ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބޭއްވި ޑައިމަންޑް ޖުބުލީ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް މުބާރާތުގެ ޗެމްޕިއަންކަން ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) މާލެ އިން ހޯދައިފިއެވެ.
ސީއެޗްއެސްއީ މާލެއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް (އޭއައިއެސް) ގެ މައްޗަށް 1-4 އިން ކުރިހޯދައިގެންނެވެ.
މެޗުގައި ފެނިގެންދިޔަ ހުރިހާ ލަނޑަކީ ވެސް މެޗުގެ ދެވަނަ ހާފުގައި ޖަހާފައިވާ ލަނޑުތަކެކެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ވެސް ސީއެޗްއެސްއީ އިންނެވެ. ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު މިކްޔަލްއެވެ.
އޭއައިއެސް އިން ނަތީޖާ ހަމަހަމަކުރީ 65 ވަނަ މިނެޓުގައެވެ. މިއީ ވެސް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލީ އަލާންއެވެ.
އޭގެ ތިން މިނެޓުފަހުން އަނެއްކާވެސް ސީއެޗްއެސްއީ އިންވަނީ ލަނޑެއް ޖަހައި ލީޑުނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއިލް ޝާމިލްއެވެ.
މެޗުގައި ސީއެޗްއެސްއީ އިން ލީޑުފުޅާކުރީ 71 ވަނަ މިނެޓުގައި، މުޙައްމަދު ސާއިމް އިބްރާޙީމް ފާއިޒް ޖެހި ލަނޑުންނެވެ.
ސީއެޗްއެސްއީގެ ފަހު ލަނޑު، 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު މިކްޔަލްއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ސީއެޗްއެސްއީ މާލެއިން ހޯދިއިރު މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ވެސް އެއީއެވެ.
އަދި މުބާރާތުގެ ޓޮޕް ސްކޯރަރ ގެ މަގާމު މިކްޔަލް ހޯދިއިރު އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީއެޗްއެސްއީ މާލޭގެ ނާޝިއު އަޙްމަދެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށާއި އެންމެ މޮޅު ކުޅުންތެރިޔާއަށް އަދި ޓޮޕް ސްކޯރަރ އަށް އިނާމު ހަވާލުކޮށްދެއްވީ ތައުލީމާ ބެހޭ ވަޒީރު އިސްމާޢީލް ޝަފީއު އެވެ.