ޚަބަރު

ޙައްޖުވެރިންގެ 2 ވަނަ ގްރޫޕް މާދަމާ ރާއްޖެ އަންނާނެ


ޙައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރު ރާއްޖެއިން ޙައްޖުކޯޕަރޭޝަންގެ ޙަވާލުގައި ދިޔަ ޙައްޖުވެރިންގެ ދެވަނަ ގްރޫޕް މާދާމާ މާލެ އައުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޙައްޖަށް ދިޔަ މީހުންގެ ދެވަނަ ގުރޫޕް މާލެ އައުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު 12:25ގައި ކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ.

މާދަމާ ގާތްގަނޑަކަށް 250އާއި 300އާ ގާތްކުރާ އަދަދަކަށް ޙައްޖުވެރިން ރާއްޖެއައުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ. ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޙައްޖަށްދިޔަ މީހުންގެ ފުރަތަމަ ގްރޫޕްގައި ހިމެނޭ، 252 މީހުން އިއްޔެ ވަނީ ރާއްޖެ އައިސްފައެވެ.

ރާއްޖެއިން ދިޔަ ޙައްޖާޖީން އިއްޔެއިން ފެށިގެން މިމަހުގެ 24 ވަނަ ދުވަހާ ދެމެދުގެ ދުވަސްތަކުގައި އެކި ގަޑިތަކުގައި ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށް ދިޔަ 1000 މީހުންގެ ތެރެއިން 3 ވަނަ ގްރޫޕް މިމަހުގެ 21 ވަނަ ދުވަހު އަދި އެންމެ ފަހު ގްރޫޕް މިމަހުގެ 24 ވަނަ ދުވަހު ރާއްޖެ އަންނާނެއެވެ.

އަމިއްލަ 5 ޖަމާޢަތެއްގެ ޙަވާލުގައި މިއަހަރު ޙައްޖަށްދިޔަ 1000 މީހުންގެ ތެރެއިން، އަލް ޙަރްމައިން ގްރޫޕްގެ ހަވާލުގައި ދިޔަ 200 މީހުން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 އަދި 22 ވަނަ ދުވަހުއެވެ. އެކްރޯ ގްރޫޕްގެ ޙަވާލުގައި ދިޔަ 200 ޙައްޖާޖީން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 20 ވަނަ ދުވަހުއެވެ.

ރާއްޖެއިން މިއަހަރު 2000 މީހުން ޙައްޖުގެ އަޅުކަން އަދާކޮށްފައިވެއެވެ. މީގެތެރެއިން 1000 މީހުން ޙައްޖަށް ދިޔައީ، ޙައްޖު ކޯޕަރޭޝަނުގެ ޙަވާލުގައެވެ. ބާކީ 1000 މީހުން ދިޔައީ އަމިއްލަ 5 ޖަމާޢަތެއްގެ ޙަވާލުގައެވެ. މީގެތެރޭގައި ޒަޢީމާ ޙައްޖު ގުރޫޕްގެ ޙަވާލުގައި 200 މީހުން، ސިސިލްފަރު ގްރޫޕްގެ ޙަވާލުގައި 193 މީހުން، އެކްރޯ ގްރޫޕާއި އަލް ޙަރްމައިންއާއި މިނާ ގްރޫޕުންވެސް ކޮންމެ ގުރޫޕަކުން 200 މީހުން ޙައްޖަށް ގޮސްފައިވެއެވެ.