ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްދާ މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލުގެ އޯޕަން ޓޭޕް ބޯޅަ މުބާރާތުގެ ތިންވަނަ ދުވަހުގެ މެޗުތައް ހަފްލާން އާއި މީޓިއާސް އިން ކާމިޔާބުކޮށްފިއެވެ.
މާފަންނު ކުޅިވަރު އެކުވެނީގެ އެއް ނަމްބަރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއދަު ހަފްލާން އިން ވާދަކުރީ އޮއްފު އެފްސީއާ އެވެ. މި މެޗު ހަފްލާން އިން ކާމިޔާބުކުރީ އަށް ވިކެޓުންނެވެ.
ލަހުން މެޗު ފެށުމުގެ ސަބަބުން މި މެޗު ކުރިއަށް ގެންގޮސްފައި ވަނީ ހަ އޯވަރަށެވެ. ގުރު ދިމާވުމުން އޮފު އެފްސީން ފުރަތަމަ ކުޅެން އެރިއިރު، ހަ އޯވަރު ތެރޭ 1 ކުޅުންތެރިއަކު ނުބައިވެގެން އެ ޓީމުން 105 ލަނޑު ހަދާފައިވެއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 17 ބޯޅައިން 33 ލަނޑު ހެދި އަފްޒަލް ފާއިޒެވެ.
ޖަވާބުގައި ކުޅެން އަރައި ހަފްލާއިން 5.5 އޯވަރުން ދެ ކުޅުންތެރިއަކު ނުބައިވެގެން 106 ލަނޑު ހަދާފައިވެއެވެ. ހަފްލާއިން މެޗުގައި އެންމެ ރަނގަޅަށް ކުޅުނު އިސްމާއިލް އަލީ ވަނީ އަށް ބޯލައިން 34 ލަނޑު ހަމަކޮށްފައެވެ.
މިއަދުގެ ދެވަނަ މެޗުގައި މީޓިއާސް އިން ވަނީ 10 ވިކެޓުން މެރީ ކޯނާޒްގެ މައްޗަށް ކުރިހޯދާފައެވެ. މެޗުގައި ޓޮސް ދިމާވުމުން މީޓިއާސް އިން ބޭނުންވީ ފުރަތަމަ އުކަންށެވެ.
ފުރަތަމަ އިނިންގްސްގައި މެރީ ކޯނާއިން އަށް އޯވަރު ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 107 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 20 ބޯޅައިން 32 ލަނޑު ހެދި މުޙައްމަދު ހައިކަލްއެވެ. ޖަވާބުގައި ކުޅެން އަރައި މީޓިއާސް އިން 5.4 އޯވަރުގެ ތެރޭގައި އެއްވެސް ކުޅުންތެރިއަކު ނުބައި ނުވެ 108 ލަނޑު ހެދިއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 14 ބޯޅައިން 32 ލަނޑު ހެދި އިބްރާޙީމް ސަދޫފެވެ.
މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލުގެ އޯޕަން ޓޭޕް ބޯޅަ މުބާރާތުގެ ހަތަރުވަނަ ދުވަހު ވާދަކުރާނީ ހަފްލާން އާއި ނާލި އެކްސްޗޭންޖެވެ. އަދި އެ ދުވަހުގެ ދެވަނަ މެޗުގައި ކަރުދާސް ކްރިކެޓް ކުލަބާއި ކިންޒާ ކެފޭ ބައްދަލުކުރާނެއެވެ.
މިމުބާރާތުގެ ކުޅުން ކުރިއަށްދަނީ ހަވީރު 04:00 އިން 06:00 އެވެ.
ހަމައެކަނި ދިވެހިންނަށް ވާދަކުރެވޭގޮތަށް ކުރިއަށްގެންދާ އޯޕަން ޓޭޕް ބޯޅަ މުބާރާތުގައި ޖުމްލަ 13 ޓީމަކުންދަނީ 3 ގްރޫޕެއްގައި ވާދަކުރަމުންނެވެ.