މިހާރު ކުރިއަށް ޓްވެންޓީ ޓްވެންޓީ ކްރިކެޓް ވޯލްޑް ކަޕްގައި އިންޑިޔާ އާއި ޕާކިސްތާން އިއްޔެ ކުޅުނު ވާދަވެރި މެޗު އިންޑިޔާ އިން ކާމިޔާބުކޮށްފި އެވެ.
ސްރީ ލަންކާގެ ކޮލޮމްބޯގައި ކުޅުނު ޓީ ޓުވެންޓީ ކްރިކެޓް ވޯލްޑް ކަޕްގެ ގްރޫޕް އޭ ގައި ކުޅުނު މި މެޗު އިންޑިޔާ އިން ކާމިޔާބުކޮށްފައިވަނީ 61 ލަނޑުންނެވެ. މި މެޗުން އިންޑިޔާ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ މުބާރާތުގެ ގަދަ އަށެއްގެ ޖާގައެއް ކަށަވަރުވެފަ އެވެ.
ސިޔާސީ ގޮތުން ވާދަވެރި ދެ ގައުމު ކަމުގައިވާ އިންޑިޔާ އާއި ޕާކިސްތާނުގެ މި މެޗު ކުޅޭނެތޯ ގިނަ ދުވަސްތަކެއް ވަންދެން ކުރި މަޝްވަރާތަކަށްފަހު ކޮލޮމްބޯ ގައި ކުޅުނު މި މެޗުގެ ޓޮސް ނެގުމަށްފަހު ދެ ޓީމުގެ ކެޕްޓަނުން ސަލާމް ކޮށްފައެއް ނުވެއެވެ. އަދި މެޗަށްފަހުވެސް ދެ ޓީމުގެ ކުޅުންތެރިން ސަލާމް ކޮށްފައެއް ނުވެއެވެ.
ސަލާމަތީ ކަންތައްތައް ދަށް ކަމަށްބުނެ މީގެ ކުރިން އިންޑިޔާ ގައި ބަންގެލަދޭޝް އިން ކުޅެން އޮތް މެޗުތަކެއް ކެންސަލް ކުރުމާއި ގުޅިގެން ޕާކިސްތާނުން ވަނީ އެކަމަށް ހިތްވަރުދީ މި މެޗުވެސް ކުޅުމަށް ކުރިން ދެކޮޅު ހަދާފަ އެވެ. ނަމަވެސް އެ ނިންމުން ޕާކިސްތާނުން ބަދަލުކުރީ މި މެޗު ސްރީލަންކާގައި ކުޅެން ނިންމުމުންނެވެ.
ކޮލޮމްބޯގެ އާރު ޕްރެމަދާސާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން ޕާކިސްތާނުން ނިންމީ ފުރަތަމަ ހޮވުމަށެވެ. އަދި އިންޑިޔާ އިން ފުރަތަމަ ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން ވަނީ 175 ލަނޑު ހަދާފަ އެވެ.
މި އިނިންގްސްގައި އިންޑިޔާ އިން އެންމެ ރަގަޅަށް ކުޅެފައިވަނީ 40 ބޯޅައިން 77 ލަނޑު ހަދައިގެން ކިޝާން އެވެ. ޕާކިސްތާނުން އެންމެ ރަގަޅަށް އުކާފައިވަނީ ތިން އޯވަރުން 16 ލަނޑަށް ދެ ވިކެޓް ނެގި ޕަންޑްޔާ އެވެ.
ޖަވާބުގައި ޕާކިސްތާނުން ކުޅެން އަރާ ވިހި އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން އެ ޓީމަށް ހެދިފައިވަނީ 114 ލަނޑެވެ. އިންޑިޔާ އިން އެންމެ ރަގަޅަށް އުކާފައިވަނީ ހަތަރު އޯވަރުން 25 ލަނޑަށް ތިން ވިކެޓް ނެގި ސައިމް އެވެ. ޕާކިސްތާނުން އެންމެ ރަގަޅަށް ކުޅެފައިވަނީ 34 ބޯޅައިން 44 ލަނޑު ހެދި އުސްމާން އެވެ.