މާލެޭގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފާއިތުވި ދެ ދުވަސް ތެރޭ މުޅި ޖުމުލަ 464،819 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތުގައި ހެންވޭރު، ގަލޮޅު އަދި މާފަންނު ޕޮލިސްގައި މަސައްކަތް ކުރާ ފުލުހުން ފާއިތުވި 48 ގަޑިއިރު ކުރި މަސައްކަތުގެ ބައެއް ތަފާސްހިސާބު ވަނީ ޢާންމުކޮށްފައެވެ. އޭގެތެރެއިން، ގަލޮޅު ފުލުހުން ވަނީ ޖުމުލަ 365،099 ރުފިޔާ އަނބުރާ ހޯދާފައެވެ. އަދި ހެންވޭރު ފުލުހުން 65،000 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
މީގެ އިތުރުން މާފަންނު ފުލުހުންގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، ގެއްލުނު 138،552 ރުފިޔާގެ ތެރެއިން މުޅި ޖުމުލަ 34،720 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ.
ގަލޮޅު ޕޮލިސް ސްޓޭޝަނުން، މާލޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، 18 ކޯލްއަކަށް އިޖާބަދީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި 2 ހާދިސާއަކަށް އަމިއްލައަށް އިސްނަގައިގެން ހަރަކާތްތެރިވެފައިވާ ކަމާއި، 35 ހާދިސާއެއް ރިކޯޑުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. އަދި ޓްރެފިކް ފުލުހުން 39 މައްސަލައެއް ބަލާފައިވާ ކަމަށާއި، 738 ސަރަޙައްދެއް ބަލައި ފާސްކޮށްފައިވާ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
ހެންވޭރު ޕޮލިސް ސްޓޭޝަންއިން، މާލޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން 13 ކޯލްއަކަށް އިޖާބަދީ އެހީތެރިކަން ފޯރުކޮށްދީފަައިވެއެވެ. އަދި 6 ހާދިސާއަކަށް އަމިއްލައަށް އިސްނަގައިގެން ހަރަކާތްތެރިވެފައިވާ ކަމަށާއި، 24 ހާދިސާއެއް ރިކޯޑުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. އަދި ޓްރެފިކް ފުލުހުން 101 މައްސަލައެއް ބަލާފައިވާ ކަމަށާއި، 752 ސަރަޙައްދެއް ބަލައި ފާސްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން މާފަންނު ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުގެ ތެރެއިން 25 ކޯލްއަކަށް އިޖާބަދީ އެހީތެރިކަން ފޯރުކޮށްދީފަައިވެއެވެ. އަދި 10 ހާދިސާއަކަށް އަމިއްލައަށް އިސްނަގައިގެން ހަރަކާތްތެރިވެފައިވާއިރު، 33 ހާދިސާއެއް ރިކޯޑުކޮށްފައިވެއެވެ. މީގެއިތުރުން 777 ސަރަޙައްދެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި، އޭގެ އިތުރުން ޢާއްމުކޮށް މައްސަލަތައް ހުށައެޅޭ 112 ސަރަޙައްދެއް ބަލައި ފާސްކޮށްފައިވާ ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.