ދެކުނު އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާ ސާފްގެ ކޮމިޓީތަކަށް ރާއްޖޭގެ އަބްދުލްހަމީދު އަބްދުލްގަފޫރު (އައްޑޯ) އާއި އިސްމާއީލް ސިމަން ހަމަޖައްސައިފި އެވެ.
ތަޖުރިބާކާރު މެޗު ކަމިޝަނަރު އަދި އެފްއޭއެމުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އައްޑޯ ހަމަޖައްސާފައިވަނީ ސާކުގެ ހަތް ގައުމުގެ ޖަމިއްޔާގެ އެޕީލް ކޮމިޓީގެ މެމްބަރަކަށެވެ. އައްޑޯ އަކީ އޭޝިޔާ ސަރަހައްދުގައި ވެސް ފާހަގަ ކޮށްލެވޭ މެޗު ކަމިޝަނަރެކެވެ. އަދި އޭނާ ވަނީ އެފްއޭއެމުގެ ގިނަ މަގާމުތަކެއް ވެސް ފުރުއްވާފަ އެވެ.
ސިމަން ހަމަޖައްސާފައިވަނީ ސާފުގެ ޑިސިޕްލިނަރީ ކޮމިޓީގެ ވައިސް ޗެއާމަނަކަށެވެ. ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ސިމަން އަކީ އެފްއޭއެމުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ސަސްޕެންޑްކޮށް، ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ އިންތިހާބު ބާއްވަންފީފާއިން އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރެކެވެ. މި ދެ މެމްބަރުންނަށް އެފްއޭއެމުގެ ރައީސް އަހުމްދު ތާރިގް (ޓޮމް) ވަނީ މަރުހަބާ ކިޔައިފަ އެވެ.
ދެކުނު އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާގައި ހިމެނެނީ ރާއްޖެ އާއި އިންޑިޔާ އަދި ބަނގްލަދޭޝް އާއި ޕާކިސްތާނާއި ނޭޕާލާއި ބޫޓާންގެ އިތުރުން ސްރީލަންކާ އެވެ.