ޚަބަރު

6 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގައި ރޯދަ ހަދިޔާ ބަހާ ނިންމާލައިފި


  • ގޭބިސީތަކުގެ ލިސްޓެއް އަދާހަމަކޮށް ބެލެހެއްޓުމުގެ މުހިންމުކަންކަން ވަޒީރު ފާހަގަކުރެއްވި

އެންމެ 6 ރަށް ފިޔަވައި ހުރިހާ ރަށެއްގައި ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭ މަސްދަޅު ކޭސް ބަހާ ނިންމާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މާލެ ސަރަޙައްދުގެ އިތުރުން އަތޮޅުތެރޭގައި ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަތޮޅު ތެރޭގައި ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށް ބެހިއިރު މާލޭގެ އެކި ސަރަޙައްދުތަކުގައިވެސް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެއަށްފަހު މިހާރު މާލެ ސަރަޙައްދުގައި އެ މަސައްކަތް ކުރަނީ މިފްކޯ މަރުކަޒުންނެވެ.

ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢާދަމް ޝަރީފް އުމަރު ވިދާޅުވީ އެންމެ 6 ރަށް ފިޔަވައި ހުރިހާ ރަށެއްގައި ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭ މަސްދަޅު ކޭސް ބަހާ ނިންމާފައިވާކަމަށެވެ. ވަޒީރު ވިދާޅުވީ ރަށްރަށުގެ ރޯދަ ހަދިޔާ ބެހުމަށް ކުރެވުނު މަސައްކަތުން ފާހަގަ ކުރެވުނީ ރަށްރަށުގައި ދިރިއުޅޭ މީހުންގެ ގޭބިސީ ލިސްޓެއް އަދާހަމަކޮށް ބެލެހެއްޓުމުގެ މުހިންމުކަންކަން ވަޒީރު ވިދާޅުވިއެވެ.

މިމަހުގެ 14 ވަނަ ދުވަހުގެ ރެއާހަމައަށް މާލެ ސަރަޙައްދުގެ 53895 ގޭބިސީއަކުން މަސްދަޅުކޭސް ނަގާފައވެއެވެ. އަދި މިހާތަނަށް މާލެ ސަރަޙައްދުގައި ހިމެނޭ 65639 ގޭބިސީގެ ތެރެއިން 11700 އަށްވުރެ ގިނަ ގޭބިސީން މަސްދަޅުކޭސް ނަގާފައިނުވާކަން އެވުޒާރާއިން ފާހަގަކުރައްވައެވެ.

ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ރޯދަ ހަދިޔާ ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން ފުރަތަމަ އަހަރު ކާޑުގެ ބާވަތްތަކުން ރޯދަ ހަދިޔާދެއްވާފައިވާއިރު މިދިޔަ އަހަރާއި މިއަހަރު ރޯދަ ހަދިޔާގެ ގޮތުގައި ދެއްވަމުންގެންދަވަނީ މަސްދަޅު ކޭހެވެ. ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ދެނީ 48 ދަޅުގެ މަސްދަޅުކޭހެކެވެ.