ސީ.އެޗް.އެސް.އީގެ ދަރިވަރުންގެ ބޭނުމަށް ޚާއްޞަކޮށް ހަދާފައިވާ ލެބޯރޓަރީތައް ހުންނަ ޢިމާރާތް ތަޅާލެއްވުމަށްފަހު އެތަނުގައި އައު ޢިމާރާތެއް އެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެކްޒެކެޓިވް އިބްރާހީމް އިސްމާޢީލް ޢަލީ ވިދާޅުވީ ސީ.އެޗް.އެސް.އީގެ ލެބޯރޓަރީގެ އައު އިމާރާތް ތަޅާލެއްވުމަށްފަހު އެތަނުގައި 2018 ގެ ކުރިން ޕްރީފެބް ޢިމާރާތެއް އެޅުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.
ސީ.އެޗް.އެސް.އީ އަކީ އޯލެވެލް ނިންމާ ކުދިންނަށް އިތުރަށް ތަޢުލީމު ހާސިލްކުރުމުގެ ފުރުޞަތު ހޯދަވައިދެއްވުމަށް ސަރުކާރުން އިމާރާތް ކުރައްވާފައިވާ ސްކޫލެކެވެ. މި ސްކޫލް ޤާއިމްކޮށްފައި ވަނީ 1979 ވަނަ އަހަރުއެވެ. ސީ.އެޗް.އެސް.ސީގައި ހުރި ލެބޯރޓަރީއަކީ އެސްކޫލް ވުޖޫދަށް އައީއްސުރެ ބޭނުންކުރަމުން އަންނަ ޢިމާރާތެއްގައި ޤާއިމްކޮށްފައި ހުންނަ ލެބޯރޓަރީއެކެވެ. މި ލެބްގެ ޢިމާރާތް ބާވެ ހަލާކުވުމުގެ ސަބަބުން އެތަން ތަޅާލައްވައި އައު އިމާރާތެއް އެޅުއްވުމުގެ ތައްޔާރީތައް ކުރައްވަމުން ގެންދަވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. ސީއެޗް.އެސް.އީގައި އަލަށް އެޅުއްވުމަށް ހަމަޖެހިފައިވާ މި އިމާރާތާ ގުޅޭގޮތުން އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެކްޒެކެޓިވް އިބްރާހީމް އިސްމާޢީލް ޢަލީ ވިދާޅުވީ މި ޢިމާރާތް ކޮންކްރީޓުން އިމާރާތްކުރެއްވުމުގެ ބަދަލުގައި ޕްރީ ފެބްއިން ޢިމާރާތްކުރެއްވުމުގެ ވިސްނެވުން ގެންގުޅުއްވާކަމަށެވެ. ޕްރީފެބުން ޢިމާރާތް ކުރާނަމަ ކޮންކްރީޓުން އިމާރާތް ކުރުމަށްވުރެ، އަވަހަށް އިމާރާތް ކުރެވި ބޭނުން ކުރެވިގެންދާނެ ކަމަށް އިބްރާހީމް އިސްމާޢީލް ވިދާޅުވިއެވެ.
img:http://s3.psmnews.mv/images/660x400/14682526487650.jpg|އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް، އިބްރާހިމް އިސްމާއީލް - ފައިލް ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
"ސީ.އެޗް.އެސް.ސީގެ ޢިމާރާތް އަވަހަށް ނިންމަން ބޭނުންވާތީ، ޕްރީފެބުން އެޅުމުގެ މަސައްކަތް ވިސްނައިގެން މަސައްކަތް ކުރަމުންގެންދަނީ. އެކަމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތް މިހާރު ކުރަމުން ގެންދަނީ. ޕްރީ ފެބުން އަޅާކަމަށް ވާނަމަ 4 ފަސް ބުރީގެ ޢިމާރާތެއް އަޅުގަނޑުމެންނަށް ހައެއްކަ މަސްދުވަހުން އަޅާލެވޭނެކަމަށް މިބަލަނީ. ކޮންކުރީޓްކޮށްގެން އަޅާކަމަށް ވަނީނަމަ އެކަހަލަ ޢިމާރާތަކަށް ނަގާނެ ދޮޅުއަހަރު ނުވަތަ ދެއަހަރު ދުވަސް" އިބްރާހީމް އިސްމާޢީލް ވިދާޅުވިއެވެ.
ސީ.އެޗް.އެސް.އީގެ ލެބް ޢިމާރާތް ބާވެ، ހަލާކުވުމުގެ ސަބަބުން އެ ޢިމާރާތް މިހާރު ބޭނުން ނުކުރާކަމަށްވެސް އިބްރާހީމް އިސްމާޢީލް ވިދާޅުވިއެވެ. އަދި ލެބް ޢިމާރާތް ތަޅާލެއްވުމަށްފަހު، އެތަނުގައި ދެން ޢިމާރާތެއް ޢިމާރާތް ކުރައްވާއިރު އެތަނުގައި އިތުރު ކުލާސްރޫމްތަކެއް އެޅުއްވުމަށް ތައްޔާރުވެވަޑައިގަތުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް އިބްރާހީމް އިސްމާޢީލް ވިދާޅުވިއެވެ.
img:http://s1.psmnews.mv/images/660x400/4519.jpg|ސެންޓަރ ފޯރ ހަޔަރ ސެެކަންޑަރީ އެޑިއުކޭޝަން / ފޮޓޯ:ސީއެޗްއެސްއީ
ސީ.އެޗް.އެސް.ސީއަކީ ޑިމާންޑް ބޮޑު ސްކޫލެއްކަން ފާހަގަކުރައްވަމުން އިބްރާހީމް އިސްމާޢީލް ވިދާޅުވީ އޯލެވެލްގެ ނަތީޖާ ރަނގަޅުވުމާއެކު އެސްކޫލަށް ވަންނުމަށް އެދޭ ދަރިވަރުންގެ ނިސްބަތް އިތުރުވަމުން އަންނަ ކަމަށެވެ. މި ސްކޫލުގައި މިހާރުވެސް އެއްހާހަށްވުރެ ގިނަ ކުދިން ތަޢުލީމް ޙާޞިލް ކުރަމުންދެއެވެ.
ސީ.އެޗް.އެސް.އީގައި އަލަށް އެޅުއްވުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ އިމާރާތް 2018 ވަނަ އަހަރު ޢިމާރާތްކޮށް ނިމި، ބޭނުންކުރަން ފެށޭވަރުވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ. ސީއެޗް.އެސްއީގެ އިތުރުން އަތޮޅުތަކުގެ މާލެއާއި އަތޮޅުތަކުގެ ބައެއް ސްކޫލްތަކުގައި ގްރޭޑް ބާރައާއި ހަމައަށް ކިޔަވައިދެއްވަމުންގެންދަވައެވެ.