ކުޅިވަރު

ޕެނަތިނައިކޯސްގެ ކޯޗުކަމުން ބެނީޓޭޒް ވަކިކުރަނީ


ގްރީސްގެ ޕެނަތިނައިކޯސްގެ ކޯޗުކަމުން ތަޖުރިބާކާރު ކޯޗު ރަފާ ބެނީޓޭޒް ވަކިކުރުމާ ގާތަށް ހިނގައްޖެ އެވެ.

އުމުރުން މިހާރު 65 އަހަރުގެ ލިވަޕޫލާއި ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު މަގާމުން ވަކިކުރަން ނިންމި ނަމަވެސް މިކަން ބަދަލު ކުރަން އޭނާ އަށް ކުރި އަށް އޮތް ދެ މެޗުގައި ފުރުސަތު ދޭނެ އެވެ.

މީގެ ފަސް މަސް ކުރިން ބެނީޓޭޒް ޕެނަތިނައިކޯސްގެ ކޯޗުކަމާ ހަވާލުވީ އަގު ބޮޑު ކޮންޓްރެކްޓަކާ އެކުގަ އެވެ. ދެ އަހަރު ދުވަހަށް އޭނާ ސޮއިކުރީ އަހަރަކު 3.5 މިލިއަން ޔޫރޯގެ މުސާރައެއްގަ އެވެ. ނަމަވެސް ޓީމުން އޭނާއާ މެދު ހިތްހަމަ ނުޖެނުނީ މިހާތަނަށް ކުޅުނު 25 މެޗުގެ ތެރެއިން 13 މެޗުން މޮޅުވުމުންނެވެ. ބަލިވީ ހަ މެޗުންނެވެ.

ގްރީސްގެ ލީގުގައި ޕެނަތިނައިކޯސް އޮތީ ޓޭބަލުގެ ފަސް ވަނާގަ އެވެ. ބެނީޓޭޒް ހަވާލުވިއިރު އެ ޓީމު އޮތީ ލީގުގެ ހަތް ވަނާގަ އެވެ. އޭނާއާ މެދު ހިތްހަމަ ނުޖެހިގެން ކުޅުންތެރިން ވެސް ޝަކުވާ ކުރަން ފެށީ ނަތީޖާތައް ގޯސްވުމާއި އެކަށީގެންވާ ކުރިއެރުން ނުލިބުމާއި އޭނާގެ ރޭވުންތެރިކަން ކަމުނުދާ ކަމަށް ބުނެ އެވެ.

ބެނީޓޭޒަކީ ލިވަޕޫލާއި ސްޕޭނުގެ ވެލެންސިއާގައި ކާމިޔާބު ހޯދި ކޯޗެކެވެ. އޭގެ ފަހުން އޭނާ ވަނީ ޗެލްސީ އާއި އިޓަލީގެ އިންޓަމިލާނުގައި ވެސް ކުރު މުއްދަތެއްގައި ކޯޗުކޮށްދީފަ އެވެ. ނަމަވެސް ފަހުން އޭނާ އަށް ބޮޑު ކުލަބެއް ކޯޗުކަން ލިބިފައިނުވެ އެވެ.