ސިއްހަތު

ޞިއްޙީ ޚިދުމަތް ދޭ ހުރިހާ ތަންތަން އީޕޯޓަލް ވިއުގައަކުން ގުޅާލަނީ


ރާއްޖޭގެ ޞިއްޙީ ޚިދުމަތް ދޭ ހުރިހާ ތަންތަން އީޕޯޓަލް ވިއުގައަކުން ގުޅާލުމަށް ކުރާ މަސައްކަތުގެ ދަށުން މިހާރު ތިން އަތޮޅެއްގައި އީ-ޕޯޓަލް ތަޢާރަފްކުރެވިފައިވާ ކަމަށް، އާސަންދަ ކުންފުނިން ހާމަކޮށްފިއެވެ. 

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އާސަންދަ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ މައުމޫން ޢަބްދުއްޞަމަދު ވިދާޅުވީ، އެކުންފުނީގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ހުރިހައި އަތޮޅަކަށް އީ-ޕޯޓަލް ތައާރަފްކޮށް، ޞިއްޙީ ޚިދްމަތް ދެއްވާ ހުރިހައި ތަންތަނުގައި މިއަހަރު ނިމެންވާއިރަށް އީ-ޕޯޓަލް ގެ ޒަރީއާއިން ޚިދްމަތް ދެވޭނޭ އިންތިޒާމް ހަމަޖެއްސުންކަމަށެވެ. 

އީ-ޕޯޓަލްއަކީ، އާސަންދަ މެދުވެރިކޮށް ދެމުން އަންނަ ޚިދްމަތުގެ ޑޭޓާ ބެލެއްހެއްޓެވުމަށް އާސަންދަ ކުންފުނިން ބޭނުންކުރާ ވަޞީލަތެކެވެ. ޚިދްމަތުގެ ޑޭޓާބޭސްއެއްގެ ގޮތުގައި، މިހާރު ތިން ޕޯޓަލްއެއް އާސަންދައިން ދަނީ ބޭނުން ކުރަމުންނެވެ. އެއީ، ޑޮކްޓަރުން ބަލިމީހާގޭ ބޭސް ލިޔުއްވާ ޕޯޓަލްއަކާއި، ބިލާއި މެމޯ އަދި އެހެނިހެން މާލީ މުޢާމަލާތްތައް ބޭނުންކުރާ ޕޯޓަލްއެކެވެ. އަނެއް ޕޯޓަލްއަކީ، ބޭސް ފިހާރަތަކުގައި ބޭސްވިއްކުމުގެ މުޢާމަލާތްތަކައް ބޭނުންކުރާ ޕޯޓަލްއެކެވެ. މިހާރު މިޕޯޓަލްތައް ބޭނުންކުރަނީ ހަމަ އެކަނި އާސަންދައާއި އެމްޕެނެލް ވެފައިވާ ޕްރައިވެޓް ހޮސްޕިޓަލްތަކުންނެވެ. 

img:http://s2.psmnews.mv/images/660x400/6236.jpg|އައިޖީއެމް ހޮސްޕިޓަލް / ފޮޓޯ: ޕީއެސްއެމް

އާސަންދަ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ މައުމޫން ޢަބްދުއްޞަމަދު ވިދާޅުވީ، ޞިއްޙީ ޚިދްމަތްދެއްވާ ސަރުކާރުގެ އެންމެހައި ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް، ރައްޔިތުންނާ ގާތުން ޚިދްމަތް ދެއްވުމަށްޓަކައި، އީ-ޕޯޓަލްއަކުން ގުޅާލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ޑޭޓާ އެއްކުރުމަކީ މިހާރު ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި، ކުންފުނީގެ ގިނަ މުވައްޒަފުން ޑޭޓާ އެއްކުރުމުގެ މަސައްކަތުގައި މަޝްޢޫލުވެ އުޅެންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ޞިއްޙީ ޚިދްމަތްދޭ ހުރިހައި ތަނެއް އިންޓަނެޓް ވިއުގައަކުން ގުޅާލެވުމުން، އެކުންފުނީގެ ޚިދްމަތް ދިނުމުގައި ލުއި ފަސޭހަތެއް ލިބިގެން ދާނޭކަމަށެވެ.

"ޑޭޓާ އެއްކުރުމަކީ ވަރަށް އުނދަގޫ ކަމެއް އަޞްލު. ހަމައެކަނި ދުވާލަކު އެސް.ޓީ.އޯއިންވެސް އަންނާނެ 2500 ވަރަކަށް އިންވޮއިސް. ޑައިގްނޯސް އެޅުމަކީވެސް ވަރަށް ބޮޑުކަމެއް. މިކަމަށް ވަރަށް ގިނަ ސްޓާފުން އެބަ ބޭނުން ކުރަންޖެހޭ. މިހާރު ކުންފުނީގައި ތިބި 130 ސްޓާފުންގެ ތެރެއިން 70 ސްޓާފުން ބޭނުންކުރަން މިޖެހެނީ ޑޭޓާ ޕްރޮސެސިންގް މަސައްކަތަށް. އީ-ޕޯޓަލް ތަޢާރަފްކުރީމައި އަޅުގަނޑުމެން އެމަސައްކަތް އަޅުގަނޑުމެން ކުރާކަށް ނުޖެހޭނެ. ކުންފުނީގެ އެހެން ބޭނުންތަކަށް މުވައްޒަފުން ބޭނުންކުރެވޭނެ. މިހާރު އަޅުގަނޑުމެންނަށް މުއައްޒްފުންގެ ދަތިކަން ވަރަށް ބޮޑު. ކުރީގައި މިހާ ގިނަ ފާމަސީއެއް ނެތް. މިހާރު އެސްޓީއޯގެ ފާމަސީތައް އެކަނިވެސް 180. ޕްރައިވެޓް ކްލިނިކްތަކާއި ފާމަސީތައްވެސް އެހާ ގިނަ" މައުމޫން ވިދާޅުވިއެވެ. 

img:http://s4.psmnews.mv/images/660x400/6189.jpg|

އާސަންދަ ކުންފުނީގެ އެމް.ޑީ ވިދާޅުވީ ޞިއްޙީ ޚިދްމަތްދޭ އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކަށް އީޕޯޓަލް ތަޢާރަފްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ،އެތަންތާގައި އީޕޯޓަލް އިންސްޓޯލްކޮށް، މަސައްކަތްތެރިން އީޕޯޓަލްއަށް އަހުލުވެރިކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާކަމަށެވެ. އެގޮތުން ފ، ށ، އަދި އދ އަތޮޅުގައި މިހާރު އީޕޯޓަލް ޚިދްމަތް ތަޢާރަފްކުރައްވާ، ޚިދްމަތް ފަށްޓަވާފައިވާކަމަށާއިި އަދި އުންމީދަކީ ހުރިހައި ތަނެއް މިއަހަރުގެ ނިޔަލަށް އީ-ޕޯޓަލްއާއި ގުޅާލާ އެކަށީގެންވާ ގޮތެއްގައި ޚިދްމަތް ފެއްޓެވުންކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ މިއަހަރު ނިމުމުގެ ކުރިން ނިންމާލުން.މިހާރު އެހެރީ ހުރިހައި ޕްރައިވެޓް ތަނެއްގައި ޕޯޓަލް ޤާއިމް ކުރެވިފައި.އައި.ޖީ.އެމް.އެޗުގައި މިހާރު ގާތްގަނޑަކަށް 90 އިން ސައްތަ އީ-ޕޯޓަލްކޮށް ދަނީ. މިއަހަރު ނިމުމުގެ ކުރިން ހުރިހައި ހޮސްޕިޓަލަކާއި ޞިއްޙީ ޚިދްމަތްދޭ މަރުކަޒުތައް އީ-ޕޯޓަލް އަކުން ގުޅާލާ ޚިދްމަތް ދޭން ފަށާނަން" މައުމޫން ވިދާޅުވިއެވެ.

އާސަންދައިން މިހާރު ގެންދަނީ އީޕޯޓަލްއާއި އަދި އާސަންދަ މެދުވެރިކޮށް ދެމުންގެންދާ އެހެނިހެން ޚިދުމަތަށް، ޚިދުމަތްދޭ ފަރާތްތައް އަހުލުވެރިކުރުވުމަށްވެސް މަސައްކަތްތަކެއް ކުރަމުންނެވެ. "އަހުލު" ގެ ނަމުގައި ފަށާފައިވާ ޕްރޮގްރާމްގެ ދެވަނަ ބުރެއް އަންނަ އޮކްޓޯބަރުމަހު ހިންގުމަށް ހަމަޖެހިފައިވާކަމަށް އާސަންދަ ކުންފުނިން ބުނެއެވެ.