ޚަބަރު

މާޒީ އިޔާދަކޮށް ނިއުގެ ދަތުރަށް މާޒިޔާއިން ނިމުން ގެނުވައިފި


  • މިފަހަރު ނިއު ބަލިވީ ޕެނަލްޓީ ޖަހައިގެން

  • ފުރިހަމަވަގުތުގެ ކުޅުން ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެން

ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ބަލިކޮށް، މުބާރާތުގެ ތައްޓަށް އެ ޓީމުން ކުރަމުން އައި އުއްމީދަށް ނިމުން ގެނުވައިފިއެވެ.

ގޮލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ހުކުރު ދުވަހުގެރޭ ކުޅުނު މި މެޗުގެ ފުރިހަމަވަގުތުގެ ކުޅުން ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެފައި އޮވެގެންނެވެ. މި މެޗުގެ ފުރަތަމަ ހާފު މާޒިޔާއިން ނިންމާލީ ދެ ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ.

މާޒިޔާ އިން ލީޑުނެގީ 27 ވަނަ މިނެޓުގައި މުހައްމަދު އިލާން ތަނަވަސްކޮށްދިން ފުރުސަތެއްގައި އަހުމަދު އައިހަމް (ފަތޯ) ޖެހި މޮޅު ގޯލަކުންނެވެ.

މާޒިޔާގެ ދެވަނަ ލަނޑަކީ ވެސް އައިހަމް ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއީ 40 ވަނަ މިނެޓުގައި ހަސަން ނަޒީމް (ޗޯޓު) ފޮނުވާލި ބޯޅައެއް އޭރިއާތެރޭގައި ހުސްކޮށް ހުރެފައި، ކޮންޓްރޯލް ކުރުމަށް ފަހު، އައިހަމް ޖެހި ލަނޑެކެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ މާޒިޔާއިން ދެވަނަ ހާފަށް ނިކުތްއިރު މި ހާފަށް ނިއު ނިކުތީ ބަދަލަކާ އެކުއެވެ. އެގޮތުން ފުރަތަމަ ހާފުގައި ކުޅުނު ހަސަން ރާއިފް (ހަންނަ) ގެ ބަދަލުގައި ޓީމުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ވަނީ ކުޅެން އަރުވާފައެވެ. މިއާއެކު ނިއުގެ އެޓޭކުތައް ވަރުގަދަވެގެން ދިޔައިރު ހާފު ފަށައިގެން ފުރަތަމަ 30 ސިކުންތުގެ ތެރޭގައި ނިއު އިން މާޒިޔާގެ ގޯލަށް ނުރައްކާ ކުރިއެވެ.

ނިއުއިން މެޗުގައި ފަރަގު ކުޑަކުރީ ދެވަނަ ހާފު ފަށައިގެން ފަސް މިނެޓުގެ ތެރޭގައި އަލް ހާޖީ ގެރޯ ކާމިޔާބުކޮށްދިން ލަނޑާއެކުއެވެ. މެޗުގައި ނިއުއިން 60 ވަނަ މިނެޓުގައި އަލީ އަޝްފާގް (ދަގަނޑޭ) ކުޅެން އެރުވިއިރު، ކުޅެން އެރިތާ ހަ މިނެޓުގެ ތެރޭގައި އޭނާ ވަނީ މެޗުގައި ނިިއުއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މި ނަތީޖާގައި އޮވެ މެޗުގެ ފުރިހަމަވަގުތުގެ ކުޅުން ނިމުނުއިރު ނަތީޖާ ނެރުމަށް ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީގައި ނިއުގެ މައްޗަށް މާޒިޔާއިން ކުރިހޯދީ 3-4 ގެ ނަތީޖާއަކުންނެވެ.

ނިއުގެ ޕެނަލްޓީތަކުގެ ތެރެއިން އަބްދުﷲ ބިލިޓީއާއި އަލީ އަޝްފާގް ފޮނުވާލި ޕެނަލްޓީތައް، މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފް ވަނީ މަތަކޮށްފައެވެ. އަދި މާޒިޔާގެ އިބްރާޙީމް އައިސަމް ފޮނުވާލި ޕެނަލްޓީ، ނިއުގެ ކީޕަރު މުޙައްމަދު ފައިސަލް ވަނީ ދިފާއުކޮށްފައެވެ.

ނިއުއިން ޕެނަލްޓީ ކާމިޔާބުކުރީ އަލްހާޖީ ގެރޯއާއި އަލީ ފާސިރުގެ އިތުރުން އަޙްމަދު ހުސާމެވެ. މާޒިޔާއިން ޕެނަލްޓީ ކާމިޔާބުކުރީ ހަމްޒާ މުޙައްމަދު (ހަމްޕު) އާއި ނާޒިމް މަމަޒާދާގެ އިތުރުން އަޙްމަދު އައިހަމް އާއި ރެގަން އޮބެންގެވެ.

މި މޮޅާއެކު މާޒިޔާއިން ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލަށް ދަތުރުކުރިއިރު، މި ދެ ޓީމުން އެންމެފަހުން މި މުބާރާތުގައި ވާދަކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ. އައްޑޫ ސިޓީ ޒޯން ސްޓޭޑިއަމްގައި، ކުޅުނު ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި މާޒިޔާ އިން ވަނީ 1-3 އިން ނިއު ބަލިކޮށް، މުބާރާތުގެ ތަށި އުފުލާލާފައެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި އެ މެޗުގައި މާޒިޔާގެ ކޯޗަކަށް ހުރީ މިއަދު ނިއުރޭޑިއަންޓުގެ ހެޑް ކޯޗަކަށް ހުރި އަލީ ސުޒެއިން އެވެ.