ދުނިޔެ

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމަކީ އަމާޒެއް


ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެތައް މިލިއަން ރައްޔިތުންނެއްވަނީ ޙާލުގައި ޖެހި، އިންސާނީ އެހީއަށް ބޭނުންވެފައެވެ. އެ ޤައުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކާނާއާއި، ސާފު ބޯފެން، އަދި އެހީގެ ސާމާނު ފޯރުކޮށްދިނުމަށް އޮތް އެންމެ ބޮޑު ހުރަހަކީ، ހަމަލާ ބަދަލުކުރުންތައް ހުއްޓުމެއްނެތި ކުރިއަށް ދިޔުމެވެ. ނަމަވެސް، މި ހަނގުރާމައިގައި އިސް ދައުރެއް އަދާކުރަމުންދާ ދެ ޤައުމުކަމަށްވާ އެމެރިކާއާއި ރަޝިޔާއިން ގުޅިގެން ކުރި މަސައްކަތުން، ސޫރިޔާގައިވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް އެކުލަވާލާ، އިޢުލާނުކޮށްފައެވެ.

މި އެއްބަސްވުން ދެމެހެއްޓުމަކީ، ދެ ޤައުމުގެވެސް އެންމެ ބޮޑު ޢަމާޒުކަމަށާއި، އެއްބަސްވުން ދެމެހެއްޓުމަށް ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރާނެކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވެއެވެ. މި އެއްބަސްވުމުގެ ދަށުން، ސޫރިޔާގައި ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ފަށާފައި ވީ ނަމަވެސް، މި މަސައްކަތް އެންމެ އެދެވޭ ގޮތެއްގައި ކުރިއަށްދާކަމަށް ޤަބޫލްކުރެވޭކަށް ނެތެވެ. ސަބަބަކީ، ސޫރިޔާގެ އެކި ސަރަޙައްދުތަކުގައި އަދިވެސް ހަމަލާތައް ބަދަލުކުރުމަށް ހުއްޓުމެއް އައިސްފައި ނެތުމެވެ.

ނަމަވެސް، ޙާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކި ޖަމާޢަތްތަކުންދަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ. މިގޮތުން، ސޫރިޔާގެ އެންމެ ބޮޑު އެއް ރަށްކަމަށްވާ ޙަލަބުގައި ޙާލުގައި ޖެހިފައިވާ އެތައް މިލިއަން ރައްޔިތުންނަކަށް އިންސާނީ އެހީގެ ސާމާނު ހިފައިގެން ދަތުރުކުރާ ޓްރަކްތަކެއް، ތުރުކީ ވިލާތު މަގުންވަނީ ސޫރިޔާއަށް ވަދެފައެވެ. މި ޓްރަކްތަކުން ސޫރިޔާއަށް ވަދެފައިވަނީ، 150 ހާސް މީހުންނަށް ބޭނުންވާ ފުށާއި، 35 ހާސް މީހުންނަށް މަހަކަށް ބޭނުންވާ ވަރަށް ކާނާ ހިފައިގެންނެވެ. ނަމަވެސް، ޙަލަބުގެ އެކި ސަރަޙައްދުތަކުގައި ހަމަލާ ބަދަލުކުރުންތައް ހުއްޓާނުލާ ކުރިއަށްދާތީ، ޙާލުގައި ޖެހިފައިވާ ރައްޔިތުންނަށް މި ތަކެތި ފޯރުކޮށްދިނުމަށް އެހީދޭ ޖަމާޢަތްތަކަށްވަނީ ހުރަސްތަކަކާއި ކުރިމަތިވެފައެވެ. މިކަމާއި ގުޅިގެން، ސޫރިޔާގައި އިޢުލާނުކޮށްފައިވާ ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމަށް އެމެރިކާއާއި ރަޝިޔާ ގުޅިގެން މިހާރުދަނީ މަސައްކަތް ކުރަމުންނެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައާއި ގުޅިގެން 5 މިލިއަން ރައްޔިތުންވަނީ އެ ޤައުމު ދޫކޮށް، އެހެން ޤައުމުތަކަށް ހިޖުރަކޮށްފައެވެ. އަދި، އެ ޤައުމުގެ އެކި ހިސާބުތަކުގައި ގެދޮރު ނެތި، ޙާލުގައި ޖެހިފައިވާ މީހުންގެ އަދަދު 6.5 މިލިއަނަށް އަރައެވެ.