ދުނިޔެ

ތައިލޭންޑުގައި ބޯޓެއް އަޑިއަށްގޮސް 12 މީހުން މަރުވެއްޖެ


ތައިލޭންޑްގެ ޗާއޯ ޕްރާޔާ ކޯރުގައި ދަތުރު ކުރަމުންދިޔަ ބޯޓެއް އަޑިއަށް ގޮސް 12 މީހުން މަރުވެ އެތައް ބަޔަކު ގެއްލިއްޖެއެވެ.

މިހާދިސާގައި އަޑިއަށް ގޮސްފައިވަނީ 150 މުސްލިމުން ގޮވައިގެން ތައިލޭންޑްގެ ވެރިރަށް ބެންކޮކްގެ 43 މޭލު ދުރުގައި އޮންނަ ޓުއަރިސްޓް ރަށެއްކަމަށްވާ އަޔުތާޔާ ކައިރިން ކޯރުގައި ދަތުރުކުރަމުން ދިޔަ ބޯޓެކެވެ. މިހާދިސާގައި 37 މީހުން ޒަޚަމްވެފަވާއިރު، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކަމާއިބެހޭ ފަރާތްތަކުން އަދިވެސްދަނީ ކުރަމުންނެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 7 އަންހެނުންނާ، 4 ފިރިހެނުން އަދި ކުޑަ ފިރިހެން ކުއްޖެއް ހިމެނޭކަމަށް އޮފިޝަލުން ބުނެއެވެ.

ކަމާއި ބެހޭ ފަރާތްތަކުން ބުނީ މިބޯޓު އަޑިއަށް ދިޔައީ ކޯރުގެ ބޭންކްގައި ޖެހިގެންކަމަށެވެ. ތައިލޭންޑަކީ އާންމުކޮށް އެއްގަމާއި ކަނޑުމަތީގެ އެކްސިޑެންޓްތައް ގިނަ ޤައުމެކެވެ.