އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ބައިވެރިވާ ކުލަބުތަކުގެ އަދަދު އަންނަ އަހަރު އިތުރުވާނެ ކަމަށް އުންމީދުކުރާ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ، ކޮމްޕެޓިޝަންސް ޑައިރެކްޓަރ މުޙައްމަދު އާމިރު ވިދާޅުވެއްޖެއެވެ.
ފެބުރުވަރީ 12 އިން 14 އަށް ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކްގައި ބޭއްވި 13 ވަނަ މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން އާމިރު ބުނީ އަންނަ އަހަރުގެ މުބާރާތަށް ތައްޔާރުވަމުން އަންނަ ދެތިން ހަތަރު ކުލަބު އެބަތިބި ކަމަށެވެ.
"ދެތިން ހަތަރު ކުލަބެއް އެބަތިބި އޮންދަ ވޭގައި. އުންމީދަކީ މިއަންނަ އަހަރު މިއަހަރަށްވުރެ ގިނަ ކުލަބުތަކުން ބައިވެރިވުން ކަމަށެވެ. އަދި އެތުލީޓުންވެސް ގިނަވާނެ ކަމަށް" އާމިރު ބުންޏެވެ.
އާމިރު ބުނީ އެއް އަހަރަށްވުރެ އަނެއް އަހަރު އެތުލީޓުންގެ ފަރާތުން ކުރިއެރުންތައް އަންނަކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ކުލަބުތަކާއި ސުކޫލުތަކުންވެސް މި މުބާރާތަށް އިސްކަންދީގެން ކުރިޔަށްދާކަން ފާހަގަކުރެވޭ ކަމަށެވެ. މުބާރާތްތަކަށް އެތުލީޓުން ދުރާލާ ތައްޔާރުވަމުންދާކަންވެސް އާމިރު ފާހަގަކުރިއެވެ.
އެގޮތުން ފާއިތުވި އަހަރު ބޭއްވި އެސޯސިއޭޝަން ޗެމްޕިއަންޝިޕަށްވުރެ މިއަހަރުގެ މުބާރާތުގައި ޓައިމިންތައް ރަނގަޅުކަމަށެވެ. އަދި މިދިޔަ އަހަރުގެ މުބަރާތަށްވުރެ މިއަހަރުގެ މީޓް ރިކޯޑްތައްވެސް ގިނަކަމަށް އޭނާ ފާހަގަކުރިއެވެ.
"ގޮތަކަށް ބަލާނަމަ މިދިޔަ މުބާރާތަށްވުރެ މި މުބާރާތުގައި ޓައިމިންތައްވެސް ފުދޭވަރަކަށް ފާސްޓްކޮށް ދިޔައީ. އޭގެ މާނައަކީ މުބާރާތް އެއް އަހަރަށްވުރެ އަނެއް އަހަރު ކުރިޔަށޭ ދަނީ. މީޓް ރިކޯޑްތައްވެސް މިދިޔަ އަހަރަށްވުރެ ގިނަކޮށް ހަދާފައި ހުރީ" އާމިރު ބުންޏެވެ.
މިއަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި 17 ކުލަބަކުން 236 އެތުލީޓުން ބައިވެރިވިއެވެ.
މިއަހަރުގެ މުބާރާތުގައި 100 މީޓަރު ޓްރިޕްލް ޖަމްޕް، 200 މީޓަރު ލޯންގް ޖަމްޕް، 200 މީޓަރު ދުވުން، ޝޮޓްޕުޓް އިން ވަނީ މީޑް ރިކޯޑް ހަދައިފައެވެ.
މިއަހަރުގެ މުބާރާތަށްވެސް ކުލަބުތަކުން ބޮޑު އެއްބާރުލުމެއްދިން ކަމަށާއި، އެތުލީޓުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނުކަމަށް އެސޯސިއޭޝަނުން ފާހަގަކުރެއެވެ.