ޚަބަރު

ބެންފީކާ ބަލިކޮށް ރެއާލް މެޑްރިޑް ދެވަނަ ބުރަށް


ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޕްލޭއޮފް ގައި ރޭ ބެންފީކާ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދައިފި އެވެ.

ފުރަތަމަ ލެގުގައި މި ދެ ޓީމު ޕޯޗުގަލްގައި ބައްދަލުކުރި މެޗުވެސް 1-0 ގެ ނަތީޖާ އަކުން ރެއާލް މެޑްރިޑް ކާމިޔާބުކޮށްފައިވާތީ އެ ޓީމަށް ކުރި ލިބިފައިވަނީ 3-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

އެ މެޗުގައި ބެންފީކާގެ ޑިފެންޑަރ ޖިއާންލޫކާ ޕްރެސްޓިއާނީ ރެއާލް މެޑްރިޑްގެ ވިނިޝިއަސް ޖޫނިއާ އަށް ނަސްލީ ގޮތުން ދިމާކޮށްފައިވާކަމަށް ބުނެ އެ މެޗުގެ ކުޅުން 10 މިނިޓަށް މެދުކަނޑާލިއެވެ. އަދި އެ މައްސަލަ އިތުރަށް ޔޫއެފާ އިން ބަލަމުންދާއިރު މި މެޗަށް ޕްރެސްޓިއާނީ ސަސްޕެންޑް ކޮށްފައިވާތީ އޭނާއަށް މި މެޗުގައި ނުކުޅެ އެވެ.

އަދި ފުރަތަމަ ލެގުގައި ބެންފީކާގެ ކޯޗު ހޯސޭ މޮރީނިއޯ އަށް ދެ ރީނދޫ ކާޑު ދައްކާފައިވާތީ ރޭ ކުޅުނު ދެވަނަ ލެގުގައި އޭނާވެސް ހުރީ ސަސްޕެންޝަނުގަ އެވެ.

މެޑްރިޑްގެ ސެންޓީއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ހަތްދިހަ ހަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 14 ވަނަ މިނިޓުގައި ބެންފީކާ އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ރަފާ ސިލްވާ އެވެ.

ނަމަވެސް އޭގެ ދެ މިނިޓު ފަހުން ރެއާލް މެޑްރިޑްގެ އޯރެލިއެން ޗޫމޭނީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

އަނިޔާގެ ސަބަބުން ރެއާލް މެޑްރިޑްގެ ފޯވަޑް ކިލިއަން އެމްބާޕޭ އަށް ވަނީ މި މެޗުގައި ކުޅެވޭ ގޮތް ނުވެފަ އެވެ.

ރެއާލް މެޑްރިޑް މި މެޗުން މޮޅުކޮށްދީފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނިޓަށް ވެފައިވަނިކޮށް ވިނިޝިއަސް ޖޫނިއާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ރެއާލް މެޑްރިޑް އިން މި މެޗުގައި ޖެހި ދެ ލަނޑު ވެސް ޖަހާފައިވަނީ ފެޑްރީކޯ ވަލްވާޑް އެވެ.

މި މުބާރާތުގެ ދެވަނަ ބުރުގައި ރެއާލް މެޑްރިޑް އާއި ދެކޮޅަށް ނިކުންނާނީ މެންޗެސްޓަރ ސިޓީ ނުވަތަ ސްޕޯޓިން އެވެ.