ދުނިޔެ

ރަޝިޔާގެ ޢާންމު އިންތިޚާބު ޕުޓިންގެ ޕާޓީން ކާމިޔާބުކޮށްފި


ރަޝިޔާގެ ޢާންމު އިންތިޚާބު އެޤައުމުގެ ރައީސް ވްލަޑިމިރް ޕުޓިންގެ ޔުނައިޓެޑް ރަޝިޔާ ޕާޓީން ތަނަވަސް އަޤްލަބިއްޔަތަކުން ކާމިޔާބުކޮށްފިއެވެ.

ހޯމަދުވަހު ޢާންމުކުރި ރަޝިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާތައް ދައްކާގޮތުން ޔުނައިޓެޑް ރަޝިޔާއިން ވަނީ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ސްޓޭޓް ޑޫމާގެ 450 ގޮނޑީގެ ތެރެއިން 343 ގޮނޑި ކާމިޔާބުކޮށްފައެވެ. 2011 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި އެޕާޓީއަށް ކާމިޔާބުކުރެވުނީ 238 ގޮނޑިއެވެ.

ރަޝިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ ބޮޑު އަޤްލަބިއްޔަތެއް ޕުޓިންގެ ޔުނައިޓެޑް ރަޝިޔާއިން ކާމިޔާބުކޮށްފައިވާއިރު، އިންތިޚާބުގައި ވާދަކުރި ކޮމިއުނިސްޓް ޕާޓީއަށް ލިބުނީ ޕާލަމެންޓްގެ 42 ގޮނޑިއެވެ. ލިބަރަލް ޑިމޮކްރެޓުންނަށް ލިބުނީ 41 ގޮނޑިއެވެ، އަދި ޖަސްޓް ރަޝިޔާ ޕާޓީއަށް ލިބިފައިވަނީ 21 ގޮނޑިއެވެ.

img:http://s3.psmnews.mv/images/660x400/14742940217804.jpg|ރަޝިޔާގެ ޢާންމު އިންތިޚާބުގައި އެޤައުމުގެ ރައީސް ޕުޓިން ވޯޓު ލައްވަނީ

މީގެ 16 އަހަރުކުރިން ޕުޓިން އިސްކޮށް ހުންނަވައިގެން އުފެއްދެވި ޔުނައިޓެޑް ރަޝިޔާ ޕާޓީން އިންތިޚާބު ކާމިޔާބުކުރުމާ ގުޅިގެން، ޕުޓިން ވިދާޅުވީ ޔޫކްރެއިން މައްސަލައިގައި ރަޝިޔާއާ މެދު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެޤައުމުގެ އިޤްތިޞާދީ ދުވެލި މަޑުޖެހިފައިވީނަމަވެސް، ރައްޔިތުންގެ އިތުބާރު އަދިވެސް ސަރުކާރަށް އެބައޮތްކަން އިންތިޚާބުގެ ނަތީޖާއިން ހާމަވެގެން ހިނގައްޖެކަމަށެވެ.

" އަހަރުމެންނަށް އިނގޭ ދިރިއުޅުމުގެ ޙާލަތު އުނދަގޫކަން، ވަރަށް ބައިވަރު މައްސަލަތައް އެބަހުރި، ހައްލު ނުކުރެވި ހުރި ބައިވަރު މައްސަލަތައް އެބަހުރި.. އެކަމަކުވެސް އިންތިޚާބުން މިނަތީޖާ އަހަރުމެންނަށް ޙާޞިލުކުރެއްވިއްޖެ" ޔުނައިޓެޑް ރަޝިޔާ ޕާޓީގެ ކެމްޕެއިންގައި ޙަރަކާތްތެރިވި ބައެއް މެމްބަރުންނާއި މުޚާތަބްކުރައްވާ ވާހަކަފުޅުދައްކަވަމުން ޕުޓިން ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14742940888018.jpg|އިންތިޚާބުގެ ނަތީޖާއަށްފަހު ޔުނައިޓެޑް ރަޝިޔާ ޕާޓީގެ ކެމްޕެއިން ޓީމުގެ މެމްބަރުންނާ ޕުޓިން ބައްދަލުކުރައްވަނީ

ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބު ޔުނައިޓެޑް ޕާޓީން ކާމިޔާބުކުރުމަކީ 2018 ވަނަ އަހަރު އޮންނަ ރަޝިޔާގެ ރިޔާސީ އިންތިޚާބުގައި ވާދަކޮށް، އިންތިޚާބު ކާމިޔާބުކުރުމަށް ޕުޓިންއަށް މަގުފަހިވެގެންދާނޭ ކަމެއްކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.

އިންތިޚާބުގެ 76 އިންސައްތަ ވޯޓް ޔުނައިޓެޑް ރަޝިޔާއިން ކާމިޔާބުކުރިނަމަވެސް، ވޯޓުލާފައި ވަނީ، ވޯޓްލުމުގެ ހައްޤު ލިބިފައިވާ 48 އިންސައްތަ މީހުންކަމަށް ނަތީޖާތަކުން ދައްކައެވެ. އެންމެފަހުން 2011 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ 60 އިންސައްތަ މީހުން ވަނީ ވޯޓްލާފައެވެ.

ވޯޓްލުމަށް ނިކުތް މީހުން ޢަދަދު ދަށަށްގޮސްފައިވާއިރު، ވޯޓްލުން ކުރިއަށްދިޔަ ބައެއް މަރުކަޒުތަކުގައި މަކަރު ހަދާފައިވާކަމަށްވެސް ޚަބަރުތައް ބުނެއެވެ. އެގޮތުން ބައެއް މީހުން ދެ ފަހަރު ވޯޓުލި މަންޒަރު ފެނިފައިވާކަމަށް ބައެއް ފަރާތްތަކުން ބުނާއިރު، ކަމާބެހޭ ފަރާތްތަކުން ބުނަނީ އިންތިޚާބުގައި މަކަރު ހެދުމާއި އޮޅުވާލުމުގެ ބޮޑު މައްސަލައެއް ފެންމަތިވެފައިނުވާކަމަށެވެ.