އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިޚާބުތަކުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތުގައި 26000އަށްވުރެ ގިނަ މީހުން ރީ- ރަޖިސްޓްރީ ވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލުމުގެ އިތުރުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓަށް ރީ-ރަޖިސްޓްރީވުމަށް މިމަހުގެ 18 ވަނަ ދުވަހު ހުޅުވާލިއެވެ. އަދި އެމުއްދަތު މިދިޔަ އާދިއްތަ ދުވަހަށް ވަނީ ހަމަވެފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރަށްވެހިވެފައިވާ ތަން ނޫން އެހެންތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތުގައި 26454 މީހަކު ރަޖިސްޓްރީވެފައިވާކަމަށެވެ. އަދި 21 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓޭވަރަށް މީހުން ރަޖިސްޓްރީވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. އޭޕްރީލް މަހުގައި ބާއްވާ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި އެއްވެސް ވޯޓު ފޮއްޓެއް ބެހެއްޓުމަށް ނިންމާފައެއްނުވެއެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރާއްޖެއިން ބޭރުގައި އެއްވެސް ވޯޓުފޮއްޓެއް ބެހެއްޓުމަށް ނިންމާފައި ނުވަނީ ކަނޑައަޅާފައިވާ އަދަދަށް މީހުން ރަޖިސްޓްރީވެފައި ނުވާތީކަމަށެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި ފުރަތަމަ ބުރުގައި 22000 މީހުން ރީ-ރަޖިސްޓްރީވުމަށް ހުށަހެޅިކަމަށެވެ. އެހެން އިންތިޚާބުތަކާ އެއްގޮތަށް މިފަހަރު ބާއްވާ އިންތިޚާބުތަކުގައިވެސް ރީރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތުގެ ބޭނުން ރައްޔިތުން ހިފާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"މި އިންތިޚާބަށް ރީ ރަޖިސްޓްރީވުމަށް ހުޅުވާލާފައި އޮންނާނީ މަޖިލިސް އިންތިޚާބު ނިމުނު ހިސާބުން. ސިނާޢީ ތަންތަނާއި، ޖަލުތަކާއި، ރިސޯޓްތަކާއި ރާއްޖެއިން ބޭރުގައި އުޅޭ މީހުން ފިޔަވާ އެހެން މީހުން ހުންނާނީ މަޖިލިސް އިންތިޚާބު ނިމުނުއިރު ރަޖިސްޓްރީވެފައި ތިބި ތަނެއްގައި. ޖުމުލަކޮށް ބަލާނަމަ މި އިންތިޚާބުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެންތަނެއްގައި 90،000އަށްވުރެ ގިނަ މީހުން ވޯޓުލާނެ." އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.
ސިޔާސީ 6 ޕާޓީއަކުން ވާދަކުރާ މިއިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިޚާބު ކުރާނެއެވެ.
މި އިންތިޚާބުގައި 2960 ކެންޑިޑޭޓުން ވާދަކުރެއެވެ. އޭގެތެރޭގައި ޕީއެންސީން 1322 ކެންޑިޑޭޓުންނާއި އެމްޑީޕީން 905 ކެންޑިޑޭޓުން ހިމެނެއެވެ. ޖުމްހޫރީ ޕާޓީން 15 ދާއިރާއަކަށް ވާދަކުރާއިރު މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސުން 57 ގޮނޑިއަށް ވާދަކުރެއެވެ. އަދި އަދާލަތު ޕާޓީން 9 ގޮނޑިއަށް ވާދަކުރާއިރު މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި 644 ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރެއެވެ.
މިއިންތިޚާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ. އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އާންމު ކުރާނީ ރީ-ރަޖިސްޓްރޭޝަނަށްފަހުއެވެ.
އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބާއެކު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގެ ކަންކަންވެސް ކުރިއަށް ގެންދާނެއެވެ.