އިނގިރޭސި އެފްއޭ ކަޕުގެ އެންމެފަހުގެ ޗެމްޕިއަން ކްރިސްޓަލް ޕެލަސް ކަޓުވާލުމަށްފަހު މުބާރާތުގެ ހަތަރުވަނަ ބުރަށް ދަތުރުކުރި މެކްލްސްފީލްޑު، ޕްރިމިއަރ ލީގުގެ ބްރެންޓްފޯޑް އަތުން ބަލިވެ މުބާރާތުން ކަޓައިފިއެވެ.
މުބާރާތުގެ ހަތަރުވަނަ ބުރުގައި މެކްލްސްފީލްޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ބްރެންޓްފޯޑް މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ، ދެވަނަ ހާފުގައި ފެނިގެންދިޔަ ލަނޑެކެވެ.
މެޗުގެ 70 ވަނަ މިނެޓުގައި ބްރެންޓްފޯޑަށް ކާމިޔާބުކުރެވުނު މި ލަނޑަކީ، މެކްލްސްފީލްޑުގެ ސޭމް ހީތުކޯޓް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
އިނގިރޭސި ހަވަނަ ޑިވިޝަނުގައި ކުޅެމުން އަންނަ މެކްލްސްފީލްޑް މި މެޗުން ބަލިވި ނަމަވެސް، އެ ޓީމުން ވަނީ ފާހަގަކޮށްލެވޭ ވަރުގެ މޮޅު ކުޅުމެއް މެޗުގައި ދައްކާފައެވެ. ޙާއްސަ ގޮތެއްގައި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމު ފެނިގެންދިޔައީ ވަރަށް ތަފާތުކޮށެވެ.
މި މޮޅާއެކު ބްރެންޓްފޯޑް މުބާރާތުގެ ފަސްވަނަ ބުރަށް ދަތުރުކުރިއިރު، ފަސްވަނަ ބުރުގައި ބްރެންޓްފޯޑް ނުކުންނާނީ ވެސްޓްހަމް ޔުނައިޓެޑާ ދެކޮޅަށެވެ.