ރާއްޖޭގެ ފުޓްސަލްގެ އެންމެ ވިދުންގަދަ ތަރިންގެ ތެރޭގައި ހިމެނޭ އަބްދުﷲ ޝައްފާން (ޝާކާ) އާއި އަލީ ޝިޔާހު، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މައިލޯ ރަމަޟާން ކްރިކެޓު ކާނިވަލުގެ އޯޕަން ޓޭޕް ބޯޅަ މުބާރާތުގައި ކުޅެ، ގިނަ ބަޔަކު ހައިރާން ކޮށްލައިފިއެވެ.
މި ދެ ކުޅުންތެރިން ގިނަ ބަޔަކު ދަންނަނީ ފުޓްސަލްގެ އެންމެ ނުފޫޒުގަދަ، އެންމެ ވަރުގަދަ ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ދެ ކުޅުންތެރިންގެ ގޮތުގައެވެ. ގިނަބަޔަކަށް ނޭނގި އޮތް ހަގީގަތަކީ މިއީ ކްރިކެޓަށް ވެސް ހިތް ދޫވެފައިވާ، އެ ކުޅިވަރުގެ ވެސް މާޒީއެއް އޮތް މަލްޓި ސްޕޯޓްސް އެތުލީޓުންތަކެއް ކަމެވެ.
މި ދެ ކުޅުންތެރިން ފެނިގެން ގޮސްފައިވަނީ މުބާރާތުގައި ފުރަތަމަ ފަހަރަށް ވާދަކުރާ ވިލިމާލެއަށް ނިސްބަތްވާ ޓީއެފްޓީ ޓީމުންނެވެ. އެ ޓީމު ލީޑުކުރަމުންދަނީ ގައުމީ ކްރިކެޓް ޓީމުގެ ވައިސް ކެޕްޓަން، އާދަމް ނާސިފްއެވެ.
ޓީއެފްޓީން ހުކުރު ދުވަހު ކުޅުނު މެޗުގައި އެ ޓީމުގެ ޖާޒީގައި ޝިޔާހުއާއި ޝައްފާން ފެނިގެންދިޔައިރު، ދެއްކި ކުޅުމުން، މިއީ އެ ދެ ކުޅުންތެރިންނަށް އައު ކުޅިވަރެއް ނޫންކަން ވަރަށް ރަނގަޅަށް ހާމަވިއެވެ.
ފުރަތަމަ މެޗުން ޓީއެފްޓީ މޮޅުވީ ޕޮޮލިސް ކުލަބާ ވާދަކޮށް 65 ލަނޑުންނެވެ. މެޗުގެ ޓޮސް ދިމާވެގެން ޓީއެފްޓީން ކުޅެންއަރާ އަށް އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 150 ލަނޑު ހަދާފައިވެއެވެ.
މެޗުގައި އެންމެ ރަނގަޅަށް ކުޅުނު ކުޅުންތެރިންގެ ތެރޭގައި ޝައްފާން ހިމެނެއެވެ. އޭނާ ވަނީ 13 ބޯޅައިން 32 ލަނޑު ހަދާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ ކުޅުންތެރިންނަކީ މީގެ އަހަރުތަކެއް ކުރިން، ސްކޫލް ދައުރުގައި ވިލިމާލޭގެ މުޙްޔިއްދީން ސްކޫލުގައި ކިޔެވިއިރު ކްރިކެޓުގެ ތެރެއަށް ވަތް ކުޅުންތެރިންތަކެކެވެ. އެހެންނަމަވެސް އެ ކުޅިވަރުގައި ދެމިހުރުމުގެ ބަދަލުގައި މި ދެ ކުޅުންތެރިން ވެސް ފުޓްސަލްގައި އަމިއްލަ ނަމެއް، ބްރޭންޑެއް ވަނީ އުފައްދާފައެވެ.
ކްރިކެޓުގައި ވެސް ތަފާތު ދައްކަމުން އަންނަ ޝައްފާނަކީ ޒަމާންތަކެއް ވަންދެން ރާއްޖޭގެ ފުޓްސަލްގެ ކިންގުގެ ގޮތުގައި ގިނަބަޔަކު ގަބޫލުކުރި ކުޅުންތެރިޔާއެވެ. ޝިޔާހު އަކީ މިފަހުން ރާއްޖެއިން ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޓްރޮފީ އުފުލާލިއިރު އެ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ކުޅުންތެރިއެކެވެ.