ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި އިންތިޚާބީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ކަންކަން ކުރެވެމުންދާ މިދަނޑިވަޅުގައި، އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ކުރެވޭ މަސައްކަތެވެ. މި ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މިހާރު ވަނީ ނިންމާފައެވެ.
ރާއްޖޭގައި މިހާރު އޮންނަ ގޮތުން ކޮންމެ 5 އަހަރަކުން އެއްފަހަރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިޚާބަށްފަހު ޖެހިގެން އަންނަ އަހަރުގެ ކުރީކޮޅު ރައްޔިތުންގެ މަންދޫބުން ހޮވުމަށް އިންތިޚާބެއް ބާއްވަމުންނެވެ. މިފަދަ ގޮތަކަށް ކުޑަ މުއްދަތެއްގެ ތެރޭގައި ބޮޑު 2 އިންތިޚާބެއް ބޭއްވުމުގެ ސަބަބުން ގިނަ ދަތިތަކެއް ކުރިމަތިވާކަމުގެ ޝަކުވާތައް ކުރިމަތިވެއެވެ.
ނަމަވެސް މިއަދު މިދަނީ މި ޝަކުވާއަށް ދާއިމީގޮތެއްގައި ހައްލެއް ލިބިގެންދާނެ ފަދަ ނިންމުމެއް ނިންމުމުގެ މަރުހަލާތައް ކަނޑަތުކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ދެ އިންތިޚާބު އެކުގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ވަނީ ނިންމަވާފައެވެ.
އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކުރެވިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާ އެކުގައި ބާއްވާ މި ވޯޓަކީ ސީދާ ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި ދައުލަތުގެ ހިންގުމާ ގުޅުންހުރި ކަމަކަށްވާތީ، ރައީސުލްޖުމްހޫރިއްޔާއަށް މި ބިލު ތަޞްދީޤު ކުރެއްވޭނީ ރައްޔިތުންގެ ސީދާ ވޯޓަކުން މިކަމަށް ތާއީދު ލިބިގެންނެވެ. އެހެންކަމުން، މި ބޮޑު ނިންމުމުގެ ހަގީގީ ބާރު މިހާރު އޮތީ ރައްޔިތުންގެ އަތްމަތީގައެވެ. އަދި އިޞްލާޙެއް ގެނައުމަށް ނަގާ މި ވޯޓުގައި ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެނަމަ އެ ބިލު ބާޠިލުވާނެއެވެ.
ދެ އިންތިޚާބު އެއްކޮށްލުމަކީ ހަމައެކަނި ޚަރަދު ކުޑަކުރުމުގެ މަޤްޞަދުގައި ކުރާ ކަމެއް ނޫނެވެ. އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ދިމިޤްރާތީ ބައިވެރިވުން އިތުރުވުމެވެ. ދެ އިންތިޚާބު އެއްކޮށްލުމުން، ރައްޔިތުން އެއް ފަހަރާ ދައުލަތުގެ ތިން ބާރުގެ ތެރެއިން ދެ ބާރުކަމުގައިވާ އަސާސީ ހިންގުމާއި ޤާނޫނު ހެދުމުގެ ބާރު އިޚްތިޔާރު ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ ސަބަބުން ރައްޔިތުން އެއް ފަހަރާ ދޭ ނިންމުމަކުން ދައުލަތުގެ މިޞްރާބު ކަނޑައެޅިގެންދާނެއެވެ. އަދި މިއީ ސިޔާސީ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން މިހާރަށްވުރެ ހަރުދަނާވެ، ދިމިޤްރާތީ ނިޒާމުގެ ތެރެއަށް ރައްޔިތުން ވަންނަ މިންވަރު އިތުރުވާނެ ކަމެކެވެ.
ތާރީޚަށް ބަލާއިރު، ރައީސް ޔާމީންގެ ދައުރުގައާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދައުރުގައި، އަދި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދައުރުގައިވެސް ފެނިގެންދަނީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެންދާ މަންޒަރެވެ. ނަމަވެސް މި މެޖޯރިޓީ ލިބެނީ ރިޔާސީ އިންތިޚާބަށްފަހު ވަކި މުއްދަތެއް ފަހުން ބާއްވާ އިންތިޚާބަކުންނެވެ. މީގެ ސަބަބުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޛު ކުރުމަށް ހުރަސްތަކެއް ކުރިމަތިވެއެވެ. ނަމަވެސް އިންތިޚާބުތައް އެއްކޮށްލުމުން، 5 އަހަރުގެ ދައުރެއްގައި ހަމަޖެހިލައިގެން މަސައްކަތް ކުރުމުގެ ފުރުޞަތު ސިޔާސީ ޕާޓީތަކަށާއި ސަރުކާރަށް ލިބިގެންދާނެއެވެ. މިއީ ދަޢުލަތް ހިންގުމުގެ ދުވެލި ހަލުވިވެ، ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމެކެވެ.
ހަމައެއާއެކު، އިންތިޚާބުތައް އެއްކޮށްލުމުކީ ސިޔާސީ ޕާޓީތަކުގެ ތެރޭގައި އޮންނަ ގުޅުންތަކަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެކެވެ. މިއާއެކު ސިޔާސީ ޕާޓީތަކުން ކޯލިޝަން ހެދުމަށާއި ގުޅިގެން މަސައްކަތް ކުރުމަށް ހިތްވަރު ލިބިގެންދާނެއެވެ. ވަކިވަކި އިންތިޚާބުތަކަށް ނިކުތުމުގެ ބަދަލުގައި، އެއް މަޤްޞަދެއްގައި ޕާޓީތައް ގުޅިގެން މަސައްކަތް ކުރުމުން ސިޔާސީ މަސްރަޙުގައި އޮންނަ ޒާތީ ހަސަދަވެރިކަން ކުޑަވެ، ފިކުރީ ގޮތުން ގުޅިފައިވާ ވަރުގަދަ ސިޔާސީ ބާރުތަކެއް އުފެދުމަށް މަގުފަހިވާނެއެވެ. އެހެންކަމުން، މިއީ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި އޮތް ބައިބައިވުން ކުޑަކޮށް، އެއްބައިވަންތަކަމާއެކު ޤައުމު ބިނާކުރުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.
ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްފަހަރާ ބޭއްވުމަކީ އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. "ސައިމަލްޓޭނިއަސް އިލެކްޝަންސް" ނުވަތަ އެއްފަހަރާ ބާއްވާ މި އިންތިޚާބުތަކުގެ މައިގަނޑު ބޭނުމަކީވެސް ވެރިކަން ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، އިންތިޚާބުތަކަށް ކުރަންޖެހޭ ބޮޑެތި ޚަރަދުތައް ކުޑަކުރުމެވެ. މިގޮތުން އެމެރިކާގައި ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު ރިޔާސީ އިންތިޚާބާއި ކޮންގްރެސްގެ އިންތިޚާބު ބާއްވަނީ އެއް ދުވަހެއްގައެވެ.
ބްރެޒިލްގައިވެސް ރައީސާއި ނޭޝަނަލް ކޮންގްރެސް ހޮވުމުގެ އާންމު އިންތިޚާބު ބާއްވަނީ އެކުއެކީގައެވެ. ޕެރޫގައި މި އަހަރުގެ އޭޕްރީލް 12 ގައި މި ދެ އިންތިޚާބު އެކުގައި ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. ބޮލީވިއާ އަދި އުރުގުއޭ ފަދަ ގައުމުތަކުގައި "ޑަބަލް ސައިމަލްޓޭނިއަސް ވޯޓު" ނިޒާމެއްގެ ދަށުން، އެއް ވޯޓު ކަރުދާހަކުން ރައީސާއި މަޖިލިސް މެންބަރުންނަށް އެއްފަހަރާ ވޯޓު ދިނުމުގެ އުސޫލު ގެންގުޅެއެވެ. މީގެ އިތުރުން ޓެންޒޭނިއާ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، އިކުއެޑޯ، ޗިލީ އަދި ނައިޖީރިއާ ފަދަ ގައުމުތަކަކީވެސް އިންތިޚާބީ ދައުރުތައް އެއްކޮށްލައިގެން، އިންތިޚާބުތައް އެކުގައި ބާއްވަމުން އަންނަ ގައުމުތަކެވެ.
ރާއްޖޭގެ ދިމިޤްރާތީ ތާރީޚަށް ނަޒަރު ހިންގާލާއިރު، މިއީ ރައްޔިތުންގެ މަޖިލީހުގެ ދައުރެއް މިފަދަ ގޮތަކަށް ބަދަލުކުރެވޭ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކޮންމެ މަޖިލީހަކުންވެސް އެ މަޖިލީހެއްގެ ފުރިހަމަ ފަސް އަހަރުގެ ދައުރު ހަމަކުރަމުން އައި ނަމަވެސް، މި ފަހަރުގެ އިސްލާހަކީ ގައުމީ މަސްލަހަތަށާއި، އިންތިޚާބުތަކަށް ކުރާ ޚަރަދު ކުޑަކުރުމަށްޓަކައި ގެނެވޭނެ ތާރީޚީ ބަދަލެކެވެ. އަދި މިއީ ރާއްޖޭގެ ސިޔާސީ މުސްތަޤްބަލަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވާއިރު، މީގެ ނަތީޖާއަކަށް ވާނީ ދައުލަތުގެ ހިންގުން ހަރުދަނާވެ، ރައްޔިތުންގެ ބާރުވެރިކަން އިތުރުވެގެން ދިއުމެވެ.