ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާން އެކަށީގެންވާ ވަރަށް މީހުން ރީ-ރަޖިސްޓްރީކޮށްފައި ނުވާތީ ސިނާއީ ސަރަހައްދާއި ރާއްޖެއިން ބޭރު އެއްވެސް ގައުމެއްގައި ވޯޓުފޮށި ނުބަަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުދިނުމަށް 26454 މީހަކު ރީ ރަޖިސްޓްރީވެފައިވާކަމަށެވެ.
- ރަށްރަށާއި މާލޭގައި ވޯޓުލާން: 24،429 މީހުން
- ޖަލުތަކުގައި ވޯޓުލާން: 1،326 މީހުން
- ސިނާއީ ސަރަހައްދުގައި ވޯޓުލުމަށް: 11 މީހުން
- މެލޭޝިޔާގައި ވޯޓުލާން: 499 މީހުން
- ސްރީލަންކާ: 189 މީހުން
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިންތިޚާބުގައި 29 ރިސޯޓެއްގައި ވޯޓުފޮށި ނުބަހައްޓާނެކަމަށެވެ. އަދި ސިނީޢީ މަސައްކަތްކުރާ 3 ތަނެއްގައިވެސް ވޯޓު ފޮށި ނުބަހައްޓާނެކަމަށް އިލެކްޝަންސްއިން ވިދާޅުވިއެވެ. އެއީ ހުޅުލެއާއި ތިލަފުއްޓާއި ގދ.ކާޑެއްދޫއެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ބޭރުގެ އެއްވެސް ގައުމަކުން އަދަދު ހަމަވާ ވަރަށް ރީރަޖިސްޓްރީވެފައި ނުވާތީ އެއްވެސް ޤައުމެއްގައި ވޯޓު ފޮށި ނުބަހައްޓާނެކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އެ ތަންތަނުގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ދިވެހިން، ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި، ރަޖިސްޓަރީ ކުރުމަށް މުއްދަތެއް ދޭނެކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ އެ ފަރާތްތަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށުގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.
މި އިންތިޚާބުގައި 2960 ކެންޑިޑޭޓުން ވާދަކުރެއެވެ. އޭގެތެރޭގައި ޕީއެންސީން 1322 ކެންޑިޑޭޓުންނާއި އެމްޑީޕީން 905 ކެންޑިޑޭޓުން ހިމެނެއެވެ. ޖުމްހޫރީ ޕާޓީން 15 ދާއިރާއަކަށް ވާދަކުރާއިރު މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސުން 57 ގޮނޑިއަށް ވާދަކުރެއެވެ. އަދި އަދާލަތު ޕާޓީން 9 ގޮނޑިއަށް ވާދަކުރާއިރު މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި 644 ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރެއެވެ.
މިއިންތިޚާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ. އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އާންމު ކުރާނީ ރީ-ރަޖިސްޓްރޭޝަނަށްފަހުއެވެ.
އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބާއެކު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގެ ކަންކަންވެސް ކުރިއަށް ގެންދާނެއެވެ.