ޕްރެސިޑެންޓްސް ކަޕް 2026 ގެ ތަށި އޮޑި ސްޕޯޓްސް ކުލަބުން އުފުލުމަކީ ލިބުނު ބޮޑު ފަހްރެއް ކަމަށާއި، ހުރިހާ ޝުކުރެއް އޮތީ ކުލަބަށާއި އޭނާގެ އާއިލާއަށް ކަމަށް އެ ކުލަބުގެ ކޯޗު އަންދްރޭސް ގާސިއާ ބުނެފިއެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކުލަބު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް ކުލަބަށް ފުރަތަމަ ޑިވިޝަނުގެ ފުރަތަމަ ތަށި ހޯދައިދިނުމަށްފަހު ޕީއެސްއެމް ނިއުސްއަސް ދިން ހާއްސަ އިންޓަވިއުއެއްގައި ގާސިއާ ބުނީ އޭނާގެ ކުޅުންތެރިން ދެއްކީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ކަމަށެވެ.
ކުލަބާ ހަވާލުވި ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ކުރީ ކުޅުންތެރިންގެ ވިސްނުން ބަދަލުކޮށް މޮޅުވުމުގެ އަޒުމު ހަރުލައްވައިގެން ކުޅުވަން ކަމަށް ގާސިއާ ފާހަގަކުރިއެވެ.
ގާސިއާ ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޮޑި ސްޕޯޓްސް ކުލަބަށް، މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކޮށް ފުރަތަމަ ސީޒަނުގެ ދެ ފައިނަލްގައި ކުޅުމުގެ ފުރުސަތު ހޯދައިދީފައެވެ. އޭނާ އޮޑީގެ ހެޑް ކޯޗުކަމާއި ހަވާލުވީ، އޮގަސްޓް 2025 ގައެވެ.
އަހަރެއްވެސް ނުވަނީސް ކުލަބު އެންމެ އުހަށް ގެންގޮސްދީ ގައުމީ ތަށި މާޒިޔާއަތުން ފިރުކާލުމުގައި އޭނާވަނީ ބުރަ މަސައްކަތްތަކެއްކޮށްފައެވެ. އާއިލާއާއި ދުރުގައި ރާއްޖޭގައި މަސައްކަތްކުރި މި ދުވަސްތަކުގައި އޭނާގެ އާއިލާއިން ދިން އެއްބާރުލުން ފާހަގަކޮށް ގާސިއާ ބުނީ މި ކާމިޔާބީގައި ސްޕެއިންގައި ތިބި އޭނާގެ ދަރިންނާއި މައިންބަފައިންނާއި ރައްޓެހިންގެ ހިއްސާ ބޮޑު ކަމަށެވެ.
"އާއިލާއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ، ބައެއް ފަހަރު އަހަރެންގެ ފިރިހެން ދަރިންނާ ދޭތެރޭ މައްސަލަތައްވެސް ޖެހޭ، އެކަމަކު އާއިލާއިން ކުރި ހިތްވަރުމީ. އަންހެން ދަރިފުޅާއި މައިންބައިފައިންނާ އަހަރެންގެ ރައްޓެހިންވެސް ދިޔައީ މި މެޗު ބަލަމުން. މީ އެހުރިހާ އެންމެންނަށް ހޯދައިދިން މޮޅެއް" ގާސިއާ ބުންޏެވެ.
ގާސިއާ ބުނީ އޭނާއާއި އެކު މަސައްކަތްކުރި އޮޑީގެ ސްޓާފުންނާއި، އޭނާގެ ކުޅުންތެރިން ކުރީ ވަރަށް ފުރިހަމަ މަސައްކަތެއް ކަމަށެވެ. އަދި ފުރަތަމަ ދުވަހުން ފެށިގެންވެސް އޭނާ މަސައްކަތް ކުރީ ކުޅުންތެރިންގެ ފެންވަރު މަތިކޮށް ކުލަބު އުހަށް ގެންދިއުމަށް ކުޅުންތެރިންގެ ވިސްނުން ބަދަލުކުރުމަށް ކަމަށެވެ.
"އަހަރެންގެ ސްޓާފުން ވަރަށް ފުރިހަމަ. އަހަރެންގެ ފައިޓާސް (ކުޅުންތެރިން) ވަރަށް މޮޅު. އަހަރެން ފުރަތަމަ ދުވަހުން ފެށިގެންވެސް ވަރަށް ބޮޑަށް މަސައްކަތްކުރިން އެ ކުޅުންތެރިންގެ މެންޓަލިޓީ ބަދަލުކުރަން. މިއަދު މި ހާސިލްވީ އެކަން. ވަރަށް އުފާވެއްޖެ" ގާސިއާ ބުންޏެވެ.
އީރާން އާއި ޗައިނާގައިވެސް މަސައްކަތް ކޮށްފައިވާ ކޯޗު ގާސިއާއަކީ އޭޝިއާ ފުޓްބޯޅައިގެ ތަޖްރިބާ ހުރި ކޯޗެކެވެ. މި ސީޒަނަކީ އޮޑިއަށް ކާމިޔާބު ސީޒަނަކަށް ހަދައިދޭނެ ކަމަށް، އޮޑީގެ ކޯޗު ކަމާއި ހަވާލުވުމަށްފަހު އެންމެ ފުރަތަމަ މީޑިއާއަށް ދިން އިންޓަވިއުގައި ގާސިއާ ބުނެފައެވެ.
ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ފަހުން އޮޑިން ވަނީ ޓީމުގެ ކޮލިޓީ ރަނގަޅު ކުރުމަށް ތަޖުރިބާކާރު ބިދޭސީ ކުޅުންތެރިންވެސް ހޯދާފައެވެ. އަދި މިދިޔަ އަހަރުގެ ކުރީކޮޅު ފުރަތަމަ ޑިވިޝަނަށް ތައްޔާރުވުމުގެ މަސައްކަތް ފަށައިގަތީ އޮސްޓްރޭލިއާގެ ތަޖުރިބާކާރު ކޯޗު އިއަން އެންޑްރޫ ގިލަންއާއިއެކުގައެވެ.
އެހެންނަމަވެސް އެފްއޭއެމް ލީގު ކަޕަށް އެޓީމު ތައްޔާރުވަމުންދަނިކޮށް އަމިއްލަ ކަމެއްގައި އެނބުރި ގައުމަށް ދާންޖެހުމުގެ ސަބަބުން އެންޑްރޫ އެ ޓީމު ދޫކޮށް އެނބުރި ގައުމަށް ދިޔައީއެވެ.
އޭގެފަހުން ޓީމަށް އިރުޝާދު ދެމުން ގެންދިޔައީ ދެ އެސިސްޓް ކޯޗުން ކަމަށްވާ އަހްމަދު ފައްރާހް އާއި ފަރްހާދު އިސްމާއިލްވެ. ގާސިއާގެ އިތުރުން އޮޑިއަށް ޕްރެސިޑެންޓްސް ކަޕް ކާމިޔާބުކޮށްދިނުމުގައި އެ ދެކޯޗުންނާއި ގޯލްކީޕަރުން ތަމްރީނުކުރާ ކޯޗުން އަދި އެހެނިހެން ކޯޗިން ސްޓާފުންގެ ދައުރު ބޮޑެވެ.
މިއީ ގާސިއާގެ ކޯޗިން ކެރިއަރުގައި މަސައްކަތް ކުރާ 10 ވަނަ ގައުމެވެ. ރާއްޖޭގެ ފުޓްބޯޅައަށް ކުރިއެރުންތައް ހޯދައިދިން ކޯޗު ގާސިއާ ވަނީ މާޒިޔާއާއި ދެކޮޅަށް އޭނާގެ ޓީމުން ދެއްވި ވަރުގަދަ ކުޅުމަށް ޝުކުރު އަދާކޮށްފައެވެ.
ޓީމާ ހަވާލުވިއިރު ގާސިއާ ބުނެފައިވަނީ އޭނާއަކީ ޗެލެންޖް ނަގާހިތްވާ މީހެއް ކަމަށާއި މި ކުރިމަތިލަނީވެސް ވަރުގަދަ ޗެލެންޖަކާ ކަމަށެވެ. އެކަން އޭނާ މިވަނީ އަމަލުން ދައްކާފައެވެ.
އަދި ރާއްޖޭގެ ފުޓުބޯޅައިގައި ޒަމާންތަކެއްވަންދެން 'ރަސްކަން ކުރަމުން އައި' މާޒިޔާގެ ވަރުގަދަ ނަން، ފަނޑުކޮށްލާ އެ ކުލަބުން ދަމަހައްޓަމުން އައި ތާރީހީ ރެކޯޑުވެސް ނިމުމަކަށް ގެނެސްފައެވެ. އޮޑިން މިވަނީ ދިވެހި ފުޓުބޯޅައިގެ ވާދަވެރި ރޫހުގެ މިސްރާބު ބަދަލުކޮށް ކުލަބުތަކުގެ މެދުގައި އޮތް ވާދަވެރިކަން އިތުރަށް ވަރުގަދަވެއްޖެކަން ސާބިތުކޮށްދީ މޮޅުވުމުގެ ރޫހު ދިރުވައިދީފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވެގެން ނިމުނު ވާދަވެރި ފައިނަލް މެޗަށްފަހު އޮޑިން ޕްރެސިޓެންޓްސް ކަޕްގެ ޓްރޮޕީ އުފުލާލީ ޕެނަލްޓީ ޝޫޓްއައުޓްގައި 5-4 އިން ކުރި ހޯދައިގެންނެވެ. ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވާ އޮޑީގެ ކުޅުންތެރިންނަށް މެޑައްޔާއި ޓްރޮފީ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.