ޚަބަރު

ފޮރިން މިނިސްޓްރީ ހިންގެވުން ޔޫތް މިނިސްޓަރާ ހަވާލުކުރައްވައިފި


ފޮރިން މިނިސްޓްރީއާއި އެޓަރނީ ޖެނަރަލްގެ އޮފީސް ހިންގެވުން ވަގުތީގޮތުން ދެ މިނިސްޓަރަކާ ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވާލުކުރައްވައިފިއެވެ. 

ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ވިދާޅުވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމް، މިއަދު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމާ ގުޅިގެން، އެ މަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވަންދެން އެ މިނިސްޓްރީ ވަގުތީގޮތުން ހިންގެވުން، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަލްފާޟިލާ އިރުތިޝާމް އާދަމާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހަވާލުކުރައްވާފައިވާކަމަށެވެ. 

އަދި، އެޓަރނީ ޖެނެރަލް އަލްއުސްތާޛު މުޙަންމަދު އަނިލް، 2016 ސެޕްޓެންބަރު 21 ވަނަ ދުވަހު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާތީ، އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވަންދެން އެޓަރނީ ޖެނެރަލް އޮފީހުގެ އިދާރީ ކަންތައްތައް ވަގުތީގޮތުން ހިންގެވުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ފޮރ ލީގަލް އެފެއާޒް އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާފައިވާކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.