ޚަބަރު

ޢީދާ ގުޅިގެން 45 ކަނޑު އުޅަނދެއް މެރިން ޕޮލިހުން ބަލާ ފާސްކޮށްފި


ޢީދު ބަންދުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މެރިން ޕޮލިހުން ކަނޑުދަތުރުފަތުރު ކުރާ އުޅަނދުތައް ޗެކްކުރުމަށް ހިންގެވި ޕްރޮގްރާމްގެ ދަށުން ޢީދު ބަންދާ ދިމާކޮށް މާލެއިން އަތޮޅުތެރެއަށް ފުރި 45 އުޅަނދެއް ޗެކްކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ހާމަކުރައްވައިފިއެވެ.

ފުލުހުން ވިދާޅުވީ އުޅަނދުތައް ޗެކްކުރުމަށް ހިންގެވި ޕްރޮގްރާމްގެ ދަށުން މިއުޅަނދުތަކަށް މެރިން ޕޮލިސްގެ މުވައްޒަފުން އަރައި ބަލައި ފާސްކޮށް، ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރަން އަންގާފައިވާކަމަށެވެ. މީގެ އިތުރުން ކަނޑުމަތިން 11 އުޅަނދެއް ހުއްޓުވައި ބަލައި ފާސްކޮށް ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. 

ފުލުހުން ވިދާޅުވީ މެރިން ޕޮލިސް ޑިޕާރޓްމަންޓްގެ ހުރިހާއި މުވައްޒަފުން މެރިން އޮޕަރޭޝަންސް ޔުނިޓްގެ ޑިއުޓީތަކަށް ބަހާއި، މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔަ މި އޮޕަރޭޝަން ކުރިޔަށްދިޔައިރު މާލެއިން އަތޮޅުތެރެއަށް ފުރައިގެންދާ ހުރިހާއި އޮޑި ދޯނިފަހަރެއް ބަލައި ފާސްކުރުމުގެ ކުރުމުގެ މަސައްކަތް ކޮށްފައިވާކަމަށެވެ. އަދި އޮޑިދޯނިފަހަރަށް މުދާ އަރުވާފައިވާ މިންވަރާއި ފަސިންޖަރުން އުފުލުމަށް އުޅަނދުގައި ޖާގަހުރި މިންވަރ ބަލައި ވަނީ ދެނެގަނެފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މީގެ އިތުރުން މިއޮޕަރޭޝަން ކުރިޔަށްދިޔައިރު، ހުޅުމާލެ ފަޅުތެރެއާއި ހުޅުލޭގެ ފަޅުތެރެއާއި އަދި ވިލިމާލެއާއި މާލެ ހިމެނޭ ސަރަޙައްދު ކަނޑުމަތިން ޕެޓްރޯލްކޮށް ކަނޑުމަތިން އުޅަނދުފަހަރު ބަލައި ފާސް ކުރުމުގެ މަސައްކަތްވެސް ކުރިޔަށް ގެންދިޔަކަމަށް ފުލުހުން ވިދާޅުވެއެވެ. 

މެރިން ޕޮލިސް އިން ކުރިޔަށް ގެންދިޔަ އޮޕަރޭޝަން ނިންމާލާފައިވަނީ ޢީދު ބަންދާއި ގުޅިގެން ކުރި ދަތުރުތައް ނިމި، ދަތުރުފަތުރުގެ ކަންކަން ޢާއްމު ޙާލަތަކަށް ބަދަލުވުމުންކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވެއެވެ.