އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އައު ފިހާރައެއް ހުޅުމާލެ ފޭސް 1 ގައި މިރޭ ހުޅުވައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ފިހާރަ ހުޅުއްވައިދެއްވީ، އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދެވެ. އެސްޓީއޯއިން ވިދާޅުވީ، މި ފިހާރަ ހުޅުވާފައިވަނީ ރަމަޟާން މަހާ ދިމާކޮށް، ރައްޔިތުންނަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަޤްސަދުގައި ކަމަށެވެ.
ހުޅުމާލޭގެ އާބާދީ ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، އެސްޓީއޯގެ މި ފިހާރައާއެކު ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް އެސްޓީއޯއިން ވިއްކާ މުދާތައް ފަސޭހަ ކަމާއިއެކު ލިބިގެންދާނެ ކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި ރަމަޟާން މަހު، ހަނޑޫ ހަކުރު، ފުށުގެ އިތުރުން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރި 23 ބާވަތް މިފިހާރައިން ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ. މީގެ އިތުރުން އެސްޓީއޯއިން އެތެރެކޮށް ވިއްކާ ބްރޭންޑްތަކުގެ އުފެއްދުންތައް، މާލޭގެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއާއި އެއްގޮތަށް ހުޅުމާލެ އައުޓްލެޓުން އާއްމުންނަށް ލިބޭނެއެވެ. މި ތަކެތީގެ އިތުރުން އެސްޓީއޯގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ހިޓާޗީ، އެލްޖީ އަދި ފިލިޕްސް ބްރޭންޑުގެ ހޯމް އިމްޕްރޫވްމެންޓް ސާމާނުތައްވެސް މި ފިހާރައިން ލިބެނެއެވެ.
މިފިހާރައިން އެސްޓީއޯއިން އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ ހުރިހާ އައިޓަމްތަކެއް ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ. އަދި ކުރިއަށް އޮތްތާނުގައި ހުޅުމާލޭގެ ވިޔަފާރި ވެރިންނަށް ހޯލްސޭލްކޮށް ތަކެތި ދޫކުރުމުގެ އިންތިޒާމުވެސް ހަމަ ޖެހިގެންދާނެ ކަމަށްވެސް އެސްޓީއޯއިން ވިދާޅުވެއެވެ.
މި ފިހާރައަކީ، ރަމަޟާން މަހާއި ގުޅިގެން ހުޅުވި ފިހާރައެއް ކަމުގައި ވިޔަސް ކުރިއަށް އޮތްތާނގައިވެސް މި ފިހާރާގެ ޚިދުމަތް އާއްމުންނަށް ލިބޭނެ ކަމަށްވެސް އެސްޓީއޯއިން ވިދާޅުވެއެވެ.
މި ފިހާރަ ހުންނާނީ، ހުޅުމާލޭ ރީތިގަސް މަގު (ރެއިން ކޮރަލް ރެޒިޑެންސް) ގައެވެ.