ޚަބަރު

ހުޅަނގު އައްސޭރި ފޭރިގަތުމަށް ޔަހޫދީން ނިންމި ނިންމުން ގިނަ ޤައުމުތަކަކުން ކުށްވެރިކޮށްފި


ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބިންތަކަށް ޣައިރުޤާނޫނީ ބާރު ހިންގައި، އެ ބިންތައް ފޭރިގަތުމަށް ޔަހޫދީ އިސްރާއީލުން ނިންމި ނިންމުން ކުށްވެރިކޮށް، ގިނަ ޤައުމުތަކެއްގެ ޚާރިޖީ ވަޒީރުން ގުޅިފައިވާ ބަޔާނެއް ނެރުއްވައިފިއެވެ. ހުޅަނގު އައްސޭރީގެ ބިންތަކަށް ވެރިވެގަތުން ފަސޭހަ ކުރުމަށް އިސްރާއީލު ކެބިނެޓުން ނިންމާފައިވާ ނިންމުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ބްރެޒިލް، ފަރަންސޭސިވިލާތް، ސްޕެއިން އަދި ތުރުކީވިލާތުގެ އިތުރުން ސަޢޫދީ ޢަރަބިއްޔާ، މިޞްރު، ޤަޠަރު، އަދި ޢަރަބި ލީގާއި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެންބަރު ޤައުމުތައް ހިމެނެއެވެ.

ތުރުކީވިލާތުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ހުޅަނގު އައްސޭރީގެ ބިންތަކަށް ޣައިރުޤާނޫނީ ގޮތުން ބާރުފޯރުވައި، އެ ބިންތަކުގެ މިލްކުވެރިކަން ޔަހޫދީންނަށް ހޯދައިދިނުމަށް އިސްރާއީލުން ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ ކަމުގައެވެ. މީގެ ތެރޭގައި، ފަލަސްޠީނުގެ ރައްޔިތުންގެ ބިންތަކަކީ ޔަހޫދީ ދައުލަތުގެ ބިންތަކެއްގެ ގޮތުގައި ކަނޑައެޅުމާއި، ޣައިރުޤާނޫނީ ގޮތުން އެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުން ހިމެނެއެވެ. އަދި، އެ ބިންތަކުގެ މައްޗަށް ޔަހޫދީންގެ އިދާރީ ހިންގުން ފުޅާކޮށް، ވަރުގަދަ ކުރުން ހިމެނެއެވެ.

ޔަހޫދީން ވެރިވެގަނެފައިވާ ހުޅަނގު އައްސޭރީގެ ބިންތަކުގެ މައްޗަށް އޮތް ކޮންޓުރޯލު އިތުރަށް ފުޅާކުރުމަށް އިސްރާއީލުގެ ކެބިނެޓުން ނިންމާފައި ވަނީ ފެބުރުވަރީ 15ވަނަ ދުވަހުއެވެ. އަދި، ޔަހޫދީ ވަޒަންވެރިންނަށް އެ ބިންތަކުގެ މިލްކުވެރިކަން ހޯދުމަށް ފަސޭހަ ކޮށްދިނުމަށް ފިޔަވަޅުތަކެއް އެޅުމަށް ވެސް ޔަހޫދީ ކެބިނެޓުން އޮތީ ނިންމާފައެވެ. ފަލަސްޠީނުން ސިފަ ކުރި ގޮތުގައި މިއީ އެ މީހުންގެ ބިންތައް "އަމަލީ ގޮތުން ފޭރިގަތުމުގެ" އަމަލެކެވެ.

ޔަހޫދީ ސަރުކާރުގެ ބޭނުމަކީ، އެ މީހުން ފޭރިގަނެފައިވާ ބިންތަކުގައި ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ޔަހޫދީންގެ އަޅުވެތިކަމުން މިނިވަންކަން ހޯދުމަށް ކުރަމުންދާ ޖިހާދަށް ހުރަސް އެޅުމެވެ. ހުޅަނގު އައްސޭރިއަކީ ޔަހޫދީން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިމެކެވެ. އެއީ، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމަށް އެ މީހުން އުންމީދު ކުރާ މައިގަނޑު އެއް ސަރަޙައްދެވެ. ނަމަވެސް، އެ ބިން މިހާރު ވެސް އޮތީ ޔަހޫދީ ފައުޖުގެ ބާރުގެ ދަށުގައެވެ. ފަލަސްޠީނުގެ ސަރުކާރަށް އޮތީ އިދާރީ ގޮތުން މަދު ބާރުތަކެކެވެ.

ހުޅަނގު އައްސޭރީގެ ބިންތައް ފޭރިގަތުމާ ގުޅޭ ގޮތުން ޔަހޫދީން ނިންމި ނިންމުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާއެއްގެ ގޮތުގައި ޤައުމުތަކުން ނެރުނު ގުޅިފައިވާ ބަޔާނުގައި ސިފަކޮށްފައިވެއެވެ. އަދި، ފަލަސްޠީނުގެ ބިންތައް "ފޭރިގަތުމަށް" ހިންގަމުންދާ މި ޖަރީމާ ބަލައިނުގަނެވޭނެ ކަމުގައި ވެސް ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން، ޔަހޫދީންގެ މި ފަދަ ޖަރީމާތަކާ ގުޅިގެން ސަރަޙައްދީ ސުލްޙައާއި ހަމަޖެހުމަށް ހުރަސް އެޅެމުންދާ ކަމަށާއި، ސަރަޙައްދީ ގުޅުންތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ނުރައްކާވަމުންދާ ކަމުގައި ވެސް އެ ޤައުމުތަކުން ވަނީ އިންޒާރު ކޮށްފައެވެ.