އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން އާސެނަލް މޮޅުވެ ތާވަލުގެ ކުރީގައި ފަސް ޕޮއިންޓުގެ ލީޑެއް ހޯދައިފި އެވެ.
މި މެޗުން އާސެނަލް މޮޅުވިއިރު އެ ޓީމުން ވަނީ ލީގުގައި މިހާތަނަށް ކުޅުނު 28 މެޗުން ޖުމްލަ 61 ޕޮއިންޓް ހޯދާފަ އެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 56 ޕޮއިންޓެވެ.
ޓޮޓްނަމް ހޮޓްސްޕަރ އަށް 27 މެޗުން ލިބިފައިވާ 29 ޕޮއިންޓާއެކު އޮތީ ތާވަލުގެ 16 ވަނައިގަ އެވެ. ރެލިގޭޝަން ޒޯނުގައި ހިމެނޭ ވެސްޓްހޭމް ޔުނައިޓެޑާއި ޓޮޓްނަމް އާއި ދެމެދު އޮތީ ހަތަރު ޕޮއިންޓުގެ ފަރަގެކެވެ.
ޓޮޓްނަމް ހޮޓްސްޕަރ ސްޓޭޑިއަމްގައި ފަސްދޮޅަސް އެއް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 32 ވަނަ މިނިޓުގައި އާސެނަލް އަށް ކުރި ހޯދަދީފައިވަނީ އެބެރޭޗީ އެޒޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ނަމަވެސް އޭގެ ދެ މިނިޓު ފަހުން އީގޯ ޓޫޑޯގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ޓޮޓްނަމްގެ ރަންޑަލް ކޯލޯ މުއާނީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
އާސެނަލް އިން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގައި ދެވަނަ ފަހަރަށް އެ ޓީމުން ކުރި ހޯދާފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި ވިކްޓަރ ގިޔޮކޯރެސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ އޭރިޔާ ބޭރުން ވަރަށް ބާރަށް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
މި މެޗުގައި އާސެނަލް އިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 61 ވަނަ މިނިޓުގައި އެބެރޭޗީ އެޒޭ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ކުޅުމުގެ ހަތަރުވަނަ މިނިޓުގައި ގިޔޮކޯރެސް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-1 އަށް ބަދަލުކޮށްފަ އެވެ.