ޚަބަރު

މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީ %30 އިތުރު


  • މިދިޔަ މަހު 180 މިލިޔަން ޑޮލަރު ލިބިފައިވޭ

  • މިދިޔަ އަހަރުގެ ޖަނަވަރީމަހު ލިބުނީ 125 މިލިޔަން ޑޮަލަރު

މިދިޔަ މަހު ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ %30 އިތުރުވެއްޖެއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ ޖަނަވަރީމަހުގެ ދައުލަތުގެ އާމްދަނީގެ ރިޕޯޓުގައިވާގޮތުން ޖަނަވަރީ މަހު ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީގެ އަދަދަކީ 180,421,663 ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީގެ އަދަދު ކަމުގައިވާ 125,885,592 ޑޮލަރާ އަޅާ ބަލާއިރު %30 އިތުރު އަދަދެކެވެ.

ޖަނަވަރީ މަހު ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީގެތެރޭގައި އެންމެ ބޮޑުބައެއް ހިއްސާކުރަނީ ޓީ-ޖީއެސްޓީއާއި، ޑީޕާޗަރ ޓެކުހާއި، އިންކަމް ޓެކްސް، އެއާޕޯޓު ޑިވެލޮޕްމަންޓު ފީގެގޮތުގައި ލިބިފައިވާ އަދަދެވެ.

ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ:

- ޓީ- ޖީއެސްޓީ: 79 މިލިޔަން ޑޮލަރު
- އިންކަމް ޓެކްސް: 37 މިލިޔަން ޑޮލަރު
- ލޭންޑު އެކިއުޒިޝަން އެންޑު ކޮންވާޝަން ފީ: 17 މިލިޔަން ޑޮލަރު
- ގްރީން ޓެކްސް: 14 މިލިޔަން ޑޮލަރު
- އެއާޕޯޓު ޑިވެލޮޕްމަންޓު ފީ: 12 މިލިޔަން ޑޮލަރު
- ޑިޕާޗަރ ޓެކްސް: 11 މިލިޔަން ޑޮލަރު

މިއަދަދުތަކުގެތެރެއިން އާމްދަނީއަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ގްރީން ޓެކްސްއަށެވެ. އެގޮތުން މި އަދަދު 2 ގުނައަށް އިތުރުވެފައެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު މީރާ އަށް ޑޮލަރުން ލިބުނު އާމްދަނީ ވަނީ 1.4 ބިލިޔަން ޑޮަލަރަށް އަރާފައެވެ. މިއީ 2024ވަނަ އަހަރު ލިބުނު 1 ބިލިޔަން ޑޮލަރާ އަޅާ ބަލާއިރު %37 އިތުރު އަދަދެކެވެ.