕޫރުގެ 19 އަހަރުން ދަށުގެ ޓީމު ބައްދަލުކުރާ އެކުވެރިކަމުގެ ފުރަތަމަ މެޗު އޮންނާނީ 8 މާޗް ޗޮއާ ޗު ކަންގ ސްޓޭޑިއަމްގައެވެ.

ދެވަނަ މެޗު އޮންނާނީ، 11 މާޗްގައި ބިޝާން ސްޓޭޑިއަމްގައެވެ. މި ދެމެޗަށްވެސް ޓިކެޓް ގަތުމަކާއި ނުލާ އާންމުންނަށް ހިލޭ ސްޓޭޑިއަމުތަކަށް ވަދެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

އެފްއޭއެމްގެ ރައީސް ވިދާޅުވީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޒުވާން ޓީމުން އިއްޔެ ފަރިތަކުރުންތައް ފަށާފައިވާ ކަމަށެވެ. ޓީމުގެ ފަރިތަކުރުންތަކުގައި އެފްއޭއެމްގެ ޓެކްނިކަން ޑައިރެކްޓަރ އިސްތަވާން އުރުބާނީވެސް ބައިވެރިވެ ކޯޗުންނާއި ކުޅުންތެރިންނަށް ޓެކްނިކަލް އިރުޝާދު ދެމުންދާނެއެވެ.

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އޮންނާނީ މާޗް 23 ން އޭޕްރީލް 3 ގެ ނިޔަލަށް ގަލޮޅު ރަސްމީ ބޯޅަދަނޑުގައެވެ. މި މުބާރާތުގައި ރާއްޖެ ހިމެނެނީ ގުރޫޕް އޭގައެވެ. މި ގުރޫޕުގައި ދެން ހިމެނެނީ ނޭޕާލް، ބޫޓާން އަދި ސްރީލަންކާއެވެ.

ގްރޫޕް ބީގައި ހިމެނެނީ ބަނގްލަދޭޝް، އިންޑިއާ އަދި ޕާކިސްތާނެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް އޮންނާނީ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ. މުބާރާތުގައި ރާއްޖެއިން އެންމެ ފުރަތަމަ ނިކުންނާނީ 23 މާޗް ވާ ހޯމަ ދުވަހުގެ ރޭ 20:30 ގައި ސްރީލަންކާއާއި ދެކޮޅަށެވެ.

ރާއްޖޭގެ ދެވަނަ މެޗުގައި 25 މާޗްގައި ޒުވާން ޓީމު ނިކުންނާނީ ބޫޓާނާއި ދެކޮޅަށެވެ. ތިން ވަނަ މެޗުގައި 27 މާޗްގައި ނިކުންނާނީ ނޭޕާލާއި ދެކޮޅަށެވެ. މުބާރާތުގެ ސެމީ ފައިނަލް އޮންނާނީ 1 އޭޕްރީލްގައެވެ. ފައިނަލް މެޗު އޮންނާނީ 3 އޭޕްރީލްގައެވެ.