ސިއްހަތު

ދުންފުހުގެ އަސަރު ދިގުދެމިގެންދަނީ އިރުވައި މޫސުން އަވަހަށް ފެށުމުން


  • ކުރިޔަށް އޮތް 3 ދުވަސްތެރޭ ވައި ސާފުވާނެ

ދުންފުހުގެ އަސަރު މިފަހަރު ދިގުދެމިގެންދަނީ އިރުވައި މޫސުން އާއްމުކޮށް ފަށާ ދުވަސްވަރަށްވުރެ އަވަހަށް ފެށުމުންކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ކޮންމެ އަހަރަކުވެސް ވަކި ދުވަސްވަރެއްގައި ދުންފުހުގެ އަސަރު ދަނީ ކުރަމުންނެވެ. ނަމަވެސް މިއަހަރު ދުންފުހުގެ އަސަރު ވަނީ ދިގުދެމިގެންގޮސްފައެވެ.

ކޮންމެ އަހަރަކުވެސް އިރުވައި މޫސުމުގައި ރާއްޖެއަށް ދުންފުހުގެ އަސަރުކުރަނީ ކައިރި ޤައުމުތަކުން އަންނަ ދުންފުހުންނެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ދުންފުހުގެ އަސަރު މިދިޔަ އަހަރު ޑިސެމްބަރު ކުރީ ކޮޅުން ފެށިގެން ވަރަށް ބޮޑަށް ކޮށްފައިވާކަމަށާއި އެހެން އަހަރަތުކަކޭ ޚިލާފަށް، މި އަހަރު ދުންފުހުގެ އަސަރުވަނީ ވަރަށް ބޮޑަށް ދިގުދެމިގެން ގޮސްފައިކަމަށެވެ. އަދި އެކަން އެހެން ދިމާވަނީ އިރުވައި މޫސުން އަވަހަށް ފެށުމުންކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. މީގެއިތުރުން ވައި ހުންނަ މިސްރާބު ބަދަލުނުވުމަކީވެސް ދުންފުހުގެ އަސަރު ދިގުދެމިގެންދިޔަ ސަބަބެއްކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. އެހެންނަމަވެސް ކުރިޔަށް އޮތް 3 ދުވަސްތެރޭގައި ވައި ސާފުވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ދުންފުހުގެ އަސަރު ރާއްޖެއަށް ނުރައްކާތެރި މިންވަރަކަށް ކުރަމުންދާއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ އެކަމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރައްވާފައެވެ.

ވައި ނުސާފުވުމުގެ ސަބަބުން ކުރު މުއްދަތަކަށާއި ދިގު މުއްދަތަކަށް އަސަރުކުރާ ޞިއްޙީ މައްސަލަތަކެއްވެއެވެ. އޭގެތެރޭގައި ސިކުނޑިއާއި ނާރުގެ ބަލިތަކާއި ވިސްނުމުގެ ބާރު ދެރަވާފަދަ ކަންކަން ހިމެނޭކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. ހަމައެއާއެކު، މާބަނޑު ދުވަސްވަރު ދިމާވާ ނުރައްކާތެރި ޞިއްޙީ މައްސަލަތައް އަދި ކުޑަކުދިންގެ ފުއްޕާމޭ ހެދިބޮޑުވުމަށް ހުރަސްއެޅުމާއި ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ރިސްކް އިތުރުވާކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

އެހެންކަމުން ދުންފުހުގެ އަސަރުކުރާ ދުވަސްވަރު އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އެގޮތުން ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުން ބޭރުގައި ކުޅެން އުޅުމާއި، ކަސްރަތުކުރުން ފަދަ ކަންތައްތައް މަޑުޖައްސާލުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. ހަމައެއާއެކު، ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުންނާއި އެލާޖީގެ މައްސަލަތައް ހުންނަ މީހުން އެން-95 މާސްކް ނުވަތަ އެފަދަ މާސްކް އެޅުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އަދި ބޭރުގެ ނުސާފުވައި ނުވަންނާނެހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، އެއަރ ޕިއުރިފަޔާ ބޭނުންކުރުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.