ޚަބަރު

ހައިކޯޓް ރިޕޯޓަރގެ 2 ވަނަ ޢަދަދު ނެރުއްވައިފި


ދިވެހިރާއްޖޭގެ ހައިކޯޓުން ބައްލަވާފައިވާ، ކުޑަކުދިންނާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ މައްސަލަތަކުގެ މައްޗަށް ޚާއްޞަ ކުރެއްވި، ހައިކޯޓް ރިޕޯޓަރގެ 2 ވަނަ ޢަދަދު ނެރުއްވައިފިއެވެ.

މިއަދު ސްޓެލްކޯގެ ސެމިނަރ ހޯލްގައި ބޭއްވެވި ރަސްމިއްޔާތެއްގައި ހައިކޯޓް ރިޕޯޓަރގެ ދެވަނަ ޢަދަދު ނެރެދެއްވީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޖަސްޓިސް ރިޓަޔާޑް ޔޫސުފް ޙުސައިންއެވެ. މިފޮތް ނެރެދެއްވުމަށްފަހު ވާހަކަދައްކަވަމުން ޖަސްޓިސް ރިޓަޔާޑް އަލްއުސްތާޛް ޔޫސުފް ޙުސައިން ވިދާޅުވީ މިފޮތަކީ މިފަދަ މައްސަލަތައް ދިރާސާކުރާ ފަރާތްތަކަށް މުހިންމު ފޮތަކަށް ވެގެންދާނެކަމަށެވެ. އަދި މިފޮތުގައި ހިމަނުއްވާފައިވާ ޤާޟިއްޔާތަކަކީ އެހެން ތަނަކުން ލިބެން ހުންނާނެ ޤަޟިއްޔާތަކެއް ނޫންކަން ރިޓަޔާރޑް ޖަސްޓިސް ޔޫސުފް ޙުސައިން ފާހަގަކުރެއްވިއެވެ. މިރިޕޯޓަކީ ދަށުކޯޓްތަކުން މިފަދަ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭގޮތުގެ އުޞޫލުތައް ދަށުކޯޓްތަކުގެ ފަނޑިޔާރުންނަށްވެސް އެނގިގެންދާނެ ރިޕޯޓެއްކަމަށް ރިޓަޔާރޑް ޖަސްޓިސް ފާހަގަކުރެއްވިއެވެ.

މި ރިޕޯޓް ނެރުއްވުމަށްފަހު ކަމާބެހޭ ފަރާތްތަކާއެކު މިފޮތުގައިވާ މަޢުލޫމާތު ޙިއްޞާކުރައްވައި، މިފަދަ މައްސަލަތަކުގައި ހައިކޯޓުން ޢަމަލުކުރައްވާ ގޮތް އުގަންނައިދެއްވުމަށް ޚާއްޞަ ސެމިނަރއެއް ކުރިއަށް އެބަގެންދަވައެވެ. ކުޑަކުދިންނާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގާ ފަރާތްތަކާމެދު ޚާއްޞަ އުޞޫލަކުން ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ކުޑަކުދިންނާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ މައްސަލަތަކަކީ ކޯޓްތަކުގެ ޤަޟިއްޔާތައް ޢާންމުކޮށް ޝާޢިޢުކުރާ އުޞޫލުން ޝާއިޢުކުރާ ޤަޒިއްޔާތަކެއް ނޫނެވެ. ހައިކޯޓުން އެކުލަވާލައްވާފައިވާ ހައިކޯޓް ރިޕޯޓަރުގައި މި މަޢުލޫމާތު ހިމަނުއްވާފައިވަނީ އެއްވެސް ޚަސްމެއްގެ ޒާތީ މަޢުލޫމާތު ނުހިމަނުއްވައިކަމަށް ހައިކޯޓުން ވިދާޅުވެއެވެ. މިފޮތް ދިވެހިރާއްޖޭގެ ހައިކޯޓުގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެއްވޭނެއެވެ.