ޚަބަރު

ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އިސްތިޢުމާރު ފުޅާކުރާތީ ނުރުހުން


ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބިންތައް ރަޖިސްޓްރީ ކުރެވޭ ގޮތަށް ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން ހެދުމަކީ، އެތަނުގެ މައްޗަށް ޔަހޫދީންގެ އިސްތިޢުމާރު ފުޅާކޮށް، ހުޅަނގު އައްސޭރިއަށް އަތްގަދަކުރުން ކަމަށް ބުނެފިއެވެ.

ހުޅަނގު އައްސޭރިއަކީ ފަލަސްޠީނުގެ މިނިވަން ދަޢުލަތެއްގެ ތެރޭގައި ހިމަނަން ފަލަސްޠީނުން ބޭނުންވާ ސަރަޙައްދެކެވެ. އެތަނުގައި މަދު ސަރަޙައްދެއް ފިޔަވައި، ގިނަ ސަރަޙައްދުތައް އިސްތިޢުމާރުކޮށް، ޔަހޫދީންގެ ނިރުބަވެރު ފައުޖުން ވަނީ އަތްދަށުކޮށްފައެވެ.

ފަލަސްޠީނުގެ ބިންތަކުގެ ބޮޑު ސަރަޙައްދަކީ ރަޖިސްޓްރީކޮށްފައިވާ ސަރަޙައްދުތަކެއް ނޫނެވެ. ފަލަސްޠީނުގެ ބިން ރަޖިސްޓްރީ ކުރުމަކީ ދިގު އަދި އުނދަގޫ މަރުހަލާތަކެއް ހިމެނޭ ކަމެކެވެ. 1967ވަނަ އަހަރުން ފެށިގެން ޔަހޫދީން ވަނީ އެ މަސައްކަތް ހުއްޓާލައިފައެވެ. ބިން ރަޖިސްޓްރީ ކުރުމުން އެ ބިމަކީ ދާއިމީ ގޮތަކަށް އެބައެއްގެ މިލްކަކަށް ވާނެއެވެ.

ބައިނަލްއަޤްވާމީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި ޤައުމެއް އިސްތިއުމާރުކޮށްފައިވާ ބަޔަކަށް އެ ސަރަޙައްދުގެ ބިމުގެ މައްޗަށް ބާރެއް ނުފޯރުވޭނެއެވެ.

އެ ބިންތައް ޔަހޫދީންނަށް ރަޖިސްޓްރީކުރެވޭ ގޮތަށް ޔަހޫދީ ދަޢުލަތުގެ ވަޒީރުންގެ މަޖިލީހުން ފާސްކުރުމުން، ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ ނުރުހުން ވަނީ ޔަހޫދީންނަށް އަމާޒުވެފައެވެ.

ފަލަސްޠީނުގެ ރައީސްގެ އިދާރާއިން ވަނީ ޔަހޫދީންގެ ނިންމުމާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހި ނުރުހުން ފާޅުކޮށްފައެވެ. އެ އިދާރާއިން ބުނި ގޮތުގައި، މިއީ ގަދަކަމުން ހުޅަނގު އައްސޭރި ޔަހޫދީންގެ ބާރުގެ ދަށަށް ގެނައުމަށް ކުރަމުންދާ މަސައްކަތަށް އިތުރުވި ބޮޅެކެވެ.

މިކަމާ ދެކޮޅަށް ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުން ވެސް ވަނީ ތެދުވެފައެވެ. އެ ޖަމްޢިއްޔާތަކުން ޤަބޫލުކުރާ ގޮތުގައި، މި ނިންމުމުގެ ސަބަބުން، ފަލަސްޠީނުގެ ރައްޔިތުން އެ މީހުންގެ ގެދޮރުން ނެރެ، އެ ތަންތަނުގައި ޔަހޫދީން ވަޒަންވެރިކުރުވުމުގެ މަގު އިތުރަށް ހުޅުވިގެންދާނެއެވެ.