ސިޔާސީ

ޕާޓިތަކުގެ ދައުރު އެފަރާތްތަކުން އަދައެއްނުކުރޭ- މޫސަ


އިދިކޮޅު މައިޕާޓީ، އެމް.ޑީ.ޕީން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތުން ދުރުހެލިވެ، ސަރުކާރުން ހިންގަވާ އެކިއެކި މަޝްރޫޢޫތަކަށް ހުރަސްއެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުގެ އިސް ފަރާތްތަކުން ގެންދަވަނީ ތުހުމަތު ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ ސިޔާސީ މަޞްރަޙްގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރެއްވުމަށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ސަރުކާރުން ގޮވާލެއްވި ގޮވާލެއްވުމަށް އެމް.ޑީ.ޕީން އިޖާބަދީފައެއް ނުވެއެވެ. އޭގެ ބަދަލުގައި މަގުމަތީގެ ހަރަކާތްތައް ހިންގައި، އިދިކޮޅު ޕާޓީތަކާ ގުޅިގެން ޤާނޫނީ ސަރުކާރު ވައްޓާލުމުގެ މަސައްކަތް ފަށާފައިވާކަމަށް އެމް.ޑީ.ޕީގެ އިސްފަރާތްތަކުން ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ބޭރު ދުނިޔޭގައި ރާއްޖެ ބަދުނާމުވާގޮތަށް މަޢުލޫމާތު ފެތުރުމުގައި އިސްކޮށް ތިއްބެވީ އެމް.ޑީ.ޕީގެ އިސްސަފުގައި ހަރަކާތްތެރިވާ ބޭބޭފުޅުންކަމަށް ސަރުކާރުން ތުހުމަތުކުރައްވައެވެ.

ޕީ.އެސް.އެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރާއްޖޭގެ ސިޔާސީ މަޞްރަޙާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވީ ސިޔާސީ ޕާޓީތަކުން އެޕާޓީތަކުގެ ދައުރު އަދާކުރަމުންދާ މަންޒަރު ފެންނަމުން ނުދާކަމަށެވެ. އެގޮތުން އިދިކޮޅު ޕާޓީތަކުން އެޕާޓީތަކުގެ މައިގަނޑު މަސްޢޫލިއްޔަތު ކަމުގައިވާ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރުމުގެ ބަދަލުގައި ވަކި ބަޔަކަށް ފައިދާތަކެއް ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް މޫސާ މަނިކު ތުހުމަތު ކުރެއްވިއެވެ. އިދިކޮޅު މައި ޕާޓީ، އެމް.ޑީ.ޕީއަށް އިޝާރާތް ކުރައްވާ މޫސާމަނިކު ވިދާޅުވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެ ޕާޓީއަށް އަތްދަގަކުރައްވާ އެޕާޓީގެ އެތެރޭގެ ޑިމޮކްރަސީއާ ޚިލާފަށް ޢަމަލު ކުރައްވަމުންދާކަމަށެވެ.

"ހަޤީޤަތުގައި އެމް.ޑީ.ޕީއަކީ އަޅުގަނޑުމެން ވަރަށް ބުރަ މަސައްކަތުން ވަރަށް ގިނަދުވަހު މަސައްކަތްތަކެއްކޮށްގެން އުފެއްދި ރާއްޖޭގެ ފުރަތަމަ ޑިމޮކްރަޓިކް ޕާޓީ. ޕާޓީ ވަނީ ހައިޖެކް ކުރެވިފައި. އަޅުގަނޑުމެންގެ ޕާޓީ ހައިޖެކްކޮށްގެން އުޅޭތާ ވަރަށް ޒަމާން ވެއްޖެ." މޫސަ ވިދާޅުވިއެވެ.

އެމް.ޑީ.ޕީން ވަނީ އެޕާޓީން މަސައްކަތް ކުރަނީ ވަކިފަރާތެއްގެ މަންފާއަށް ނޫންކަމަށާއި، އެޕާޓީން ކުރަމުންދާ މަސައްކަތަކީ އެންމެހައި ރައްޔިތުންގެ ޙައްޤުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކަމަށް ބުނެފައެވެ. އަދި، އެޕާޓީން ކުރަމުންދާ ހުރިހާ މަސައްކަތަކީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްކަމަށް އެޕާޓީން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

img:http://s2.psmnews.mv/images/660x400/14720418606209.jpg|ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު / ފޮޓޯ: މަޖިލިސް އިދާރާ

ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މޫސާ މަނިކު ވިދާޅުވީ ވެރިކަންކުރާ ޕާޓީންވެސް ފެންނަމުންދަނީ ވެރިކަންކުރާ ޕާޓީގެ ޙައިޞިއްޔަތުން ސަރުކާރަށް އެއްބާރުލުންދީ، ސަރުކާރު އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރުމުގެ ބަދަލުގައި ވަކި ފަރާތެއްގެ ބޭނުމަށް ޕާޓީގެ ބާރުތައް އެކަކުގެ ބެލުމުގެ ދަށަށް ގެނައުމަށް މަސައްކަތްކުރަމުންދާ މަންޒަރުކަމަށެވެ. އެހެންކަމުން ރާއްޖޭގެ އެންމެ ބޮޑު ދެ ސިޔާސީ ޕާޓީ ހިމެނޭގޮތުން ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަށް އިސްލާޙްކުރަން ޖެހިފައިވާކަމަށް މޫސާ މަނިކު ވިދާޅުވިއެވެ.

"ކޮންމެ ޕާޓީއެއް ހެދިފައި މިއޮންނަކީ ކޮންމެސް މީހަކަށް ނަން ހިނގާގޮތަށް. އެކަމަކު ވަރަށް ރީއްޗަށް ބުނާނެ ތިމަންނަމެން މިހިންގަނީ ޑިމޮކްރަޓިކް ޕާޓީއެކޭ މަސައްކަތްކުރަނީ ރައްޔިތުންގެއޭ. ހަޤީޤަތަކީ އެއެއްނޫން. އަޅުގަނޑުމެންގެ ރާއްޖޭގައި ވެރިކަމާ ދިމާލަށް ފަލިޖެހުން ފިޔަވައި އެއްވެސް ޕާޓީއެއްގެ މައިގަނޑު އަމާޒެއް ނެތް. ޑިމޮކްރަސީގެ މާނައަކީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ އިސްކޮށްތިބި ހުރިހާ މީހުން އެއްތަނަކަށް ޖަމާވެތިބެގެން އެކަކު އަނެކަކާ ކަށީހަފާ ކައިގެން ރާއްޖޭގެ ވެރިކަން އެމީހަކަށް ދަމައިގަނެވޭނެ ގޮތަކަށް ރޭވުމެއްނޫން." މޫސަ ވިދާޅުވިއެވެ. 

ވެރިކަންކުރާ ޕީޕީއެމުން ބުނީ، ވެރިކަން ކުރާ ޕާޓީއެއްގެ ދައުރު އެޕާޓީން ފުރިހަމައަށް އަދާކުރަމުންދާކަމަށާއި، ސަރުކާރު ބާރުވެރިކުރުމުގައި ޕީޕީއެމުން އަބަދުވެސް ދެމި އޮންނާނެކަމަށެވެ. ޕާޓީގެ ތެރޭގައި ނުތަނަވަސްކަމާއި ޚިޔާލުތަފާތުވުންތަކެއް އުޅޭނަމަ އެކަންކަން މަޝްވަރާގެ އުސޫލުން ޙައްލުކުރައްވާނެކަމަށް ޕީޕީއެމްގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްވެސް ވަނީ ވިދާޅުވެފައެވެ.

ޑިމޮކްރަސީއެއްގައި ވެރިކަންކުރާ ޕާޓީއާއި އިދިކޮޅު ޕާޓީތަކުގެ ދައުރު ފުރިހަމައަށް އެނގެން އޮންނައިރު، އަދި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ދައުރަކީ ސަރުކާރު ޖަވާބުދާރީކުރުވައި ޒިންމާދާރު ކުރުވުންކަމުގައި ވީހިނދު، އިދިކޮޅު ޕާޓީތަކުން ޒިންމާދާރުކަމެއް ފެންނަމުން ނުދާކަމަށް ސަރުކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެގޮތުން ޒިންމާދާރު އިދިކޮޅު ސިޔާސީ ހަރަކާތް ހިންގުމުގެ ބަދަލުގައި ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުވުމަށް މަސައްކަތްކޮށް، ދައުލަތް ބަދުނާމުވާގޮތަށް ޢަމަލުކުރަމުންދާކަމަށް ސަރުކާރުން ވިދާޅުވެއެވެ.