ކުޅިވަރު

ދެކުނު އެފްރިކާ އަތުން ބަލިވުމަކީ އިންޑިޔާ ހޭލައްވާލުމެއް: ތަޖުރިބާކާރުން


ޓުވެންޓީ20 ކްރިކެޓް މުބާރާތުގައި އިއްޔެ ދެކުނު އެފްރިކާ އަތުން އިންޑިޔާ ވަނީ ބަލިވެފަ އެވެ. މިއީ ހުރިހާ ގޮތަކުން ވެސް މި ފަހަރުގެ މުބާރާތް ފަސޭހަ ނުވާނެ ކަމުގެ އިޝާރާތެކެވެ. އިންޑިޔާ އަކީ މުބާރާތް ބާއްވާ އެއް ގައުމެވެ. މުބާރާތް ކާމިޔާބު ކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވިފައިވާ ގައުމެވެ. މުބާރާތާ އެ ގައުމުން ކުރިމަތިލީ ވެސް ތަށި ނޫން އެއްޗެއް ގަބޫލު ނުކުރާ ގޮތަށެވެ. ފާއިތުވެދިޔަ ހައެއްކަ އަހަރު ތެރޭގައި އިންޑިޔާ ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު ޓުވެންޓީ20 މުބާރާތް ދިފާއު ނުކުރެވިއްޖެނަމަ ފާޑުކިއުންތައް އަމާޒުވާނެ އެވެ.

އިއްޔެގެ މެޗަށް ފަހު އިންޑިޔާ ޓީމާމެދު އެންމެ ގިނަ ބަޔަކު ބުނަމުންދަނީ ދެ ވާހަކަ އެކެވެ. ފުރަތަމަ ވާހަކަ އަކީ ޓީމުގެ ފުރަތަމަ 11 ބަދަލު ކުރަން ޖެހޭ ކަމަށެވެ. ފުރަތަމަ ކުޅެން ނުކުންނާނެ ކުޅުންތެރިން ހޮވުމުގައި އިންޑިޔާގެ ސިލެކްޝަން ކޮމިޓީން ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމަށެވެ. މޫނަށް ނުބަލައި ކުޅުންތެރިން ނަގަން ޖެހިއްޖެ ކަމަށެވެ. ކުރީގައި މޮޅަށް ކުޅުނަސް މިހާރު ފޯމު ދަށް ދަށްވެފައިވާ ކުޅުންތެރިން ބެންޗަށް ބަދަލު ކުރަން ވެއްޖެ ކަމަށެވެ.

އިންޑިޔާ ޓީމުގައި އެންމެ ގިނަ ފާޑުކިއުން އަމާޒުވަމުންދާ އެއް ކުޅުންތެރިއަކީ އަބީޝެކް ޝަރުމާ އެވެ. އޭނާގެ ފޯމު މި މުބާރާތުގައި ރަނގަޅެއް ނޫނެވެ. މީގެ އިތުރުން ވާތުން ކުޅޭ ގިނަ ކުޅުންތެރިންތަކެއްގެ ބަދަލުގައި ކަނާތުން ބެޓްކުރާނެ ކުޅުންތެރިން އިތުރު ކުރަން ޖެހޭ ކަމަށް ވެސް އެސިސްޓެންޓް ކޯޗު ރަޔަން ނީލްޓެން އެއްބަސްވެ އެވެ. މި ގޮތުން ސަންޖޫ ސެމްސޮން ޓީމުގައި ހިމަނަން މިހާރު ވަނީ މަޝްވަރާ ފަށައިފަ އެވެ.

ދެކުނު އެފްރިކާ މެޗުގައި އިންޑިޔާގެ ގަދަ ތިން ބެޓްސްމަނުން ނުބައިވޯ ގަދަ ހަ އޯވަރުގެ ތެރޭގަ އެވެ. މިހެންވެ ސްޕިން އުކުންތެރިންގެ ކުރިމަތީގައި އިންޑިޔާގެ ބެޓިން ރަނގަޅު ކުރަން ޖެހެ ކަމަށް ވެސް ނީލްޓަން ބުންޏެވެ.

މީގެ އިތުރުން މި މެޗުގައި އަށް ފަހަރު އިންޑިޔާގެ ކުޅުންތެރިން އަލުން ބޯޅަ އުކަން ޖެހުނެވެ. ނީލްޓަން ބުނީ މިއީ ކުޅުންތެރިންގެ އަހުލާގު ރަނގަޅު ކުރަންވީ ވަގުތެއްކަން މިކަމުން އެނގޭ ކަމަށާއި މިހާރު މިއޮތީ ވެދިޔަތަން ހަނދާން ނައްތާލައި ސީރިއަސްވާން ޖެހިފައި ކަމަށެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރުމަށް އިންޑިޔާ އަށް ކުރިއަށް އޮތް ދެ މެޗު ވެސް ކާމިޔާބު ކުރަން ޖެހޭނެ އެވެ.