ކުޅިވަރު

ދެ ވަނަ ފަހަރަށް ރެއާލް މެޑްރިޑް ބަލިކުރަން އުނދަގޫވާނެ: މޮރީނިއޯ


ޗެމްޕިއަންސް ލީގުގެ ޕްލޭއޯފްގައި މިރޭ ސްޕޭނުގެ ރެއާލް މެޑްރިޑް ބަލިކުރަމަކީ މާ އުނދަގޫ ކަމަކަށްވާނެ ކަމަށް ބެންފީކާގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ މުބާރާތުގެ ގަދަ އަށަކުން ރެއާލް މެޑްރިޑް ކެޓީ މިދިޔަ މަހު ބެންފީކާ އަތުން ބަލިވެގެން ކަމަށްވާތީ އެވެ.

"މޮޅު ޓީމެއް ބަލިވެއްޖިއްޔާ ދެ ވަނަ ފަހަތަށް ނޫނީ ތިން ވަނަ ފަހަރަށް އެ އެމީހުން ބަލިކުރުމަކީ އަދި މާއުނދަގޫ ކަމެއް. އަހަރެން ދެކޭ ގޮތުގައި ރެއާލް މެޑްރިޑަކީ ޔޫރަޕިއަން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރާނެ ޓީމެއް. އެހެންވީމާ އަހަރުމެން އަތުން އެ މީހުން އެއް ފަހަރު ބަލިވެފައި އޮތުމާއެކު މި މެޗު ވަރަށް އުނދަގޫވާނެ. އެ މީހުން ބަލިކުރުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެއް،" މޮރީނިއޯ ބުންޏެވެ.

ނަމަވެސް ތަޖުރިބާކާރު ކޯޗު ބުނީ ރެއާލް މެޑްރިޑް ބަލިކުރަން ކުރެވިދާނެ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"އަހަރެން އެ މީހުން ކުޅުން ބަލައިފިން އަނެއްކާ ވެސް. މިފަހުން އެ މީހުން ކުޅުނު މެޗުތަކުގެ ޓެކްޓިކްސް ވަރަށް ތަފާތު. އެހެންވީމާ އަހަރުމެންގެ އެޕްރޯޗް ވެސް ބަދަލު ކުރަން ޖެހޭނެ. އެ މީހުން ބަލިކުރަން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އެ މީހުން ބޭނުންވާ ގޮތަށް އަހަރުމެން ނުކުޅުން. އަހަރުމެން ކުޅެން ޖެހޭނީ އަހަރުމެންގެ ގޭމް،" މޮރީނިއޯ ބުންޏެވެ.

އޭނާ އަދި ބުނީ ޗެމްޕިއަންސް ލީގަކީ ރެއާލް މެޑްރިޑުގެ މުބާރާތެއް ކަމަށާއި މިއީ އެ ޓީމު ބަލިކުރަން އެންމެ އުނދަގޫ މުބާރާތް ކަން އެންމެނަށް ވެސް އެނގޭނެ ކަމަށެވެ. ނަމަވެސް އުނދަގޫ ކަންކަން ހާސިލް ކުރަން އޭނާގެ ޓީމު ލޯބި ކުރާ ކަމަށެވެ.

"އަހަރުމެން ޗެމްޕިއަންސް ލީގުގެ ގަދަ 24 އަށް ވަނީ ޖެހިޖެހިގެން ހަތަރު މެޗުން ބަލިވެ، ރެއާލް އާއި ޔުވެންޓަސް އާއި ނާޕޮލީ ފަދަ ޓީމުތައް އަތުން 9 ޕޮއިންޓް ހޯދައިގެން. އެހެންވީމާ މިއީ ވެސް ނުކުރެވޭނެ ކަމެއް ނޫން. އަހަރުމެން މަސައްކަތް ކުރާނަން،" ކޯޗު ބުންޏެވެ.

އަންނަ ސީޒަނުގައި ރެއާލް މެޑްރިޑްގެ ކޯޗުކަން ދީފާނެ މީހުންގެ ތެރޭގައި މޮރީނިއޯގެ ނަން ހިމެނެ އެވެ. އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ އެދެނީ ރެއާލްގެ ކޯޗު އަލްވާރޯ އާބެލޯއާ އަށް އެ ކުލަބުގައި ކާމިޔާބު ލިބެން ކަމަށެވެ. އާބެލޯއާ އަކީ މޮރީނިއޯގެ ކޯޗުކަމުގައި ރެއާލް މެޑްރިޑަށް ކުޅުނު ޑިފެންޑަރެކެވެ. އަދި މިހާރު ވެސް އެއި ވަރަށް ގާތް ދެ އެކުވެރިންނެވެ.