ޚަބަރު

ވަޞީލަތް ނެތި ޝޫޓިންގައި ކުރަމުން އަންނަނީ ކާމިޔާބު މަސައްކަތްތަކެއް: ޠަލާލް


  • ޝޫޓިން ޓީމުން ހޯދީ ތާރީޚީ ކާމިޔާބީއެއްކަން ޠަލާލް ފާހަގަކުރެއްވި

  • އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ޗެމްޕިއަންޝިޕުގައި ރާއްޖެއިން 4 މެޑަލް ހޯދި

މާ ގިނަ ވަޞީލަތްތަކެއް ނެތިވެސް ރާއްޖޭގައި ޝޫޓިން ކުރިއަރުވަން ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރަމުން އަންނަނީ ކާމިޔާބު މަސައްކަތްތަކެއް ކަމަށް، ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ.

އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ޗެމްޕިއަންޝިޕުން ބޮޑު ކާމިޔާބީއެއް ހޯދައިގެން ރާއްޖެ އައި ޝޫޓިން ޓީމާ މުޚާތަބުކުރައްވައި ވާހަކަދައްކަވަމުން ޠަލާލް ވަނީ، އޭޝިއާގެ މުބާރާތަކުން މިހާ ގިނަ މެޑަލްތަކެއް، އެއް ކުޅިވަރަކުން އެއްފަހަރާ ހޯދައިގެން އައުން މިއީ ތާރީޚީ ކާމިޔާބީއެއްކަން ފާޙަގަކުރައްވާފައެވެ.

ޠަލާލް ވިދާޅުވީ، ވަޞީލަތާއި ތަމްރީނުކުރާނެ ޖާގައިގެ ދަތިކަން ހުރިނަމަވެސް، ޝޫޓިން އެސޯސިއޭޝަނުން، ރަނގަޅު މަސައްކަތްތަކެއް ކޮށްގެން މި ކުޅިވަރުގައި އެތުލީޓުންތަކެއް ބިނާކޮށްފައިވާ ކަމަށެވެ. އަދި ބަދަލުތަކެއް ގެނެސް، ކާމިޔާބީއާ ހަމައަށް އައުމަށް އެސޯސިއޭޝަނުން ކުރާ މަސައްކަތައް ޠަލާލް ފާހަގަކުރެއްވިއެވެ.

"ވަޞީލަތްތައް މަދު ނަމަވެސް، ފަރިތަކުރާނެ ޖާގައިގެ ތާށިކަމެއް ހުރި ނަމަވެސް، އެސޯސިއޭޝަނާއި އެސޯސިއޭޝަންގެ އޮފިޝަލުން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްގެން ކުދިންތަކެއް ބިނާކޮށްފައި މިހާރު މިވަނީ. އެއީ އެސޯސިއޭޝަނަށް ވެސް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެވިގެން. މީގެއިން ސިވިލިއަނުން ނުވަތަ އާންމުންނަށް ފުރުސަތު ހޯދައިދިނުމާއި ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކެއް ހިންގުމާއި ސްކޫލް ކުދިންނަށް ޙާއްސަކޮށްގެން ޙާއްސަ މުބާރާތްތަކެއް ވެސް ބޭއްވިގެން އަޅުގަނޑުމެންނަށް ކުދިންތަކެއް ލިބޭގޮތްވެފައި މިވަނީ". ޠަލާލް ވިދާޅުވިއެވެ.

ފަރިތަކުރާނެ ޖާގަނެތުން އެއީ މިވަގުތު އޮތް އެންމެބޮޑު ގޮންޖެހުންކަން އެސޯސިއޭޝަނުން ފާހަގަކުރިކަމަށާއި، މި ހާލަތުގައި އޮވެގެންވެސް، ދުނިޔޭގެ ގަދަ ބާރުތަކާ ވާދަކޮށް ބައިނަލްއަޤުވާމީ ބޮޑެތި މުބާރާތްތަކުގައި ރަނގަޅު ކާމިޔާބީއެއް ހޯދޭނެ ފެންވަރުގެ އެތުލީޓުން މިހާރުވެސް މި ކުޅިވަރުގައި ތިބިކަމަށް އެސޯސިއޭޝަނުން ބުނެފައިވާކަމަށް ޠަލާލް ވިދާޅުވިއެވެ.

އެހެންކަމުން، ފަރިތަކުރާނެ ޖާގަޔާއި ރަނގަޅު ވަޞީލަތްތައް ލިބިއްޖެނަމަ، ޝޫޓިންގައި ރާއްޖެއަކީ ދުނިޔޭގައި ފާހަގަކޮށްލެވޭ ވަރުގެ ޤައުމަކަށް ހެދޭނެކަމަށް އެސޯސިއޭޝަނުން ގަބޫލުކުރާކަމަށް ޠަލާލް ވިދާޅުވިއެވެ.

"އެސޯސިއޭޝަނުން ހިއްސާކުރި، ފަރިތަކުރާނެ ޖާގައިގެ ދަތިކަމޭ އެސޯސިއޭޝަނަށް މިހާރުވެސް އޮތީ. ދުނިޔޭގެ ގަދަބާރުތަކާ ވާދަކޮށްގެން މިވަރުގެ ނަތީޖާއެއް ހޯދުނުއިރުގައި، ދުނިޔޭގެ ފެންވަރުގައި މި ދެންނެވީ އިންޓަނޭޝަނަލް، އޭޝިއާ ނޫން އެއަށްވުރެ މަތިން، ވޯލްޑް ޗެމްޕިއަންޝިޕް ނޫނިއްޔާ އޮލިމްޕިކްސް، މި ކަހަލަ މުބާރާތްތަކުން ވެސް ވަރަށް ރަނގަޅު ކާމިޔާބީއެއް ހޯދޭނެ ކުދިން އެސޯސިއޭޝަންގައި އެބަތިބިކަމަށް". ކޮމިޝަނަރ އޮފް ސްޕޯޓްސް ވިދާޅުވިއެވެ.

މިމަހު 2-14 ގެ ނިޔަލަށް، އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްދިޔަ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ޗެމްޕިއަންޝިޕުގައި ވާދަކުރި ރާއްޖޭގެ ޒުވާން ޓީމުން ވަނީ ހަތަރު ލޯ މެޑަލް ހޯދާފައެވެ.

މުބާރާތުގެ 10 މީޓަރު އެއާ ރައިފަލްގެ މެންސް ޔޫތު ޓީމު އަދި މިކްސް ޓީމު ޖޫނިއާ އިވެންޓުން ލޯ މެޑަލް ހޯދިއިރު، އަންހެން ޖޫނިއާ އަދި ފިރިހެން ޖޫނިއާ ޓީމު އިވެންޓުން ވެސް ވަނީ ލޯ މެޑަލް ހޯދާފައެވެ.