ކުޅިވަރު

ދެކުނު އެފްރިކާ އަތުން ބަލިވެ އިންޑިޔާ އަށް ނުތަނަވަސްކަން


ޓުވެންޓީ20 ކްރިކެޓް މުބާރާތުގެ ގަދަ އަށެއްގައި ދެކުނު އެފްރިކާ އަތުން ބަލިވެ، އިންޑިޔާ ނުތަނަވަސްވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި (ނަރަންދްރަ މޯދީ ސްޓޭޑިއަމުގައި) ކުޅުނު މެޗުން އިންޑިޔާ ބަލިވީ ތަފާތު ބޮޑު ނަތީޖާއެއް ކަމަށްވާ 76 ލަނޑުންނެވެ. މި މެޗުގައި ފުރަތަމަ ކުޅެން އަރައި ދެކުނު އެފްރިކާ އިނިންގްސް ނިންމާލީ 20 އޯވަރަށް 187 ލަނޑު ހަދައިގެންނެވެ. ޖަވާބުގައި ކުޅެން އަރައި އިންޑިޔާ އަށް 18 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ އެންމެ 111 ލަނޑެވެ.

މިއީ އިންޑިޔާ އާއި ލަންކާގައި ކުރިއަށްދާ މުބާރާތުގައި އިންޑިޔާ ބަލިވި ފުރަތަމަ މެޗެކެވެ. އެކަމަކު ގަދަ އަށެއްގައި ކުޅުނު ފުރަތަމަ މެޗުން ބަލިވުމުން މުބާރާތުގެ ސެމީ ފައިނަލަށް ދިއުމަށް އިންޑިޔާ އަށް މިހާރު ވަނީ ކުރިއަށް އޮތް ދެ މެޗު ވެސް ކާމިޔާބު ކުރަން މަޖުބޫރުވެފަ އެވެ.

ކެޕްޓަން ސުރަޔަކުމާރު ޔަދާވް ބުނީ މި މެޗުގައި އެންމެ ބޮޑު މައްސަލައަކީ ފުރަތަމަ ހަ އޯވަރުގެ ތެރޭގައި މުހިންމު ވިކެޓްތަކެއް ދިއުން ކަމަށެވެ.

"މެޗެއް ކާމިޔާބެއް ނުކުރެވޭނެ ޕަބަ ޕްލޭގައި. އޭރުން ބަލިވާނީ. އަހަރުމެންގެ މުހިންމު ވިކެޓްތައް އެ ވަނީ ޕަވަރޕްލޭގައި ގޮސްފައި. އުއްމީދު ކުރަނީ އަހަރުމެން ރަނގަޅަށް ބެޓްކޮށް، ރަނގަޅަށް ހޮވައި، ރަނގަޅަށް އުކައިގެން ކުރިއަށް އޮތް ޒިމްބާބުވޭ މެޗުން މޮޅުވާނެ ކަމަށް. އަހަރެން އުއްމީދު ކުރަނީ އަހަރުމެން މިހާތަނަށް ކުޅެމުން އައި މޮޅު ކުޅުން އެ މެޗުގައި ފެނިގެންދާނެ ކަމަށް،" ސުރްޔަކުރާމު ބުންޏެވެ.

ދެކުނު އެފްރިކާގެ ކެޕްޓަން އައިދަން މާކްރަމް ބުނީ އޭނާގެ ޓީމުން މެޗުގައި ދެއްކީ ވަރަށް މޮޅު ކުޅުމެއް ކަމަށެވެ.
"އަހަރުމެންގެ އުކުންތެރިން ވަރަށް މޮޅު. އަހަރުމެން އެކަމަށް ވަރަށް ތައްޔާރުވިން. އެމީހުން ވަރަށް ބުރަކޮށް މޮޅަށް ކުޅުނު. އެމީހުންގެ ޕާޓްނާރޝިޕްތައް އަހަރުމެން ވަރަށް ރަނގަޅަށް ދިރާސާ ކުރިން. މިއީ ވަރަށް ފުރިހަމަ މޮޅެއް، ކެޕްޓަން ބުންޏެވެ.

މި މުބާރާތުގެ ގްރޫޕް ބީގައި ސްރީލަންކާ އަތުން އިނގިރޭސިން މޮޅުވީ 51 ލަނޑުންނެވެ. އިންގްލޭންޑް ކުޅެން ނުކުމެ 20 އޯވަރުން ހެދީ 146 ލަނޑެވެ. ޖަވާބުގައި ލަންކާ އަށް އަމިއްލަ ދަނޑުގައި 16 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރން ނުބައިވެގެން ހެދުނީ އެންމެ 95 ލަނޑެވެ.