ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ރައީސް ބަންގްލަދޭޝަށް ފުރާވަޑައިގެންފި


  • އައު ސަރުކާރު ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެއް

  • 3 ދުވަހުގެ މި ދަތުރުފުޅުގައި ތާރިޤް ރަޙްމާނާއި ބައްދަލުކުރައްވާނެ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރަސްމީ ދަތުރުފުޅެއްގައި ބަނގްލަދޭޝްއަށް މިރޭ ފުރާވަޑައިގެންފިއެވެ.

މިއީ މިހިނގާ ފެބުރުވަރީ މަހުގެ 16 އިން 18 އަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މިދަތުރުފުޅެކެވެ.

ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްގެ އިންޓަރިމް ސަރުކާރުގެ ޗީފް އެޑްވައިޒަރު، ޑޮކްޓަރ މުޙައްމަދު ޔޫނުސްގެ ދަޢުވަތަކަށް ކުރައްވާ މިދަތުރުފުޅަކީ، އެ ޤައުމުގެ އައު ސަރުކާރު ހުވާކުރެއްވުމަށް ބާއްވަވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ އަންގާރަ ދުވަހުގައެވެ.

ބަންގްލަދޭޝްގެ އިންތިޚާބާ ބެހޭ ކޮމިޝަނުން ހާމަކޮށްފައިވާ ރަސްމީ ނަތީޖާތައް ދައްކާގޮތުން، ޤާނޫނު ހަދާ މަޖިލީހުގެ 299 ގޮނޑީގެ ތެރެއިން ބީއެންޕީއާއި އެ ޕާޓީއާ ގުޅިފައިވާ އިއްތިޙާދުން ވަނީ މަދުވެގެން 212 ގޮނޑި ކާމިޔާބުކޮށްފައެވެ.

މި އިންތިޚާބަކީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ބަންގްލަދޭޝްގައި ބޭއްވުނު އެންމެ ވާދަވެރި އިންތިޚާބެވެ. މީގެ ކުރީގެ އިންތިޚާބުތަކުގައި ބޮޑެތި ޕާޓީތަކުން ބައިވެރިނުވުމާއި ނުވަތަ އިންތިޚާބުގެ ސައްޙަކަމާ މެދު ސުވާލު އުފެދިފައިވީ ނަމަވެސް، މިފަހަރުގެ އިންތިޚާބުގައި ވޯޓުލީ މީހުންގެ ނިސްބަތް ވަނީ 60 އިންސައްތައަށް އުފުލިފައެވެ.

މި ކާމިޔާބީއާ އެކު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ކަމުގެ މަޤާމާ ދެން ޙަވާލުވެ ވަޑައިގަންނަވާނީ ދާދިފަހުން އަވަހާރަވި އެޤައުމުގެ ކުރީގެ ބޮޑުވަޒީރު ބޭގަމް ޚާލިދާ ޒިޔާގެ ދަރިކަލުން އަދި ބީއެންޕީގެ ޗެއަރމަން ޠާރިޤު ރަޙްމާނެވެ. ރައީސްގެ މި ދަތުރުފުޅުގައި ބަނގްލަދޭޝްގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެ ތާރިޤް ރަޙްމާނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 22 ސެޕްޓެމްބަރު 1978 ގައެވެ. މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.